އެމްއެންޑީއެފްގެ ކެޕޭސިޓީ ވަރުގަދަކުރުމުގައި އިންޑިއާގެ އަސްކަރިއްޔާއިން ވެދެއްވާއެހީތެރިކަން ފާހަގަކުރައްވާ ރާއްޖޭގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް، އިންޑިއާގެ ޗީފް އޮފް އާމީ ސްޓާފް، ޖެނެރަލް މަނޯޖް ޕާންޑޭ އަށް ޝުކުރުއަދާ ކުރައްވައިފިއެވެ.
އިންޑިއާގެ ޗީފް އޮފް އާމީ ސްޓާފް، ޖެނެރަލް މަނޯޖް ޕާންޑޭގެ ރަސްމީ ދައުވަތަކަށް، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް، އިންޑިއާއަށް ކުރައްވާ ހަތް ދުވަހުގެ ދަތުރުފުޅު ފެއްޓެވީ އިއްޔެއެވެ.
މިދަތުރުފުޅުގައި އިންޑިއާގެ ނޭޝަނަލް ވޯރމެމޯރިއަލް އަށް ޝަމާލް ޒިޔާރަތްކުރެއްވުމުން، އެމަނިކުފާނުގެ ޝަރަފުގައި އިންޑިއާ ސިފައިން ގާޑް އޮފް އޮނަރއެއް ވަނީ އަރުވާފައެވެ. އަދި މި ޒިޔާރަތްކުރައްވައި، ޝަހީދުންނަށް އިޙްތިރާމް އަދާކުރުމުގެ ގޮތުން އެމެމޯރިއަލްގައި ޝަމާލް ވަނީ މާބޮނޑިއެއް ބާއްވަވާފައެވެ.
މި ދަތުރުފުޅުގައި، ޗީފް އޮފް ޑިފެންސް ފޯސް ވަނީ، އިންޑިއާގެ ޑިފެންސް ސެކްރެޓަރީ އަޖޭ ކުމާރާއި، ނޭޝަނަލް ސެކިޔުރިޓީ އެޑްވައިޒަރ އަޖިތު ޑޮވާލްއާއި، ޗީފް އޮފް ނޭވީ ސްޓާފް އެޑްމިރަލް އާރް ހަރީ ކުމާރު އަދި ޗީފް އޮފް އެއަރ ސްޓާފް، އެއަރ ޗީފް މާޝަލް ވީއާރް ޗައުދަރީގެ އަރިހަށް ވެސް އިޙްތިރާމްގެ ޒިޔާރަތް ކުރައްވާފައެވެ.
މި ބައްދަލުވުންތަކުގައި، ދިވެހި ސިފައިންނަށް ތަމްރީނާއި ވަސީލަތްތަކާއި އަދިއެމްއެންޑީއެފްގެ ކެޕޭސިޓީ ވަރުގަދަކުރުމުގައި އިންޑިއާގެ އަސްކަރިއްޔާއިން ވެދެއްވާއެހީތެރިކަން ފާހަގަކުރައްވައި، ޗީފް އޮފް ޑިފެންސް ފޯސް އެ ބޭފުޅުންނަށް ޝުކުރުއަދާކުރެއްވިއެވެ. އަދި، ކުރިމަގުގައި ވެސް، ދިވެހި އަސްކަރިއްޔާގެ ކުރިއެރުމަށް ކުރެވޭ މަސައްކަތްތަކުގައި އިންޑިއާގެ އަސްކަރިއްޔާއިން އިތުރަށް އެއްބާރުލުން ހޯދުމާއި މެދު އެބޭފުޅުންނާ މަޝްވަރާކުރެއްވި ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.
މީގެއިތުރުން، ސަރަޙައްދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގައި، ދެ ޤައުމުގެ ދެމެދުގައި އޮތް ބަދަހި ގުޅުން އިތުރަށްހަރުދަނާކުރުމުގެ މުހިންމުކަމާ ބެހޭގޮތުން ވެސް އެބޭފުޅުންނާ މަޝްވަރާކުރައްވާފައިވެއެވެ.
މި ދަތުރުފުޅުގެ ތެރެއިން، ސިފައިންގެ އަސްކަރީ ޢަދުލުގެ ނިޒާމް އިތުރަށް ހަރުދަނާ ކުރުމާގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށް އިންޑިއާގެ އިންސްޓިޓިއުޓް އޮފް މިލިޓަރީ ލޯވ އަށް ވެސް މިއަދު ޒިޔާރަތް ކުރެއްވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް