ލަވަޖަހާ ސެޓެއް ވަގަށްނެގި މީހަކު ޖަލައްލައި 17،600 ރުފިޔާ އިން ޖުރިމަނާ!

ކާރަކުން ލަވަޖަހާ ސެޓެއް ވަގަށް ނެގި މީހަކު 17،600 ރުފިޔާއިން ޖުރިމަނާ ކޮށްފިއެވެ. މި މައްސަލައިގައި ޖޫރިމަނާކުރީ މ. ނާޒްލީމަންޒިން/ ކ. މާލެ އަލީ ނިހާދު އެވެ. އޭނާގެ މައްޗަށް އުފުލާފަނީ "އެހެން މީހެއް...

28 Aug 2021 | 10:50

ކާރަކުން ލަވަޖަހާ ސެޓެއް ވަގަށް ނެގި މީހަކު 17،600 ރުފިޔާއިން ޖުރިމަނާ ކޮށްފިއެވެ.

މި މައްސަލައިގައި ޖޫރިމަނާކުރީ މ. ނާޒްލީމަންޒިން/ ކ. މާލެ އަލީ ނިހާދު އެވެ. އޭނާގެ މައްޗަށް އުފުލާފަނީ "އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމުގެ" ދައުވާ އެވެ.

ދައުލަތުން މީނާގެ މައްޗަށް މިދައުވާ އުފުލާފައިވަނީ 2019 ސެޕްޓެމްބަރު 24 ވަނަ ދުވަހު 17:09 ހާއިރު ފަރީދީމަގާއި އޯކިޑްމަގު ގުޅުން ކަންމަތިން ދަނިކޮށް އެސަރަހައްދު ޕެޓްރޯލްކުރަމުންދިޔަ ފުލުހުންނަށް މީނާ ފެނިގެން މީނާގެ އަމަލުތައް ހުރިގޮތުން މީނާ ވައްކަންކޮށްގެން އުޅޭކަމަށް ތުހުމަތުކުރެވިގެން މީނާ ހުއްޓުވައި މީހާގެ އަތުގައި އޮތް ކަޅު ކޮތަޅު ތެރޭގައި އޮތް ލަވަޖަހާ ސެޓާއި ބެހޭގޮތުން ސުވާކުކުރުމުން، އެ ލަވަޖަހާ ސެޓް މީހާއަށް ލިބުނު ގޮތެއް ބުނެދީފައިނުވާތީ، މީނާއާއި ލަވަޖަހާ ސެޓު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ފައިވާކަމަށެވެ.

އަދި 2019 ސެޕްޓެމްބަރު 23 ވަނަ ދުވަހު ރޭގަނޑު 23:30 ހާއިރު މިފްކޯ މަސްފިހާރަ ސަރަހައްދުގައި ޕާކުކޮށްފައި އޮތް ކާރެއްގައި ބަހައްޓާފައިހުރި ހޮވެން ބްރޭންޑްގެ ލަވަޖަހާ ސެޓް ގެއްލިފައިވާކަމަށް ބުނެ މައްސަލަ ހުށަހެޅުމުން އެ ކާރުގެ ލަވަޖަހާ ސެޓްގެ މައުލޫމާތު ސާފުކުރިއިރު، މީނާގެ އަތުން ފެނުނު ލަވަޖަހާ ސެޓަކީ ކާރުގެ ލަވަޖަހާ ސެޓުކަން އެނގިފައިވާކަމަށެވެ.

މި މައްސަލައިގައި އޭނާވަނީ ދައުވާއަށް އިންކާރުކޮށްފައެވެ. ދައުވާ ސާބިތު ކުރުމަށް އޭނާއާ ދެކޮޅަށް ދައުލަތުން 4 ޝަފަހީ ހެއްކާއި 2 ކިތާބީ ހެކި ހުށަހަޅާފައިވެއެވެ. އަދި ދިފާއުވުމަށް އެއްވެސް ހެއްކެއް ހުށަހަޅާފައިނުވެއެވެ.

މި މައްސަލައިގައި ގާޒީ ސަފްއަތު ހަބީބް އިއްވި ހުކުމުގައި ބުނެފައިވަނީ މި ލަވަޖަހާ ސެޓަކީ އަލީ ނިހާދު ނީލަން ފިހާރައިން ގަނެފައިވާ އެއްޗެއްކަމަށް ބުނިނަމަވެސް އެކަން އޭނާއަށް ޝަރީއަތަށް ސާބިތު ކޮށްދެވިފައިނުވާކަމަށެވެ.

އެހެންކަމުން 3 މަސް ދުވަހުގެ ޖަލު ހުކުމެއް އިއްވާ އެ ޖަލުހުކުމް 17،600 ރުފިޔާގެ ޖުރިމަނާ އަދަބަކަށް ބަދަލުކޮށް އެފައިސާ ތިން މަސް ތެރޭގައި މީރާއަށް ދެއްކުމަށް ހުކުމް ކުރާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް