ބަންގުލަދޭޝްގެ ރައްޔިތެއްކަމުގައިވާ އެމްޑީ އަލަމްގިރި އާއެކު އެއްޖިންސުން ގުޅުން ހިންގި ދެ މީހުން ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ އަލަމްގިރް އާއެކު ގިނަ އަދަދެއްގެ ބަޔަކު އެއްޖިންސުން ޖިންސީ ގުޅުން ހިންގާ އެމަންޒަރުތައް ވީޑިއޯ ރެކޯޑްކޮށް އޭގެ ތެރެއިން ބައެއް ވީޑިއޯ ސޯޝަލް މީޑިޔާގައި ލީކްކޮށްފައިވާ މައްސަލައިގެ ތަޙްޤީޤަށް އެމްޑީ އަލަމްގީރްއާއެކު އެއްޖިންސުން ގުޅުން ހިންގިކަމަށް ތުހުމަތުކުރެވޭ މީހުންގެ ތެރެއިން މިހާތަނަށް ތަހުގީގަށް އެކަށީގެންވާ ހެއްކާއި ގަރީނާ ހޯދިފައިވާ މީހުން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން ކަމަށެވެ.
މިގޮތުން 45 އަހަރުގެ ދިވެހި ފިރިހެނަކާއި 35 އަހަރުގެ ދިވެހި ފިރިހެނަކު މިހާރުހައްޔަރުކުރެވިފައިވާ ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ މިމައްސަލައިގައި ހިމެނޭ ބައެއް މީހުންގެ ވީޑިއޯއާއި ފޮޓޯތައް އާންމުވި ވަގުތު ބައެއް ފަރާތްތަކުން އެކި މަގްސަދުތަކުގައި ސައްހަ ނޫން ފޮޓޯ ހަދައި އާންމުކޮށްފައިވާ ކަމަށެވެ. އަދި މިފަދަ ވިޑީއޯތަކުގައި ބައެއް ފަރާތްތައް ހިމެނޭކަމަށް ގަސްތުގައި ދޮގު ޚަބަރު ފަތުރައިގެން މީހުންގެ އަބުރަށް އަރައިގަތުމަށާއި ބަދުނާމުކޮށް ޖިނާޢީ އަދުލުގެ ނިޒާމްގެ ބޭނުން ނަހަމަގޮތުގައި އެފަދަ މީހުން ނުރުހޭ މީހުންގެ މައްޗަށް ހިންގުމަށް މަގުފަހިކުރުވުމަށް މަސައްކަތްކުރަމުންދިޔަަކަމަށް ފާހަގަކުރެވޭ ކަމަށެވެ.
މީގެ އިތުރުން މިފަދަ ފޮޓޯއާއި ވީޑިއޯ ހިމެނޭ މައްސަލަތަކުގައި ތަހުގީގީ ވަކި ފިޔަވަޅުތަކެއް ފަރުދީގޮތުން މީހުންނާއި މެދު އެޅުމުގެ ކުރިން ވީޑިއޯއާއި ފޮޓޯތަކުގެ ފޮރެންސިކް ތަހުލީލުތައްއެ ޚިދުމަތުގެ ފޮރެންސިކް ސަރވިސްއިންކޮށް، ވީޑީއޯއާއި ފޮޓޯތަކުގެ ސައްހަކަށް ކަށަވަރުކޮށް އެފަދަ އެވިޑެންސްތަކުގައި ހިމެނޭ މީހުންގެ އައިޑެންޓީޓީ ފޮރެންސިކް ތަޙްލީލުން ކަށަވަރުކުރުމަށް އެ ޚިދުމަތުން މަސައްކަތްކުރަމުންދާ ކަމަށް ވެސް ވަނީ ބުނެފައެވެ.
މިގޮތުން ޖިނާޢީ އަދުލުގެ ނިޒާމަށް ބޭނުންވާ މިންގަނޑަށް ފޮރެންސިކް އެނަލިސިސް ހެދުމަކީ ގިނަ ވަގުތު ހޭދަވާ ކަމެއްކަން ފާހަގަކޮށް، ފުލުހުން ބުނީ މިހާތަނަށް ފޮރެންސިލް ތަހްލީލުތަކުން ކަށަވަރުކުރެވިފައިވާ ވީޑިއޯ އެވީޑެންސްތަކުގައި ހިމެނޭ މީހުންގެ މައްޗަށް ތަހުގީގީ އިޖުރާއަތުތައް މިމައްސަލަތަކުގައި އެ ސަރވިސްއިން ދަނީ ހިންގަމުން ކަމަށެވެ.
މީގެ ތެރޭގައި ތަހުގީގަށް މީހުން ހައްޔަރުކުރުމާއި މި ފަދަ މައްސަލަތަކުގައި އެކަށީގެންވާ މިންވަރަށް ހެއްކާއި ޤާރީނާ ހޯދިފައިވާ ދައުލަތުގެ އެކި އިދާރާތަކުގައި މަސައްކަތްކުރާ ފަރާތްތައް ނިސްބަތްވާ އޮފީސްތަަކަށް އެމީހުންގެ މައްސަލަތައްތަހުގީގު ކުރަމުންދާކަން އެންގުން ހިމެނޭ ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން އިތުރަށް ބުނީ މިމައްސަލައާއި ގުޅިގެން ފުލުހުންގެ މަސައްކަތަށް ނުފޫޒު ފޮރުވައި ވަކި ބައެއްގެ މައްސަލަތައް ނުބަލައި ނުވަތަ މަޑު ޖައްސާލުމަށް ފުލުހުންނަށް އަންގަމުންދާކަމަށް ފަތުރާފައިވާ ޚަބަރަކީ އެއްވެސް އަސާސެއްނެތް ދޮގުތުހުމަތެއް ކަމަށެވެ.
އެއްވެސް ފަރާތަކުން މިމައްސަލައިގައި ފުލުހުން ކުރަމުން ގެންދާ ތަހުގީގު ވަކި ގޮތަކަށް ގެންދިއުމަށް ނުވަތަ ވަކި ފަރާތެއްގެ މައްސަލައަށް ވަކި ގޮތެއް ހެދުމަށް ނުފޫޒެއް ފޯރުވާފައިނުވާ ކަމަށާއި މިމައްސަލައިގެ އިތުރު ތަހުގީގު ދިވެހި ފުލުހުންގެ ޚިދުމަތުގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ކުރަމުން އަންނަކަމަށް ވެސް ފުލުހުން ބުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް