މިހާރު މާލޭގައި ފެތުރެމުން އަންނަ ހޮޑު ރޯގާ ފެތުރުމާއި ވަކި ކާއެއްޗަކާއި ގުޅުމެއް ނެތް ކަމުގައި ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
ފަތިހުއްސުރެ ހޮޑުލުމާއި ބޭރަށް ހިންގުމުގެ ކޭސްތަކުން މާލޭ ސަރަހައްދުގެ ހޮސްޕިޓަލުތަކަށް މިއަދު ބާރުބޮޑުވިކަމަށް އެ ހޮސްޕިޓަލުތަކުން ބުނެފައިވާއިރު އެޗްޕީއޭއިން މިރޭ ބުނެފައިވަނީ ފެތުރެމުން އަންނަނީ އެކިއުޓް ގޭސްޓްރޯއެންޓްރައިޓިސް (އޭޖް) ކަމަށާއި މި ރޯގަލުގެ ކޭސްތައް ރިޕޯޓް ކުރަމުން އަންނަތާ ދެހަފްތާއެއްހާދުވަސް ވެދާނެ ކަމަށެވެ.
މި ރޯގާ ޗުއްޓީ ދުވަސްވަރުގައި އާންމުކޮށް ފެތުރުނުނަމަވެސް ރެއިން ފެށިގެން ކޭސްތައް ވަރަށް ބޮޑަށް އިތުރުވެގެން ގޮސްފައިވާކަން ފާހަގަކޮށް އެޗްޕީއޭއިން ބުނެފައިވަނީ އެހާބޮޑަށް ކޭސްތައް އިތުރުވެގެންދިޔައީ ވައިރަސްއެއްގެ ސަބަބުން ކަމަށާއި ވަކި ކާއެއްޗަކާއި ގުޅުމެއް ނެތް ކަމަށެވެ.
ބޭރަށް ހިންގުމާއި ހޮޑުލެވުމުގެ އަލާމާތް ހުރި ނަމަ ގެއިން ބޭރަށް ނުނިކުތުމަށާއި ގިނަ ގިނައިން ދިޔާތަކެތި ބޭނުން ކުރުމަށާއި އާންމު ސާފުތާހިރުކަމަށް އިސްކަން ދިނުމަށާއި މީހުން އެއްވާތަންތަނަށް ނުދިއުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް