އިޓާލިއަން ލީގު: އިންޓަ މިލާން ލީގުގައި ކުޅުނު ދެވަނަ މެޗުން ވެސް މޮޅުވެއްޖެ

އިޓާލިއަން ލީގުގައި ރޭ ހެލަސް ވެރޯނާއާއި ދެކޮޅަށް ކުޅުނު މެޗުގައި އަތުން ފަހަތުން އަރައި އެންމެ ފަހުގެ ޗެމްޕިއަން އިންޓަ މިލާން މޮޅުވެއްޖެއެވެ. ރަށުން ބޭރުގައި ވެރޯނާއާއި ދެކޮޅަށް ކުޅުނު މެޗުން އިންޓަ...

28 Aug 2021 | 05:51

އިޓާލިއަން ލީގުގައި ރޭ ހެލަސް ވެރޯނާއާއި ދެކޮޅަށް ކުޅުނު މެޗުގައި އަތުން ފަހަތުން އަރައި އެންމެ ފަހުގެ ޗެމްޕިއަން އިންޓަ މިލާން މޮޅުވެއްޖެއެވެ.

ރަށުން ބޭރުގައި ވެރޯނާއާއި ދެކޮޅަށް ކުޅުނު މެޗުން އިންޓަ މޮޅުވީ 3-1 ގެ ނަތީޖާއަކުންނެވެ.

މި މެޗުގައި އިންޓަގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެން ދިޔަނަމަވެސް އެންމެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނަގާފައިވަނީ ވެރޯނާއިންނެވެ. މެޗު ފަށައިގެން 15 ވަނަ މިނެޓުގައި އިންޓަގެ ގޯލްކީޕަރު ސާމިރް ހަންޑަނޯވިޗް އަތުން ހެދުނު ގޯހެއްގެ ފައިދާނަގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އިވާން އިލިޗެވެ.

މެޗުގެ ފުރަތަމަ ހާފު ވެރޯނާއިން ނިންމާލީ ލީޑުގައި އޮވެގެންނެވެ.

ފުރަތަމަ ހާފު ވެރޯނާ ލީޑުގައި އޮވެ ނިންމާލި ނަމަވެސް، ދެވަނަ ހާފު ފަށައިގެން ދެވަނަ މިނެޓުގައި އިންޓައިން ވަނީ ލަނޑު ޖަހާ ނަތީޖާ އެއްވަރުކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ލަޓާރޯ މާޓީނޭޒެވެ. އަދި މެޗުގެ 83 ވަނަ މިނެޓުގައި ޔަކީން ކޮރެއާ ވަނީ އިތުރު ލަނޑެއް ޖަހާ އިންޓައަށް ލީޑު ނަގައިދީފައެވެ. މި މެޗުގައި އިންޓައިން ލީޑު ފުޅާކޮށްފައިވަނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެ ދެއްކި އިތުރު ވަގުތުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ، މެޗުގެ ދެވަނަ ލަނޑުވެސް ޖަހައިދިން ކޮރެއާއެވެ.

މި ސީޒަނުގެ ލީގުގައި ކުޅުނު ދެވަނަ މެޗުންވެސް އިންޓަ މޮޅުވިއިރު، ހަ ޕޮއިންޓާއި އެކު މިވަގުތު ލީގުގެ އެއްވަނާގައި އޮތީ އިންޓަ މިލާނެވެ. ވެރޯނާ ވަނީ ކުޅުނު ދެމެެޗުންވެސް ބަލިވެ ޕޮއިންޓެއް ނުލިބި ލީގުގެ 19 ވަނައަށް ވެއްޓިފައެވެ.

ލީގުގައި އިންޓަ މިލާން ދެން މެޗެއް ކުޅޭނީ އަންނަ ސެޕްޓެމްބަރު މަހުގެ 12 ވަނަ ދުވަހެވެ. އެ ދުވަހު ރަށުން ބޭރުގައި އިންޓަ ނުކުންނާނީ ސަމްޑޯރިއާއާ ދެކޮޅަށެވެ. އަދި ވެރޯނާ ނުކުންނާނީ ރަށުން ބޭރުގައި ސަމްޕްޑޯރިއާއާއި ދެކޮޅަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް