ކުއްލިއަކަށް ގްރޭޓާ މާލެ އޭރިއާގައި ހޮޑުލުމާއި ބޭރަށް ހިންގުން އާންމުވެފައިވާތީ އެކަމަށް ވަރަށް ބޮޑަށް ސަމާލުވުމަށް ޑަކުޓަރުން އިލްތިމާސްކޮށްފިއެވެ.
އެގޮތުން ކުޑަކުދީންގެ ޑަކުޓަރު، ޑރ. އަހްމަދު ފައިސަލް މިއަދުބުނެފައިވަނީ މުޅި މާލެ އޮތީ ހޮޑުލުމުގައި ކަމަށާއި ހޮޑުލާ ކުޑަކުދިން ގިނަވެ ހޮސްޕިޓަލުގެ އީއާރް ފުރިފައިވާކަމަށެވެ.
"އަވަސް އަވަހަށް އަތް ދޮވެލަން އާދަކުރަމާ" ޑރ ފައިސަލް ވިދާޅުވެފައިވެއެވެ.
މީގެ އިތުރުން ހޮޑަށްދޭ ބޭސްކޮޅެއް ދީފައި މަދުމަދުންވިޔަސް އަވަސް އަވަހަށް ދިޔާބޭސް ދިނުމަށާއި ފެން މަދުވިޔަނުދިނުމަށް ބެލުމަށާއި މާ ވަރުދެރަވެ ހީސް ނުލާ އަށް ގަޑިއިރު ވާނަމަ ޖެހޭނީ އައިވީކޮޅެއް ދޭން ކަމުގައިވެސް ޑރ. ފައިސަލް ވިދާޅުވެފައިވެއެވެ.
މީގެ އިތުރުން ކުޑަކުދިންގެ ޑަކުޓަރު، ޑރ. އަބްދުﷲ ނިޔާފްވެސް މިއަދު ބުނެފައިވަނީ ހޮޑުލުމާއި ބޭރަށް ހިންގުމުގައި ކުޑަކުދިންނާއި ޒުވާނުން ގިނަވެ އީއާރަށް ބާރުބޮޑުވެފައިވާކަމަށެވެ. ކެއްކި ފެން ނޫންނަމަ ފިލްޓާ ކޮށްފައިވާ ފެން ބޭނުންކުރުމަށާއި ގިނަ ގިނައިން އަތްދޮވުންފަދަ ކަންކަން މުހިންމުކަމުގައި ޑރ. ނިޔާފްވެސް ވިދާޅުވެފައިވެއެވެ.
ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި މާލެ ސަރަހައްދުގެ ހުރިހާ ހޮސްޕިޓަލުތަކާއި ކްލިނިކްތަކަށްވެސް މިކަމާއި ގުޅިގެން ވަނީ ބާރު ބޮޑުވެފައެވެ. އެހެން ނަމަވެސް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ އަދި ހެލްތު މިނިސްޓްރީން މިކަމާއި ގުޅޭގޮތުން އަދި އެއްޗެއް ބުނެފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް