މި ސަރުކާރު އައިއިރު ރައްޔިތުން ބޭނުންވާ އެތައް ގިނަ ކަންތައްތަކެއް ހުރީ ނުފުދި: ރައީސް ސާލިހު

މި ސަރުކާރު އައިއިރު ރައްޔިތުން ބޭނުންވާ އެތައް ގިނަ ކަންތައްތަކެއް ހުރީ ނުފުދި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. މ.ދިއްގަރު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކ...

27 Aug 2022 | 19:15

މި ސަރުކާރު އައިއިރު ރައްޔިތުން ބޭނުންވާ އެތައް ގިނަ ކަންތައްތަކެއް ހުރީ ނުފުދި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

މ.ދިއްގަރު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ނިންމުމުގެ ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ ކުރީގެ ސަރުކާރުތަކުން އެކަންކަން ކޮށްދިނުމަށް ދިއްގަރު ރައްޔިތުންނަށް ވައުދުވެފައި އޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ދިއްގަރުގެ ތަރައްޤީއަށް މަސައްކަތްކުރުމުގައި، ސަރުކާރަށް އެއްބާރުލުންދޭ ކައުންސިލެއް އޮތުމާއި ދާއިރާގެ މަޖިލީހުގެ މެމްބަރުގެ ފަރާތުން ލިބިވަޑައިގަންނަވާ އެއްބާރުލެއްވުން ފާހަގަކުރައްވާ ކަމަށެވެ. އަދި އެއީ މަޝްރޫއުތައް ކުރިޔަށް ގެންދިޔުމުގައި ސަރުކާރަށް ލިބުނު ވަރަށްބޮޑު ފަސޭހައެއް ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑު މިދަންނަވަނީ، ޚިޔާލު ތަފާތުވުން ނުހުންނާށެކޭ ނޫން. އުނދަގޫކޮށް ދުއްތުރާކޮށް، ކަންތައްތައް ހުއްޓުވުމަށް މަސައްކަތް ކުރުމަކީ ޚިޔާލުތަފާތުވުމެއް ނޫން. މިއަދުވެސް އެކަން އެބައޮތް އެހެން ނަމަވެސް އެކަންތައްތައް ގިރާކޮށް އަޅުގަނޑުމެން މިދަނީ ރައްޔިތުންނަށް ރައްޔިތުންގެ ވެރިކަމެއް ކޮށްދެމުން" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ދިއްގަރަށް އުދައެރުން ހުއްޓުވުމަށްޓަކައި މިކުރެވުނު މަސައްކަތުގައި ގާތްގަނޑަކަށް، 700 މީޓަރުގެ ސަރަހައްދަކަށް ވެލިއަޅައި، ހިލަތޮށި ލެވިފައިވާ ކަމަށެވެ. އަދި ކުރިޔަށް މިއޮތް ދެތިން އަހަރުގައި މިލެވުނު ހިލަތޮށިން ލިބެނީ ކިހާވަރެއްގެ ހިމާޔަތެއްތޯ ބަލައި، އިތުރަށް ރަނގަޅު ކުރަންޖެހޭ ކަމެއް އޮތްނަމަ އެކަމެއް ސަރުކާރުން ކޮށްދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މީގެއިތުރުން އެމަނިކުފާނުގެ ވާހަކަފުޅުގައި ވިދާޅުވީ ދިއްގަރު ބިންހިއްކުމުގެ މަސައްކަތް ނިމޭއިރު 38 ހެކްޓަރަށް ރަށް ބޮޑުވެގެންދާނެ ކަމަށެވެ. އަދި މިސަރުކާރުން ވައުދުވީ 25 ހެކްޓަރުގެ ބިން ހިއްކުމަށް ކަމަށާއި މިހާރު 17 ހެކްޓަރުގެ ބިން ހިއްކިފައިވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިއާއިއެކު ރަށުގެ ލޭންޑްޔޫސް ޕްލޭން އަވަހަށް ހަދައި ބިންބޭނުން ކުރާނެގޮތް ކައުންސިލުން ކަނޑައެޅުމަށްވެސް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ.

ދިއްގަރުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތުގެ ނިމުން ފާހަގަކުރުމަށް ބޭއްވި މިރަސްމިއްޔާތުގައި ދިއްގަރު ރައްޔިތުންގެ ފަރާތުން ވަނީ ޚާއްޞަ ހަނދާނީ މޮޑެލްއެއް ރައީސުލްޖުމްހޫރިއްޔާއަށް ވެދުމަށް އަރުވާފައެވެ.

ދިއްގަރުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތާއި ބިންހިއްކުމުގެ މަސައްކަތް ކުރަމުން ދަނީ އެމްޓީސީސީންނެވެ. ދިއްގަރުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް މުޅިން ނިމިފައިވާއިރު، އެމަޝްރޫގެ ދަށުން ދިއްގަރަށް އެންމެ ބޮޑަށް އުދައަރާ، ސަރަހައްދުގެ 701 މީޓަރުގެ ސަރަހައްދަކަށް ވެލިއަޅައި ވަނީ ބޮޑުހިލައިން ތޮށިލާފައެވެ.

ބިންހިއްކުމުގެ މަޝްރޫޢުގެ ދަށުން 25 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް ހިނގަމުންދާއިރު މިހާރު ވަނީ 17 ހެކްޓަރުގެ ބިން ހިއްކާ ނިމިފައެވެ. މިދެ މަޝްރޫޢުގެ އަގަކީ، 121.1 މިލިޔަން ރުފިޔާއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް