ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ހަތަރު ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި އަންނަމަހު އިންޑިއާއަށް ވަޑައިގަންނަވާގޮތަށް ހަމަޖެހިއްޖެއެވެ.
ރައީސް އޮފީހުން ވިދާޅުވީ އެމަނިކުފާނު އިންޑިއާ އަށް ވަޑައިގަންނަވާނީ މި އަންނަ އޮގަސްޓް މަހުގެ 1 ވަނަ ދުވަހުން 4 ވަނަ ދުވަހަށް ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅަކީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ދަޢުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެއް ކަމަށް ވެސް އެ އޮފީހުން ވިދާޅުވެއެވެ.
މި ދަތުރުފުޅުގައި ދިވެހިރާއްޖެ އާއި އިންޑިއާގެ ގުޅުން އިތުރަށް ބަދަހި ކުރުމަށާއި ރާއްޖޭގެ ތަރައްޤީގައި ގުޅިގެން މަސައްކަތް ކުރުމާއި ގުޅޭ ގޮތުން ދެޤައުމުގެ މަތީ ފަންތީގެ އިސްވެރިން ބައްދަލުކުރައްވައި މަޝްވަރާތައް ކުރައްވާނެއެވެ.
ރައީސުލްޖުމްހޫރިއްޔާ އިންޑިއާއަށް ކުރައްވާ މި ރަސްމީ ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި، ސަރުކާރުގެ އިސްވެރިންނާއި، ރާއްޖޭގެ ބޮޑެތި ވިޔަފާރިތަކުން މަންދޫބުން ބައިވެރިވެވަޑައިގަންނަވާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް