މޫދަށް ކުނި އަޅާތީ ތުއްތު ޒިލް މި ހުރީ ވަރަށް ރުޅި އައިސްފައި!

ފޭސްބުކްގައި ދައުރުވަމުން ދިޔަ ވީޑިއޯއަކަށް ގިނަ ބައެއްގެ ސަމާލުކަން ހުއްޓިފައި ވާއިރު، ވީޑިއޯ އިން ފެންނަނީ އުމުރުން އެންމެ 3 އަހަރުގެ ޒިލް ޒޯމިން ޔަޒީދް ކަމަކާ ވަރަށް ހިތްހަމަނުޖެހި ރުޅިވެރި ރާގަކަށ...

28 Aug 2021 | 05:33

ފޭސްބުކްގައި ދައުރުވަމުން ދިޔަ ވީޑިއޯއަކަށް ގިނަ ބައެއްގެ ސަމާލުކަން ހުއްޓިފައި ވާއިރު، ވީޑިއޯ އިން ފެންނަނީ އުމުރުން އެންމެ 3 އަހަރުގެ ޒިލް ޒޯމިން ޔަޒީދް ކަމަކާ ވަރަށް ހިތްހަމަނުޖެހި ރުޅިވެރި ރާގަކަށް ވާހަކަދައްކާތީ އެވެ.

ޒިލްގެ ބައްޕަ ޒޯމިން ޔަޒީދް ހިއްސާކުރި މި ވީޑިއޯގައި އެ ތުއްތު ކުއްޖާ ދެމުން ދަނީ ބޮޑު މެސެޖެކެވެ. ޅަ ސިކުނޑިއަށް ވިސްނިފައިވާ ބޮޑު މައްސަލައެއް ހިއްސާކުރަމުން ދިޔައީ އިނގިރޭސި ބަހުންނެވެ. އާނއެކެވެ، އެ ތުއްތު ކުއްޖާ ބުނަމުން ދިޔައީ މޫދަށް ކުނި ނޭޅުމަށެވެ. ރުޅިވެރި ކަމާއެކު ޒިލް ބުނަމުން ދިޔައީ މޫދަށް ކުނި އެޅުމުން ކަނޑުގެ ދިރުންތައް ނެތި ދާ ވާހަކައެވެ. މަސްމަހާއި މެއްސާއި މުރަކަ ބަގީޗާތައް ހަލާކުވާ ވާހަކައެވެ.

މާފަންނު މަދަރުސާގެ ނާސަރީގައި ކިޔަވަމުންދާ އެންމެ 3 އަހަރުގެ ޒިލް މިހާ ކަންބޮޑުވި ކަމެއް އަހަރެމެންގެ ތެރޭން ހަރު މީހުންނަށް އަދި ވެސް ނުވިސްނެއެވެ. ނޫން ނަމަ މޫދުގައި ކުނިބުނި މަދުވީސްއެވެ. ގޮނޑުދޮށުން ކުނިބުނި ނުފެނުނީސް އެވެ.

https://www.facebook.com/Zoamin/videos/433610584612865

ކައިފައި ހުސް ޕެކެޓުތަކާއި ފުޅިތައް އުކާލަނީ މޫދަށެވެ. ބައެއް ރަށްރަށުގައި އަދިވެސް ބައެއް ކަހަލަ ކުނި މޫދަށް އުކާލުމުގެ ސަގާފަތް އެބަ އޮތެވެ. މޫދަށް ކުނި އުކައިގެން ތިމާވެއްޓަށް ލިބޭ ގެއްލުންތައް ނޭނގޭތީއެއް ނޫނެވެ.

ފަރުވާކުޑަ ކޮށްލެވެނީ އެވެ. މޫދަށް އުކާލާ ކުނީގައި ޖެހި ބައެއް ކަހަލަ މަހާއި ވެލާ ފަދަ ކަނޑުގެ ދިރުންތައް މަރުވެފައިވެސް އެބަހުއްޓެވެ. އެފަދަ ފޮޓޯއެއް އާންމުވާ ކޮންމެ ފަހަރަކު އެ ނޫން ވާހަކައެއް ނުދައްކަ އެވެ. އެހެން ނަމަވެސް މޫދަށް ކުނި އެޅުން ހުއްޓާލާ މީހުން މަދެވެ.

މޫދަށް އުކާލާ ޕްލާސްޓިކް ކުނީގެ ސަބަބުން އަހަރެއްގެ މައްޗަށް 100،000 އެކި ކަހަަލަ ކަނޑުގެ ދިރުންތައް މަރުވެ ނެތިދެ އެވެ.

"ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނުނޫ" (4/93 ޤާނޫނު ނަންބަރ) ގެ 7 ވަނަމާއްދާގެ (ހ) ގައި "ރާއްޖޭގެ ތިމާވެށްޓަށް ގެއްލުން ލިބޭފަދަ ގޮތަކަށް ރާއްޖޭގެ ސަރަހައްދުގެ އެއްވެސް ތަނަކަށް، ކުނި ނުވަތަ ތެޔޮ ނުވަތަ ވިހަ ގޭސްފަދަ އެއްޗެއް އުކާލައިގެން ނުވަތަ އަޅައިގެން ނުވާނެ" ކަމަށް ބަޔާންކޮށްފައިވެއެވެ. އެހެންނަމަވެސް މިހާރަކަށް އައިސް މާލެ އާއި ރަށްރަށުގެ ފަޅުތެރެއާއި ކަނޑުގެ ސަރަހައްދުން ދޭތެރެ ދޭތެރެއިން ގިނަ އަދަދަކަށް ކުންޏާއި، ތެޔޮ އުކަމުންދާކަން އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ އަށް ވަނީ ފާހަގަ ކުރެވިފައެވެ.

މީގެ އިތުރުން ރިސޯޓްތަކާއި، މީހުން ދިރިއުޅޭ ރަށްރަށާއި، ބައެއް ކަހަލަ ސިނާއީ މަސައްކަތް ކުރާ ރަށްރަށުގެ ބިމުގެ ފެންފަށަލައަށް ތެޔޮއެޅި ތަޣައްޔަރު ވަމުންދާކަންވެސް ވަނީ ފާހަގަ ކުރެވިފައެވެ. މިފަދަ ކަންކަމަކީ ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނާއި ޚިލާފަށް ހިންގާ ޢަމަލުތަކެއް ކަމުގައި ދަންނަވަމެވެ. ތިމާވެށި ޤާނޫނާއި ޚިލާފަށް މިބާވަތުގެ ކަންކަން ކުރާ ފަރާތްތަކަށް ޤާނޫނުގައި ހަރުކަށި ފިޔަވަޅުތައް ކަނޑައަޅާފައިވެއެވެ. މިގޮތުން މިޤާނޫނުގެ 9 ވަނަމާއްދާގެ (ށ) ގައިވާގޮތުން މި ޤާނޫނާއި ޚިލާފަށް މިފަދަ ބޮޑެތި  ކުށްތައް ކުރާ ފަރާތްތައް، އެކަމެއްގެ ކުޑަ ބޮޑުމިނުގެ ނިސްބަތުން -/100,000,000 (ސަތޭކަ މިލިއަން) ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާ ކުރެވިދާނެއެވެ.

ކުންޏާއި، ތެޔޮ މޫދަށް އެޅުމުގެ ސަބަބުން އިންސާނުންގެ ޞިއްޙަތަށާއި، ތިމާވެށްޓަށް އަދި އެހެނިހެން ދިރުންތަކަށްވެސް އޭގެ ނޭދެވޭ އަސަރުތައް ކުރެއެވެ. އަދި މީގެ އިތުރުންވެސް މިކަންތައްތަކުގެ ސަބަބުން ކަނޑު ދަތުރުފަތުރު ކުރާ އުޅަނދުފަހަރަށްވެސް ނުރައްކާތެރި ހާދިސާތައް ދިމާވަމުން ދެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް