އަނިޔާވެރިވުމާއި ގެއްލުންދިނުން އިސްލާމް ދީނުގައި ހުއްދަ ނުކުރާ ކަމަށް ހުކުރު ޚުޠުބާގައި ބުނެފިއެވެ.
މިއަދުގެ ޚުޠުބާ އަލިއަޅުވާލާފައި ވަނީ 'އިސްލާމީ އަޚުވަންތަކަމާއި އެއްބައިވަންތަކަން' މި މައުޟޫއަށެވެ. ޚުޠުބާގައި ވަނީ، މާތް ﷲ އަށް ތަޤްވާވެރި ވުމަށާއި، އެއްބަނޑު އެއްބަފާ އަޚުންތަކެއް ކަމުގައި ވުމަށް ނަސޭހަތްތެރި ވެފައެވެ.
"އިސްލާމް ދީނަކީ އުޚުއްވަތްތެރިކަމުގެ ދީން.އޯގާތެރިކަމާއި، ރަހުމާއި، ހަމްދަރުދީގެ ދީން. އެއްވެސް މީހެއްގެ މައްޗަށް އަނިޔާވެރިވުމާއި ގެއްލުން ދިނުމަކީ ދީން ހުއްދަ ކުރާ ކަމެއް ނޫން" ޚުޠުބާގައި ބުންޏެވެ.
މުޖުތަމައު ބިނާ ކުރުމުގައި އުޚުއްވަތްތެރި ކަމާއި އެއްބައިވަންތަ ކަމުގެ ދައުރު ވަރަށް ބޮޑު ކަމަށް ޚުޠުބާގައި ބުންޏެވެ. އަދި މުޖުތަމައުގެ އަފުރާދުންނަކީ އެކަކު އަނެކަކަށް އަނިޔާވެރިވެ އަރާރުންވާ ބަޔަކަށް ވާނަމަ، އެ މުޖުތަމައަކަށް ނަސްރު ލިބުން އެކަށީގެން ނުވާ ކަމަށް ޚުޠުބާގައި ހަނދާން ކޮށްދިނެވެ.
އެގޮތުން އިސްލާމީ އުންމަތުގެ ކުރީކޮޅު މުސްލިމުންނަށް ނަޞްރަކަސް ފަހު ނަޞްރެއް ލިބެމުން އައީ މުސްލިމުންގެ ހިތުގައިވާ އީމާންކަމާއި އެއްބަޔަކު އަނެއްބަޔަކަށް އޮތް އަހުވަންތަކަން ކަމަށް ޚުޠުބާގައި ބުންޏެވެ.
އަދި އެ ކަންތައްތައް މުސްލިމުންގެ ތެރެއިން ފިލައިގެން ދިއުމުން މުސްލިމުންގެ ތެރޭގައި ބައިބައިވުން އުފެދުނު ކަމަށް ޚުޠުބާގައި ބުންޏެވެ.
މީގެ އިތުރުން ޚުޠުބާގައި ބުނީ، އިސްލާމް ދީނުގައި އެކަމެއް ކުރުމަށް އަންގަވާފައިވާ ކޮންމެ ކަމެއް ކުރުމުން އެކަމުގެ މަންފާ އޮތީ އަހަރެމެންނަށާއި މުޖުތަމައަށް ކަމަށެވެ. އަދި މަނާކުރެވިފައިވާ ކަމަކަށް އަރައިގަތުމުން އެކަމުގެ ގެއްލުމާއި ހަލާކު ހުރީވެސް އަމިއްލަ ނަފްސުތަކަށާއި މުޖުތަމައަށް ކަމަށެވެ.
ތިމާގެ އަމިއްލަ ނަފްސަށް އެދޭ ރަނގަޅު ކަންތައްތައް ތިބާގެ މުސްލިމު އަޚާއަށް ވެސް ލިބެން އެދުމަށް ޚުޠުބާގައި ހަނދާންކޮށްދިނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް