މިނިވަން ދުވަހުގެ މުނާސަބަތާއި ގުޅުވައި މިއަދު ފަށަން އޮތް މިނިވަން އުފާ ކާނިވަލާއި މިރޭ އަރުވަން އޮތް ހަވާ އެރުވުން ފަސްކޮށްފިއެވެ.
އެގޮތުން ހޯމް މިނިސްޓްރީން ބުނެފައިވަނީ މިހާރު ފެތުރެމުންދާ ރޯގާއާއި ގުޅިގެން ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ ލަފާގެ މަތީން މިނިވަން އުފާ ކާނިވާ ހުޅުވުން ފަސްކުރެވިފައިވާކަމަށާއި މި ކާނިވާ ދެން ބާއްވާނެ ތާރީހެއް ފަހުން އިއުލާނުކުރެވޭނެ ކަމަށެވެ.
ހަވާ އެރުވުން ފަސްކުރިކަން އިއުލާނުކުރަމުން އެމްއެންޑީއެފުން ބުނެފައިވަނީ މިރޭ ހުޅުމާލޭ ސެންޓްރަލް ޕާކުގައި އަރުވަން ހަމަޖެހުނު ހަވާ، އެހެން ތާރީހަކަށް ފަސްކުރެވިފައިވާކަމަށާއި ތާރީހެއް ފަހުން އިއުލާނު ކުރާނެ ކަމަށެވެ.
ރެއިން ފެށިގެން ހޮޑު ރޯގާ މާލޭގައި އިންތިހާއަށް އިތުރުވެ ހޮސްޕިޓަލުތަކަށް ބާރުބޮޑުވެގެންދިޔަކަމުގެ ކަންބޮޑުވުން ޑަކުޓަރުން ފާހަގަކޮށްފައިރު މިކަމާއި ގުޅޭގޮތުން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އެންމެ ފަހުން ބުނެފައިވަނީ ފެތުރެމުން އަންނަނީ "އެކިއުޓް ގޭސްޓްރޯއެންޓްރައިޓިސް (އޭޖް)" ކަމަށެވެ.
ކުރުކޮށް އޭޖް ކިޔާ މި ހޮޑު ރޯގާ އަކީ ބޭރަށް ހިންގުމާއި ހޮޑުލެވުން އެކުލެވޭ ރޯގާއެއް ކަމުގައިވާއިރު މި ރޯގާގެ ކޭސްތައް އިތުރުވަމުން އަންނަތާ ދެތިން ހަފްތާއެއް ވެފައިވާކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ. އަދި މިއީ އެހެންޏާވެސް ޗުއްޓީތަކާއި ދިމާކޮށް ފެތުރޭ ރޯގާއެއްކަން އެޗްޕީއޭއިން ފާހަގަކޮށްފައިވެއެވެ.
އެހެން ނަމަވެސް ރެއިން ފެށިގެން މި ރޯގާގެ ކޭސްތައް ކުއްލިއަކަށް މާ ގިނަވެގެންދިޔަކަންވެސް އެޗްޕީއޭއިން ފާހަގަކޮށްފައިވެއެވެ.
އެޗްޕީއޭއިން އިތުރަށް ބުނެފައިވަނީ މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު ކުއްލިއަކަށް ކޭސްތައް މިހާ ގިނަވެގެން ގޮސްފައިމިވަނީ ވައިރަސްއެއްގެ ސަބަބުން ކަމަށާއި ވަކި ކާއެއްޗަކާއި ގުޅުމެއް އޮވެގެން ނޫންކަމަށެވެ.
ބޭރަށް ހިންގުމާއި ހޮޑުލެވުމުގެ އަލާމާތް ހުރި ނަމަ ގެއިން ބޭރަށް ނުނިކުތުމަށާއި ގިނަ ގިނައިން ދިޔާތަކެތި ބޭނުން ކުރުމަށާއި އާންމު ސާފުތާހިރުކަމަށް އިސްކަން ދިނުމަށާއި މީހުން އެއްވާތަންތަނަށް ނުދިއުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް