ދަރަވަންދޫ ފުޓްސަލް ފިއެސްޓާ 2021 ގެ ފިރިހެން ޗެމްޕިއަންކަން ފެލްކަން ޔުނައިޓެޑު އަދި އަންހެން ޗެމްޕިއަންކަން ބްލޫ ފްލޭމްސް ހޯދައިފި އެވެ.
އެރަށު ފުޓްސަލް ދަނޑުގައި ރޭ ކުޅުނު ފައިނަލް މެޗުގައި ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ އިރު، ފުރަތަމަ ކުޅުނު އަންހެން ފައިނަލުގައި އެޗްްއެސްއާރްސީ ބްލޫ ފްލޭމްސް އިން ޗެމްޕިއަންކަން ހޯދީ އެޗްއެސްއާރްްސީ ބްލޫ ބަޓަރފްލައިސް އާއި ވާދަކޮށް ް6 ލަނޑު 1 ލަނޑުން ނެވެ.
މި ފިއެސްޓާގައި ހިމެނޭ ފިރިހެން ބައިގެ ޗެމްޕިއަންކަން ފެލްކަން ޔުނައިޓެޑުން ހޯދީ ކިންގްސް ޔުނައިޓެޑާއި ބައްދަލުކޮށް ވާދަވެރި ކުޅުމަކަށް ފަހު، 4 ލަނޑު 3 ލަނޑުން ނެވެ.
މިއަހަރުގެ ފިއެސްޓާގައި އަންހެން 5 ޓީމާއި ފިރިހެން 5 ޓީމު ބައިވެރިވެފައިވާ އިރު، ފައިނަލަށް ދަތުރުކޮށްފައިވަނީ ދެ ގިންތި ވަކިން ލީގު އުސޫލުން ކުޅެ އެންމެ ގިނަ ޕޮއިންޓު ހޯދި ދެޓީމެވެ.
ރޭގެ ފައިނަލު މެޗުތައް ޝަރަފްވެރިކޮށްދެއްވީ ޔޫތް މިނިސްޓްރީ ހިންގެވުމާއި ހަވާލުވެ ހުންނެވި، ޓޫރިޒަމް މިނިސްޓަރ ޑރ. ޢަބްދުﷲ މައުސޫމެވެ.
ފައިނަލް މެޗުތައް ނިމުމުން ވަނަތަކަށް ހޮވުނު ކުޅުންތެރިންނަށާއި ޓީމުތަކަށް ތައްޓާއި އިނާމު ހަވާލުކޮށްދެއްވީ ޑރ. ޢަބްދުﷲ މައުސޫމް އާއި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލް އުސްތާޛު ޢަލީ ޙުސައިން އާއި ދަރަވަންދޫ ކައުންސިލުގެ ރައީސް ޢަލީ ސަމީހު އަދި ޓޫރިޒަމް މިނިސްޓްރީގެ ބައެއް އިސްވެރިން ނެވެ.
މިއަހަރުގެ ފިއެސްޓާގެ އޮންލައިން މީޑިއާ ޕާޓްނަރއަކީ ދުވަސްއެމްވީ އެވެ. ޓްރެވެލިންގ ޕާޓްނަރއަކީ ފްލައިމީ އެވެ. އަދި ޕްރިންޓިންގ ޕާޓްނަރއަކީ އެންޕްލަސް އެވެ.
މުބާރާތް ލައިވް ކުރުމަށް ޓެލެކޮމް ޕާޓްނަރގެ ގޮތުގައި އުރީދޫ ހަމަޖައްސާފައިވާ އިރު، މުބާރާތުގެ ހުރިހާ މެޗެއް ވެސް "ދަރަވަންދޫ ފުޓްސަލް ފިއެސްޓާ 2021" އެފްބީ ޕޭޖުން ވަނީ ލައިވް ކޮށްފަ އެވެ. އަދި ރޭ ކުޅުނު ފައިނަލް މެޗުތައް ވީޓީވީ އިން ވަނީ ވަގުތުން ދައްކާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް