ކޮންމެ ޤައުމެއްގެވެސް ތާރީޚަކީ، ވަރަށް މުއްސަނދި ތަރިކައެކެވެ. ތާރީޚަކީ، މާޒީވެ ދިޔަ ދުވަސްތަކުގައި، އެޤައުމެއްގެ ޙާލަތު އޮތްގޮތާއި، އެޤައުމަކަށް ކުރިމަތިލާން ޖެހުނު ގޮންޖެހުންތަކާއި، އެ ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި ޢަމަލު ކުރިގޮތުގެ ވާހަކައެވެ. މާޒީގައި ކަން ހިނގާފައިވާ ގޮތް އެނގުމަކީ، ޤައުމު ކުރިއަށް ދިޔުމަށްޓަކައި ކޮންމެހެން ބޭނުންވާ މަޢުލޫމާތެކެވެ.
މި ދެންނެވި އެތައް ސަބަބުތަކަކަށްޓަކައި މި ޖީލުގެ ދަރީންނަށް ދިވެހީންގެ މާޒީ ހެޔޮކޮށް ކިޔައިދޭން ޖެހެއެވެ. ތެދުވެރިކަމާ އެކުގައެވެ. މިއީ އެންމެންގެ ޒިންމާއާއި ވާޖިބު އެ ކަމަކާ ގުޅިލާމެހިފައިވާ ކަމެކެވެ. ދައުލަތުގެ އެންމެ މޫރިތި މަޤާމުގައި ހުންނެވި ރައީސުލްޖުމްހޫރިއްޔާގެ ހިސާބުން ފެށިގެން ކޮންމެ ރައްޔިތަކުވެސް ވިސްނަންޖެހޭ އަދި އަދާކުރާންޖެހޭ ވާޖިބެކެވެ.
މި އޮގަސްޓު މަހު 19 ގައި ބޭއްވި އެމް.ޑީ.ޕީ.ގެ ކޮންގްރެސްގައި އެމް.ޑީ.ޕީ.ގެ އިސްވެރިޔަކު ދެއްކެވި ވާހަކަފުޅުގައި [އެމް.ޑީ.ޕީ. އުފެދުނީ އަނިޔާވެރިކަން ހައްދުފަހަނަ އެޅުމުން] ކަމަށް ވިދާޅުވެ ދެއްކެވި ވާހަކަފުޅުގައި ޙަޤީޤަތާ ޚިލާފު ވަރަށް ގިނަ ވާހަކަތަކެއް ހިމެނޭތީއެވެ. [އެމް.ޑީ.ޕީ. އުފެއްދުމުގައި ހުރިހާ ދާއިރާތަކަކާއި ފަންނުތަކުން މީހުން ބައިވެރިވި. އެކަމަށް އެ މީހުން ފަޚުރުވެރިވޭ.] އެބޭފުޅަކު ވިދާޅުވިއެވެ.
އެމް.ޑީ.ޕީ. އުފެދިގެން އައީ ޤަބޫލުކުރާ ހަމަތަކަކާއި، އުޞޫލުތަކަކާއި، ގެންނަން ބޭނުންވާ ބަދަލުތަކެއްގެ މައްޗަށްކަމަށާއި، އޭގެތެރެއިން އެއް ކަމަކީ ޖަލުގެ ތޭރިތަކުގެ ފުރަގަހުން އިވެމުން ދިޔަ ރުއިމުގެ އަޑުކަމަށާއި، ކުރެވޭ އިޝާރާތަކުން، ބުނެވޭ ބަހަކުން ނުވަތަ ހީވާ ހީވުމަކުން ވެސް މީހާގެ އަޖަލު އޭނާގެ ދޮރުގައި ޓަކި ޖަހާފާނެކަމަށާއި، އެކަމަކަށް ވަކި އިރެއް، ހިނދެއް، މެންދުރެއް އަދި މެންދަމެއް ތަފާތެއް ނެތްކަމަށާއި، ދައްކާކަށް ކޯޓު އަމުރެއް، ފުރިހަމަކުރާކަށް ގާނޫނީ އިޖުރާއަތެއް އޭރަކު ނޯންނަކަމަށް، ރައީސް މައުމޫން ޢަބްދުލްޤައްޔޫމުގެ ސަރުކާރުގައި ކަން ކުރައްވަމުން ގެންދެވި ގޮތްކަމަށް ރައްޔިތުންނަށް ސިފަކޮށްދެއްވަމުން އެބޭފުޅަކު ވިދާޅުވެފައިވެއެވެ. އަދި އެމް.ޑީ.ޕީން ބޭނުންވީ އެ ބިރުވެރިކަމާއި ބޭއިންސާފު އަދި ލާއިންސާނީ އަނިޔާ ނައްތާލަންކަމަށް ވެސް ވިދާޅުވިއެވެ.
އެއްވެސް ބޭފުޅަކު، 2022 ގައި ހުންނަވައިގެން މާ ކުރީގެ މާޒީއެއް މިއަދާ އަޅައި ބައްލަވަން ވާނީ، ތެދުވެރިކަމާއެކު ޙަޤީޤަތަށް ބުރަވެވަޑައިގެން ހުންނަވައިގެން ކަމަށް ދެކެމެވެ. ބަންދުކުރުމާއި، މީހުން ހައްޔަރުކުރުމާއި، މީހުން ހައްޔަރުކޮށް ބަންދަށް ގެންދިޔުމުގައި އެ ވާހަކަ ދެއްކެވި މާޒީގައި ނުވަތަ ވަގުތުގައި ޢަމަލު ކުރަމުން ގެންދިޔަ އުޞޫލަކީ ލިޔެވި ގަރާރުވެފައިވާ އުޞޫލެއްތޯ އެ އުޞޫލުގައި ނުވަތަ ޤާނޫނުގައި އޮތީ ކޮން ގޮތެއްތޯ، ކަން ކުރަމުން ދިޔައީ ޤާނޫނުގައި އޮތް ގޮތަށްތޯ އެބޭފުޅަކު ބެއްލެވިތޯ ސުވާލު އުފެދެއެވެ. އެހެނީ އޭރު ޢަމަލުކުރަމުން ދިޔަ ޤާނޫނާއި ޤަވާޢިދުގެ ކޮން ނުކުތާއަކާ ކޮން ގޮތަކުންތޯ ޚިލާފުވީ ވިދާޅުނުވެ ހަމަ ވާހަކަތަކެއް ވައިގެ ތެރެއަށް ދޫކޮށްލެއްވުމަކީ ތަންދޮރުދަންނަ އެއްވެސް މީހަކު ކޮށްގެން ވާނެ ކަމެއް ނޫނެވެ. އެހެނީ އެފަދަ ވާހަކަތަކުން މުޖްތަމަޢުގެ ހަމަހިމޭންކަމަށް އަސަރުކުރާނެއެވެ. ވިސްނުންތަކަށް އަސަރު ކުރުމުން އެ އަސަރުތައް ޢަމަލުތަކުން ފެންނާނެއެވެ. މިހިރީ ސުވާލު އުފެދޭ ކަންކަމެވެ. އެފަދަ ދޮގުތައް އެތައް އަހަރުތަކަކަށް ދެމިގެން ދިޔުމުން، ޢާންމު ރައްޔިތު މީހާއަށް ތެދާއި ދޮގު އޮޅި، ދޮގު އެއީ ހުދު ސާފު ސީދާ ތެދުކަމަށް ޤަބޫލުކުރެވޭ ހިސާބަކީ މިއަދު މުޖްތަމަޢު މިދެކޭ ބިރުވެރި ޙާލަތެވެ.
ހަމަ ހަޤީޤަތުގައިވެސް އެ ވިދާޅުވި ދުވަސްވަރަށް ވުރެ އިންސާފާއި ޢަދުލުވެރިކަމުގެ ތިލަފަތް ހެޔޮކަމުގެ ކޮޅަށް މިއަދު ބުރަވެފައިވޭތޯއެވެ؟ ޢަދްލު އިންސާފާ މެދު އިއްޔެގެ ދިވެހީން ހިތްހަމަ ޖެހިގެން ތިބި ވަރަށް ވުރެ، މިއަދުގެ ދިވެހިން ތިބީ ހިތްހަމަޖެހިގެން އުފަލުގައި ތޯއެވެ؟ ދޭދޭ ގުޅުންތަކަށް އޮތް އިޙްތިރާމު އިއްޔެގެ މާޒީގެ ދިވެހީންނަށް ވުރެ މިއަދުގެ ދިވެހީންނަށް މިލްކުވާ އިޙްތިރާމް މަތިވެރިތޯއެވެ؟ އިއްޔެ ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިޙްސާސްކުރި އަމާން ކަމަށް ވުރެ މިއަދުގެ ދިވެހީން އިޙްސާސްކުރާ އަމާންކަން މާބޮޑުތޯއެވެ؟ އިއްޔެގެ މާޒީގައި ދިވެހީންގެ ހިތުގައި އަނިޔާވެރިކަމަށް ޖާގަ އޮވެފައި މިހާރުގެ ދިވެހިންގެ ހިތުގައި އަނިޔާވެރިކަމަށް ހަމަ އެއްވެސް ޖާގައެއް ނެތީތޯއެވެ؟ އިސްލާމްދީނުގައި ޙަރާމް ކުރައްވާފައިވާ ކަންކަން އިއްޔެގެ މާޒީގައި އޮތީ، މިހާރު އެކަންކަމަށް ފަހިކޮށް މަގުކޮށައިދީފައިވާ ވަރާ އަޅައިބެލޭ ހިސާބެއްގައިތޯއެވެ؟
އެމް.ޑީ.ޕީ.ގެ މިދެންނެވި އިސްވެރިޔާގެ ވާހަކަފުޅުތަކަށް ޚަބަރު ލިޔުނު އެއް ނޫހަކީ ސަން ނޫހެވެ. އެ ނޫހުގެ އެ ޚަބަރު ކިޔާފައި ދިވެހިން އެއީ ތެދު ވާހަކަފުޅެއްކަން ޤަބޫލު ކުރީ ކިހާ މިންވަރަކަށްތޯ ދެނެގަނެވޭނެ އެއްގޮތަކީ އެ ޚަބަރުގެ ކޮމެންޓުތައް ނުވަތަ ކިޔުންތެރީންގެ ޚިޔާލުތައް ބަލައިލުމެވެ.
ހުރިހާ ކޮމެންޓެއްގެ ވެސް މައިގަނޑު ޚިޔާލުން ބާރުދެނީ، އެ ބޭފުޅަކު އެ ވިދާޅުވި ޙާލަތުގައި އޮތް މާޒީވެސް، އަދު ދިވެހި ޤައުމު މި އޮތް ޙާލަތަށްވުރެ އެތައް ގުނައެއް ރަނގަޅު ކަމަށް ޤަބޫލުކޮށްފައިވާ މިންވަރަށެވެ. ކޮންމެވެސް މިންވަރަކަށް އިސްވެ ދެންނެވި ވާހަކަ ސާބިތު ކުރުމަށް މި ދެންނެވި ޚަބަރުގެ ކޮމެންޓުތަކުގެ އުސްއަލިތަކެއް ގެނެސްދިނުމަކީ މުހިންމުކަމެއް ކަމުގައި ދެކެމެވެ. ހެކި ދެއްކުމަކީ ކަމެއްގެ ވާހަކަ ދެއްކުމަށް އޮތް އެންމެ ރަނގަޅު އެއް އުޞޫލުކަމަށް ވާތީއެވެ.
ޚިޔާލުތަކުގައި ބުނަމުން ދަނީ، އޭރު ޤައުމު އޮތީ ހަމަހިމޭނުން ކަމުގައެވެ. މަގުތަކުގައި ޖެހިލުމެއް ނެތި ކޮންމެ ވަގުތަކު ވެސް ހިނގާބިނގާވެ އުޅެން ކެރޭ ކަމުގައެވެ. ދެއިރު ދެ ދަޅަޔަށް މީހުން މަރާ، ކޮށާ ހަދާ މީހުން ރަށުތެރޭގައި ގިނަވެފައި ނުވާ ކަމުގައެވެ. ރެޔަކު އެތަކެއް ފިހާރައަކާއި ގޭގެ ފަޅާލައިގެން ނޫޅޭ ކަމުގައެވެ. ރަށުގައި ފެން ފަދައިން ބަނގުރާ ލިބެން ނުހުންނަ ކަމަށާއި، މީހުންގެ އަގަލާއި، ކުލުނާއި، ލަދު ހަޔާތް ނެތިގެން ނޫޅޭ ކަމަށާއި، ދީނަށް ކުޑައިމީސް ކޮށްގެން ފާޅުގައި ނޫޅެވޭކަމަށާއި، ޤައުމުގެ ލޮބުވެތި ދިވެހި ދަރިންނަށްވުރެ ބޭރުމީހުންގެ ބާރު ގަދަވެ ދިވެހިން ދެވަނަ ދަރަޖައަށް އޭރު ނުވެއްޓޭ ކަމަށާއި، ކުށް ކުރީމާ އޭރު އަދަބު ދެވޭ ކަމަށާއި، ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ހައްދެއްގެ ތެރޭގައި އޭރު ބޭއްވޭކަމަށެވެ.
އޭރުގެ ޤާނޫނާ ބެހޭގޮތުން އެމް.ޑީ.ޕީ.ގެ އިސްވެރިޔަކު ދެއްކެވި ވާހަކަފުޅަށްވެސް ކިޔުންތެރީން ޚިޔާލު ފާޅުކޮށްފައިވެއެވެ. އެމީހުން ބުނަނީ އެއިރުގެ ޤާނޫނުތަކާއި ގާނޫނު ތަންފީޒު ކުރަން ތިއްބެވި ފަރާތްތަކުން ތިއްބެވީ ކުށަށް އަރައިގަންނަ މީހާއަށް އަދަބު ދީ، ދެން ތިބި ރައްޔިތުންނަށް ހަމަނޭވާ ލިޔަދޭން ކަމަށާއި، މިހާރު ކުރީގެ ޤާނޫނަށްވުރެ މާމޮޅު ޤާނޫނުތައް ހުރިއިރުވެސް، ކޮންމެވެސް ގޮތެއް ހަދައިގެން އަބަދުވެސް ޙިމާޔަތްކުރެވޭތޯ އުޅެނީ، ކުށްވެރީން ކަމުގައެވެ.
ކިޔުންތެރިން ބުނަނީ މިދެންނެވި ކަންކަމުގެ ނަތީޖާއަކީ ކޮންމެ ކަމެއްވެސް ހައްދުން ނެއްޓި، މުޖްތަމަޢަށް ބިރުވެރިކަމާއި ނާމާންކަން ވެރިވުންކަމުގައެވެ. އެމް.ޑީ.ޕީ. އުފެދުނު ސަބަބުކަމަށް އެވިދާޅުވާ ސަބަބަކާ ކިޔުންތެރިން އެއްގޮތަކަށްވެސް އެއްބަހެއް ނުވެއެވެ. އެމީހުން ބުނެފައިވަނީ، އެމް.ޑީ.ޕީ. އުފެދުނީ ހުޅަނގުގެ ޤައުމުތަކުގެ ބާރުވެރިކަމާއެކު އެމީހުންގެ ވިސްނުން މިތަނުގައި ހިންގުމަށް ކަމުގައެވެ. އެ މަޤްޞަދު އެމީހުންނަށް ނިކަން ފަހިކޮށް ޙާޞިލުވެއްޖެ ކަމުގައެވެ. އަނިޔާވެރި ވެރިކަމެއް ކަމަށް ކުރީގެ ވެރިކަން ދައްކައި، އެ ވެރިކަން ނިންމުމުގެ ނަމުގައި ދޮގާއި މަކަރުތައް އެތައް ދުވަހެއް ވަންދެން ހަދައިގެން ރައްޔިތުންގެ ބޮލަށް އެ ދޮގުތައް ތެދުގެ ސިފައިގައި ވައްދައިދީ ވިސްނުވައިގެން އައި ވެރިކަން، މިއަދު މި ދަނީ އިންތިހާއަށް އަނިޔާވެރި، ބިރުވެރި، ކޮރަޕްޓް ވެރިކަމެއް ހިންގަމުން ކަމުގައެވެ.
މި ހުރިހާ ކަމެއް މިހެން ހުރުމުން ކިޔުންތެރިން ބުނެފައިވަނީ އެމް.ޑީ.ޕީ. ވެރިކަމަށް އައިސްގެން މި ލިބުނު ދައްޗާއި ތުރާލަށްވުރެ މާޒީގެ އެ ދިރިއުޅުމުގައި ތިބިގޮތަށް ތިބި ނަމަ އަހަރެމެންނަށް މާ ރަނގަޅުވީސްކަން ކަށަވަރު ކަމުގައެވެ. އަދި މިއަދު ކުރިމަތިލާން މިޖެހޭ އެތައް ބަލާވެރިކަމަކުން ސަލާމަތްވީސް ކަމުގައެވެ. މިހާރު މި ޤައުމުގައި އެއްޖިންސުން ގުޅުން ހިންގުމަކީ އެންމެ ރަނގަޅު ކަމެއް ކަމަށް ވިސްނައިދެމުން އެ ގެންދާ ގެންދިޔުމާއި، އިސްލާމްދީނަށް ފުރައްސާރަ ކުރުމާއި، އިސްލާމްދީނުގައި ނަހީކުރައްވާފައިވާ މުންކަރާތުތަކަށް އަރައިގަތުން އެއީ މާ ބޮޑު ކަމަކަށް ނުވާ ދަރަޖައަށްގޮސް ހުރިހާ ކަމެއް ހައްދުން ނެއްޓިއްޖެ ކަމުގައެވެ.
ހަމަ އެންމެ ކޮމެންޓެއްވެސް އެ ވިދާޅުވި ވިދާޅުވުމާ އެއްކޮޅަކަށް ނެތްކަމީ، އެ ވިދާޅުވި ވިދާޅުވުމަށް ބަރޯސާ ނުވެވޭން އޮތް ވަރުގަދަ ސަބަބެކެވެ. މިއީ ދިރާސާއެއް ނޫން ކަމުން ގޮތް ނިންމުމަކީ މި ލިޔުމުގެ މަޤުޞަދެއް ނޫން ނަމަވެސް، މިއީ ދިރާސާކޮށްފިނަމަ ނުކުމެދާނެ ނަތީޖާ ކަމަށް ބަރޯސާ ކުރެވިދާނެ ވިސްނުމެއް ކަމަށް ޤަބޫލުކުރެވެއެވެ.
ދިވެހިރާއްޖެއަކީ ޞުލްޙަވެރި ޤައުމެއް ކަމަށާއި، ދިވެހިރާއްޖެ ހަލަބޮލިވެގެން ގޮސްފައިވަނީ 2008 ގެ ފަހުންކަމަށާއި، ދިވެހިރާއްޖެއާއި މުސްލިމުން ދެކެ ރުޅިއަންނަ މީހުންވެސް ރާއްޖޭގެ ޞުލްޙަވެރިކަމާ ދޭތެރޭ ކުރިން ބުނާނެ އެއްޗެއް ނޯންނަކަމަށާއި، 2008 ގައި ރައީސް މައުމޫނާ ދެކޮޅަށް ވޯޓު ދެވުނީތީވެސް ދެރަވާކަމުގައި ބައެއް ކިޔުންތެރިން ބަޔާންކޮށްފައި ވެއެވެ.
އަދި މިއީ ރައްޔިތުންނަށް އޮޅުވާލަން ވަރަށް މުނާސިބު ވަގުތުކޮޅެއް ކަމަށާއި، ފަހުން އުފެދުނު ހުރިހާ ސަރުކާރެއްވެސް މާ އަނިޔާވެރި ކަމަށާއި އެހެން ބުނަން ޖެހެނީ ތިން ބާރު ވަކިކުރި ޤާނޫނު އަސާސީއެއް ހަދާފައި އޮތް އިރު، ހުރިހާ ބާރެއް މުށުތެރެއަށް ލައިގެން ކޮންމެ ރައީސަކު އުޅުއްވާތީ ކަމަށް ވެސް ބުނެފައި ވެއެވެ.
ކޮންމެކަމެއް ވެސް ހައްދުފަހަނައަޅައި ގޮސް ޖަޒުބާތުތައް ހިލިގަތުމުން، އެ ޖަޒުބާތުތައް ދުލާއި ގަލަމުގެ ޒަރީޢާއިން ބޭރުވާނެއެވެ. އެހެންކަމުން ދިވެހި ރައްޔިތުން އެކިއެކި މަންސަތަކުގައި ފާޅުކުރާ ކަންބޮޑުވުމާއި ހާސްކަމުން ފުރިފައިވި ޖަޒުބާތުތަކުން ޖެހޭ ޑަނޑޫރާގެ އަޑު މިވަނީ އެތައް ގުނައަކަށް ބާރުވެފައެވެ. އެކިއެކި ނޫސްތަކަށް އިރު އުދައަސްތަވާ ކޮންމެ ދުވަހެއްގެ ފަލަ ސުރުޚީތަކާއި ބްރޭކިން ނިއުސްތަކުގައި ފެންނަ ޚަބަރުތަކަކީ، މި ލޮބުވެތި އިސްލާމީ އުންމަތުގައި ހަމަ ހިނގާ ކަންކަން ކަން ޤަބޫލުކުރަން ދަތި ނަމަވެސް، ހިނގާ ކަންކަމެވެ. މީހުންނަށް އަނިޔާކުރުމާއި މެރުމެވެ. އެއްޖިންސުން ގުޅުން ހިންގުމާއި، އެމަންޒަރުތައް ދައްކައިދޭ ބަރަހަނާ ވީޑިޔޯތައް ޢާންމުވަމުން ދިޔުމެވެ. މަކަރާއި، ހީލަތެވެ.
ހިތްފަސޭހަ ޚަބަރެއް އޮންނަނީ މަދު ފަހަރަކުއޭ ދެންނެވިޔަސް، ދޮގަކަށް ނުވާނެއެވެ. އެ ހުރިހާ ޚަބަރުތަކަކާއި ތެދު ޙަޤީޤަތް ފެނި ތަޖުރިބާކުރެވުމުން، ދިވެހި ލޮބުވެތި އަޚުން އެހާރާއި މިހާރު އަޅައިބަލައެވެ. އެއަށް ފާޑު ކިޔައެވެ. އެގޮތުން ފެންނަނީ މުޅި ސަރުކާރު ޑިފެންސަށް ކުޅޭތަން ކަމަށާއި، ކުރިން ދެންނެވި އެމް.ޑީ.ޕީ.ގެ އިސްވެރިޔާގެ އަޑުފުޅަށް ލެވުނުހައި ބާރެއް ލައްވައި އެ ވިދާޅުވި މާޒީގެ [އަނިޔާވެރި] ދުވަސްތަކަށްވުރެ ދައުލަތް ހިންގުމުގެ ޚަރަދު ވީ ބޮޑުކަމަށާއި، ވައްކަން ވީ އިތުރުކަމަށާއި، ކޮރަޕްޝަން ވީ މަތި ކަމަށާއި، މަސްތުވާތަކެތި ވީ އިތުރުކަމަށާއި، ބިދޭސީން ވީ ގިނަ ކަމަށާއި، މާރާމާރީތައް ހައްދުން ނެއްޓިއްޖެ ކަމަށާއި، އަނިޔާވެރި މަރުތައް ވީ އިތުރުކަމަށާއި، އިންސާފު އަމުދުން ނުލިބޭކަމަށާއި، ތަކެއްޗާއި ޚިދުމަތުގެ އަގުތައް އަތްނުފޯރާހައި އުސް ވެއްޖެކަމަށާއި، ޤައުމާމެދު ވިސްނާ ވެރިޔަކު ނެތްކަމަށާއި، ދިވެހި ދަރިންނަށް ވެސް ޤައުމާމެދު ވިސްނުން ނުބެހެއްޓުމަށް ދަސްކޮށްދެނީ ކަމަށާއި، އެއްޖިންސުގެ ޖިންސީ ޢަމަލުތައް އިތުރުވަމުންދާ މިންވަރަށް އަޅައި ނުލުމަށާއި ކޮންމެ ކަމެއް ވަރިހަމަ ކޮށްގެން ތިބެން ދަސްކޮށްދޭން މަސައްކަތް ކުރާކަމަށެވެ.
މިއީ ކުޑަކުޑަ ޤައުމެކެވެ. ރީތި ސިފަތައް ހުރި ރައްޔިތަކު ދިރިއުޅެމުން އައި ޤައުމެކެވެ. އެކުވެރި އުޚުއްވަތްތެރި ރައްޔިތަކު ދިރިއުޅެމުން އައި ޤައުމެކެވެ. އެކެއްގެ ރިހުން އަނެކަކު އިޙްސާސް ކުރަމުން އެހީތެރިވަމުން އައި ރައްޔިތަކު ދިރިއުޅުނު ޤައުމެކެވެ. ޒަމާނާއި ޙާލަތުގައި ފުދިގެން އުޅުނު ރައްޔިތަކު ދިރިއުޅުނު ޤައުމެކެވެ. ހެޔޮލަފާ ވެރިން ތިއްބެވިނަމަ މިއަދަކީ އެއަށްވުރެ މާ ރަނގަޅު މާ ފާގަތި ދުވަސްތަކެއްގައި އަޅުގަނޑުމެން އުޅެވޭނެ މަގު ފަހިވެފައިވާ ދުވަސްވަރަކަށް ވީހެވެ. ހަރުދަނާ ޤާނޫނު އަސާސީއެކެވެ. ބާރުތައް ވަކިކުރެވިފައިވާ ޤައުމެކެވެ. ޤުދްރަތީ މުއްސަނދިކަން އިރާދަކުރައްވާފައިވާ ޤައުމެކެވެ. އެ ރީތިކަމުން ލައްކަ މަންފާ ހޯދާ ޤައުމެކެވެ.
ނެތީ ވަފާތެރި ޚިދްމަތްތެރީންނެވެ. ކުލުނު ހުރި ވެރީންނެވެ. ތެދަށް ލޯބިކުރާ ޕޮލިޓީޝަނުންނެވެ. އެހެން ނޫންނަމަ މި ޤައުމުގެ ރީތި ހަމަހިމޭން ދޮންވެލިގަނޑުގައި ބީހޭނީ އަމާންކަމާއި ބާއްޖަވެރިކަމުގެ ރާޅުތަކެވެ. ގަސްކަރަތަކުން އިވިއިވި ހުންނާނީ ލޯތްބާއި ކުލުނުގެ ވައިރޯޅީގެ ރީތި މިޔުޒިކުތަކެވެ. މަގުމަގާއި ގޯޅިގޯޅީގައި ދުވެ މަޖާކުރާނީ އަޚުވަންތަކަން ހުރި ކުދި ބޮޑު ލޮބުވެތި ދިވެހި ދަރީންނެވެ. އޭރުން މި ދިވެހި އިސްލާމީ އުންމަތް އޮންނާނީ އަތާއި އަތްގުޅާލައި، ބޭރުގެ ރީތި ގުޅުންތަކަށް މަރްޙަބާގެ ސަނާތައް ބަރުތީލަކޮށް އަމިއްލަ ގޮތާއި ފޮތް ދަމަހައްޓާ ފުދުންތެރި ޤައުމެއްގެ ގޮތުގައި ކަމާމެދު ޝައްކުކުރާނީ ކާކުތޯއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް