ވައިގެ މަގުން ރާއްޖެއަށް ގިނަ އަދަދެއްގެ މަސްތުވާ ސާމާނު އެތެރެ ކުރަން އުޅުނު މީހާގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.
މި އަހަރުގެ އޮގަސްޓް 18 ވަނަ ދުވަހު ރާއްޖެ އައި އުމުރުން 29 އަހަރުގެ ބްރެޒިން އަންހެނެއްގެ އަމަލުތައް ހުރިގޮތުން، ޝައްކުކުރެވިގެން އޭނާގެ ލަގެޖް ކަސްޓަމްސްއިން ބަލައި ފާސްކުރިއިރު ލަގެޖުގެ ތެރެއިން 16.72 ކިލޯގެ ކޮކެއިންވަނީ ފެނިފައެވެ.
އޭނާގެ ބަންދު ޖެހުމަށް އިއްޔަ ކޯޓަށް ގެންދިއުމުން ކްރިމިނަލް ކޯޓުން ވަނީ އޭނާގެ ބަންދަށް 15 ދުވަސް ޖަހާފައެވެ.
އޭނާ ބަންދުގައި ބެހެއްޓި ސަަބަބެއްގެ ގޮތުގައި ކޯޓުން ބުނެފައިވަނީ އޭނާގެ އަތުން ފެނުނު މަސްތުވާތަކެތީގެ ބަރުދަނުގައި 16 ކިލޯ އަށްވުރެއް ގިނަ އަދަދަކަށް މަސްތުވާތަކެތި ފެނިފައިވާކަމަށާއި، މިތަކެތި ހަވާލުވާނެ ފަރާތެއް ނެތްކަމަށް ވާތީ މިއީ ވިޔަފާރި ކުރުމުގެ ބޭނުމުގައި ރާއްޖެ އެތެރެކުރި އެއްޗެހި ކަމަށް ބެލެވޭ ކަމަށާއި، މީނާ ބަންދުން ދޫކޮށްލައިފިނަމަ ފިލާފާނެކަމަށް އަދި މުޖުތަމައުގެ ސަލަމާތަށް ނުރައްވެދާނެކަމަށް ފެންނަކަމަށެވެ.
ވައިގެ މަގުން ބްރެޒިލްއިން ރާއްޖެއެތެރެކުރި 16.72 ކިލޯގެ މަސްތުވާތަކެތީގެ މަގުމަތީ އަގު 83 މިލިއަން ރުފިޔާއަށް އަރާކަމަށް ކަސްޓަމްސްއިން ހާމަކޮށްފައި ވެެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް