މިނިވަންދުވަސް ފާހަގަ ކުރުމަށް ނިލަންދޫއާއި ދަރަނބޫދޫ ގުޅިގެން ހަރަކާތްތަކެއް ހިންގައިފި

ދިވެހިރާއްޖޭގެ 57 ވަނަ މިނިވަންދުވަސް ފާހަގަ ކުރުމުގެ ގޮތުން ނިލަންދޫ ދާއިރާގައި ހިމެނޭ ނިލަންދުއާއި ދަރަނބޫދޫ ގުޅިގެން ތަފާތު ހަރަކާތްތަކެއް ކުރިޔަށް ގެންގޮސްފިއެވެ. މިއީ އެ ދެރަށުގެ ކައުންސިލާއި ނިލ...

28 Jul 2022 | 18:05

ދިވެހިރާއްޖޭގެ 57 ވަނަ މިނިވަންދުވަސް ފާހަގަ ކުރުމުގެ ގޮތުން ނިލަންދޫ ދާއިރާގައި ހިމެނޭ ނިލަންދުއާއި ދަރަނބޫދޫ ގުޅިގެން ތަފާތު ހަރަކާތްތަކެއް ކުރިޔަށް ގެންގޮސްފިއެވެ.

މިއީ އެ ދެރަށުގެ ކައުންސިލާއި ނިލަންދޫ ޑޭލައިޓް ކްލަބް ގުޅިގެން ކުރިއަށް ގެންދިޔަ ހަރަކާތްތަކެކެކެވެ.

އެގޮތުން މިނިވަން ދުވަހުގެ ހަރަކާތްތައް ފެށުމުގެ ގޮތުން ފުރަތަމަ ކުރިއަށް ގެންދިޔައީ 26 ވަނަ ދުވަހުގެ ހަވީރު ނިލަންދޫގައި ކުރިއަށް ގެންދިޔަ ނިލަންދޫގެ ސަގާފީ ކުޅިވަރު ހަރަކާތެވެ. ނިލަންދޫ އިރުމަތީ ބަނދަރު ސަރަޙައްދުގައި ކުރިއަށް ގެންދިޔަ މިހަރަކާތަށް ނިލަންދޫގެ ކުދިބޮޑު ގިނަބަޔަކާއި ނިލަންދޫއަށް ޒިޔާރަތްކުރި ގިނަބައެއްގެ ފުރިހަމަ ތަރުޙީބެއްވަނީ ލިބިފައެވެ.

އެއަށްފަހު 26 ވަނަ ދުވަހުގެ ރޭ އޮތީ އެ ދެރަށުގެ އަންހެން ކަނބަލުންގެ މެދުގައި ކުޅެވުނު އެކުވެރިކަމުގެ ހޭންޑްބޯލް މެޗެވެ. ނިލަންދޫ ފުޓްސަލް ދަނޑުގައި ކުޅުނު މި މެޗުގައި ފޯރިގަދަ ކުޅުމެއް ފެނިގެންދިޔައިރު، 8 ލަނޑު 4 ލަނޑުން މި މެޗު ކާމިޔާބުކުރީ ދަރަނބޫދޫ އަންހެން ކަނބަލުންގެ ޓީމެވެ.

27 ވަނަ ދުވަހު ނިލަންދޫގެ ސަގާފީ ކުޅިވަރު ޓީމު ދަރަނބޫދޫއަށް ޒިޔާރަތްކޮށް ދަރަނބޫދޫގައި ވެސް ވަނީ ސަގާފީ ކުޅިވަރުގެ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައެވެ. މި ހަރަކާތަށް ވެސް ދަރަނބޫދޫ ކުދިބޮޑު ގިނަރައްޔިތުންތަކެއްގެ ތަރުޙީބުވަނީ ލިބިފައެވެ.

އެންމެފަހު ހަރަކާތަކަށް އޮތީ މިއަދު ހަވީރު ނިލަންދޫ ޓާފް ދަނޑުގައި ކުޅެވުނު އެކުވެރިކަމުގެ ފުޓްބޯޅަ މެޗެވެ. މި މެޗު 6 ލަނޑު 0 ލަނޑުން ކާމިޔާބުކުރީ ނިލަންދޫއެވެ.

މިމެޗުގެ ފުރަތަމަ ހާފުގައި ނިލަންދޫ ޓީމަށް ކާމިޔާބު ކުރެވުނީ އެންމެ ލަނޑެކެވެ. މިލަނޑު ކާމިޔާބުކޮށްދިނީ ޓީމުގެ ކެޕްޓަން ޢަބްދުލް ޣަނީ އެވެ.

އެހެން ނަމަވެސް ފަހުހާފަށް ނުކުމެވެ އޭނާ ވަނީ އިތުރު ދެ ލަނޑު ޖަހާ ހެޓްރިކެއް ހަދާފައެވެ. ނިލަންދޫގެ އަނެއް ތިން ގޯލް ޖަހައިދިނީ ޓީމުގެ ފަހަތުގައި އެންމެ އިސްދައުރެއް އަދާކުރި ޙަސަން ރާޢިދާއި ޢަބްދުލް ޖަލީލު ޢަބްދުއްރައްޒާޤު އަދި އިޔާޒު އަޙުމަދެވެ.

ނިލަންދޫ ޓީމުގައި މިއަދު ހިމެނުނު ގިނަ ކުޅުންތެރިންނަކީ 19 އަހަރުންދަށުގެ ކުޅުންތެރިންކަން ފާހަގަ ކޮށްލަންޖެހެއެވެ.

މިމެޗް ޝަރަފްވެރިކޮށްދެއްވީ ނިލަންދޫ ކައުންސިލްގެ ރައީސް ޢަލީ އަޙުމަދާއި ޑޭލައިޓް ކްލަބްގެ ރައީސް ޢަބްދުއްރައްޒާޤު ޙުސައިންއާއި ނިލަންދޫ ކައުންސިލް މެމްބަރު އަޙުމަދު ޝިޔާމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް