އިނގިރޭސި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކުޅުނު މެޗުން އާސެނަލް އަތުން ތަފާތު ބޮޑު ނަތީޖާއަކުން އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ މޮޅުވެއްޖެއެވެ.
އަމިއްލަ ދަނޑުގައި އާސެނަލް އާއި ދެކޮޅަށް ސިޓީ ކުޅުނު މ8 މެޗުން އެޓީމު މޮޅުވީ 5-0 ގެ ނަތީޖާއަކުންނެވެ.
މި މެޗުގައި އާސެނަލުގެ ފަރާތުން ދައް ކުޅުމެއް ފެނިގެންދިޔައިރު، ސިޓީން ވަނީ މޮޅަށް ކުޅެ ގިނަ ހަމަލާތަކެއް އުފައްދާފައެވެ. ނަތީޖާއެއްގެ ގޮތުން ސިޓީން ވަނީ މެޗުގެ ވަރަށް ކުރީކޮޅު ފުލުފުލު ދެ ލަނޑުޖަހާ މެޗުގެ ލީޑު ނަގާފައެވެ. އެގޮތުން މެޗުގެ ފަށައިގެން ހަތްވަނަ މިނެޓުގައި ގަބްރިއެލް ޖީސަސް ނަގައިދިން ހުރަހަކުން ސިޓީގެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނަގައިދިނީ އިލްކާއި ގުންޑޮގާނެވެ. އަދި އޭގެ ފަސް މިނެޓު ފަހުން އޭރިއާ ތެރެއިން ލިބުނު ބޯޅައަކުން ފެރާން ޓޮރޭސް ވަނީ ލަނޑެއް ޖަހައި، ސިޓީގެ ލީޑު ފުޅާކޮށްދީފައެވެ.
މި މެޗުގައި އާސެނަލަށް އިތުރު މައްސަލަތަކެއް ކުރިމަތިވީ މެޗުގެ 35 ވަނަ މިނެޓުގައި އެ ޓީމުގެ ގްރޭނިޓް ޝަކާއަށް ސީދާ ރަތް ކާޑެއް ދައްކާ ދަނޑުން ފޮނުވާލުމުންނެވެ. އޭނާއަށް ރެފުރީ ރަތް ކާޑު ދެއްކީ ސިޓީގެ ޖޮއާއޯ ކަންސޭލޯއަށް ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެންނެވެ. އެއާއެކު އާސެނަލުން ކުޅެމުން ގެންދިޔައީ އެއް ކުޅުންތެރިއަކު މަދުކޮށެވެ.
މިއާއި އެކު ސިޓީން އިތުރަށް ކުޅުން ރަނގަޅު ކުރިއިރު، ފުރަތަމަ ހާފު ނިމެން ދަނިކޮށް ސިޓީން ވަނީ އެޓީމުގެ ތިންވަނަ ލަނޑެއް ޖަހާ ނަތީޖާ 0-3 އަށް ބަދަލުކޮށްލާފައެވެ.
މި ލަނޑު އެޓީމަށް ޖަހައިދިނީ ޖެކް ގްރީލިޝް ތަނަވަސްކޮށްދިން ފުރުސަތަކުން ޖީސަސްއެވެ.
މި މެޗުގައި ސިޓީގެ ހަތަރު ވަނަ ލަނޑު ކާމިޔާބުކުރީ ދެވަނަ ހާފުގެ ވަރަށް ކުރީކޮޅު މެޗުގެ 48 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ރޮޑްރީއެވެ. އަދި މެޗު ނިމެން ހަ މިނެޓަށް ވެފައި ވަނިކޮށް ފެރާން ޓޮރޭސް ވަނީ ސިޓީގެ ފަސްވަނަ ލަނޑު ކާމިޔާބުކޮށްދީފައެވެ.
މި މެޗުން އާސެނަލް ބަލިވިއިރު، ލީގުގައި މިހާތަނަށް ކުޅުނު ތިން މެޗުންވެސް އެ ޓީމު ވަނީ ބަލިވެފައެވެ. އާސެނަލް މިވަވުތު އޮތީ އެއްވެސް ޕޮއިންޓެއް ނުލިބި ލީގުގެ އެންމެ ފަހަތުގައެވެ. ސިޓީން ވަނީ މި މޮޅާއި އެކު ލީގުގެ ތިންވަނައަށް ޖެހިލާފައެވެ.
ލީގުގައި ދެން އާސެނަލް އަދި ސިޓީވެސްެ މެޗެއް ކުޅޭނީ އަންނަ ސެޕްޓެމްބަރު މަހުގެ 11 ވަނަ ދުވަހުގައެވެ. އެދުވަހު އާސެނަލް އަމިއްލަ ދަނޑުގައި ނޯވިޗް ސިޓީއާ ދެކޮޅަށް ނިކުންނައިރު، ސިޓީ ނިކުންނާނީ ރަށުން ބޭރުގައި ލެސްޓާ ސިޓީއާ ދެކޮޅަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް