އައްޑޫ ސިޓީ ކައުންސިލުން ޤާނޫނީ ޒިންމާ އަދާނުކުރާ ކަމުގެ ޝަކުވާ!

އައްޑޫ ސިޓީ ކައުންސިލުން ޤާނޫނީ ޒިންމާ އަދާނުކުރާ ކަމުގެ ޝަކުވާ ބޮޑުވެއްޖެއެވެ. ރައްޔިތުންގެ އެންމެ ބޮޑު ޝަކުވާއަކީ މިހާރު މި ހިނގާ ދައުރުގެ އައްޑޫ ސިޓީ ކައުންސިލަށް ފުރަތަމަ 100 ދުވަސް ހަމަވާއިރު ލާމ...

28 Aug 2021 | 10:20

އައްޑޫ ސިޓީ ކައުންސިލުން ޤާނޫނީ ޒިންމާ އަދާނުކުރާ ކަމުގެ ޝަކުވާ ބޮޑުވެއްޖެއެވެ.

ރައްޔިތުންގެ އެންމެ ބޮޑު ޝަކުވާއަކީ މިހާރު މި ހިނގާ ދައުރުގެ އައްޑޫ ސިޓީ ކައުންސިލަށް ފުރަތަމަ 100 ދުވަސް ހަމަވާއިރު ލާމަރުކަޒީ ގާނޫނުގައި ލާޒިމްކޮށްފައިވާ ރައްޔިތުންގެ އެއްވެސް ބައްދަލުވުމެއް ބޭއްވިފައި ނުވުމެވެ.

ލާމަރުކަޒީ ގާނޫނުގެ 110 ވަނަ މާއްދާގައި ބވާ ގޮތުން ނަމަ އެ ކައުންސިލެއް ތަމްސީލުކުރާ ރަށެއް ނުވަތަ ސިޓީއެއްގެ ރައްޔިތުންނަށް އާންމުކޮށް ހުޅުވާލާފައިވާ ބައްދަލުވުމެއް ކޮންމެ އަހަރަކު ފެބްރުއަރީއާއި ޖުލައި މަހު ސިޓީ ކައުންސިލުންނާއި ރަށްރަށުގެ ކައުންސިލްތަކުން ބާއްވަންވާނެކަމަށެވެ.

އެގޮތުން ފެބްރުއަރީ މަހު ބާއްވާ ބައްދަލުވުމުގައި ފާއިތުވި އަހަރުގެ އަހަރީ ރިޕޯޓާއި މާލީ ރިޕޯޓާއި އޮޑިޓް ރިޕޯޓު ރައްޔިތުންނަށް ހުށަހަޅަން ޖެހެއެވެ. އަދި ޖުލައި މަހުގައި ބާއްވާ އާންމު ބައްދަލުވުމުގައި ކައުންސިލްގެ ކުރިއަށްއޮތް އަހަރުގެ މަސައްކަތު ތާވަލާއި ބަޖެޓު ރައްޔިތުންނަށް ހުށަހަޅައި ހިޔާލު ހޯދަންވާނެއެވެ.

މިގޮތުން ރައްޔިތުންނާއި ބައްދަލުކުރުމުގެ 7 (ހަތެއް) ދުވަސް ކުރިން އެ ރިޕޯޓުތަކާއި ޕްލޭނާއި ބަޖެޓުގެ މައުލޫމާތު އާންމުކޮށް ހާމަކުރަންވާނެއެވެ. މީގެ އިތުރުން ތަރައްގީގެ ޕްލޭނަށް އަމަލީ ސިފަ އަންނަމުންދާ ގޮތުގެ މައުލޫމާތު މަދުވެގެން ދެމަހުން އެއްމަހު ކައުންސިލުން އާންމުކޮށް ހާމަކުރަންވާނެއެވެ.

މި ދައުރުގެ ކައުންސިލް ހުވާކޮށްފައި ވަނީ 2021 މޭ 17 ވަނަ ދުވަހުއެވެ. ކައުންސިލް ހުވާ ކުރި އިރު 2021 ވަނަ އަހަރުގެ ފުރަތަމަ 5 މަސް ވަނީ ފާއިތުވެފައެވެ. އެހެންވެ އާ ކައުންސިލަށް ފުރަތަމަ ކުރަން ލާޒިމުވެފައި އޮތީ ކުރީ ކައުންސިލް ހިންގި ގޮތުގެ ރިޕޯޓު ގާނޫނުގައި ބުނާ 20 ޖުލައިގެ ކުރިން އާންމު ކުރުމެވެ. އަދި ޖުލައި މަސް ނިމުމުގެ ކުރިން ހިޔާލު ހޯދުމަށާއި ރައްޔިތުންނާއި މަޝްވަރާ ކުރުމަށް ބައްދަލުވުމެއް ބޭއްވުމެވެ.

ނަމަވެސް ޖުލައި މަސް ނިމި އޮގަސްޓު މަސް ނިމޭއިރުވެސް ކައުންސިލުން ރައްޔިތުންނާއި ބައްދަލުވުމެއް ބާއްވާފައި ނުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް