މެގަޒިން ޝޫޓަކަށް ރަންވީރު ސިންގް ނެގި ބަރަހަނާ ފޮޓޯތަކެއްގެ މައްސަލައިގާ ފުލުހަށް ހާޒިރު ކުރަން އުޅޭކަމަށް ޚަބަރުތައް ބުނެފިއެވެ.
އިންޑިއާގެ ބައެއް ނޫސްތަކުގައި ބުނެފައިވާ ގޮތުގައި ބަރަހަނާ ފޮޓޯތައް އާންމުކުރުމުން ޖަމިއްޔާއަކާއި އާންމު ފަރުދަކު ވަނީ އެ މައްސަލަ ފުލުހަށް ހުށަހަޅާފައެވެ. އަދި އެ މައްސަލަ ފުލުހުން މިހާރު އަންނަނީ ބަލަމުންނެވެ.
ބޮލީވުޑްގެ އެކްޓަރު ރަންވީރު ސިންގް، އަކީ އަބަދުވެސް ހެދުން އެޅުމުގައި ތަފާތު ގޮތްތަކެއް ގެންގުޅޭ ފަންނާނެކެވެ. އަދި އެކަމުގެ ސަބަބުން ގިނަބައެއްގެ ފާޑުކިޔުން ވެސް އަންނަނީ އަމާޒުވަމުންނެވެ.
އެގޮތުން މިފަހަރު ވެސް އޭނާއަށް މިކަމާއިކުރިމަތިލާން ޖެހިފައިވާއިރު، މި މައްސަލަ ފުލުހުންނަށް ހުށަހެޅީ އެ ފޮޓޯތައް ރަންވީރުގެ އިންސްޓަގްރާމްގައި ޢާންމުކުރުމުންނެވެ.
މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ އަންހެނުންގެ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާއަކުން ކަމަށް ރިޕޯޓުތައް ބުނެއެވެ.
އެ ޖަމިއްޔާއާ ހަވާލާދީ ރިޕޯޓުތައް ބުނަނީ ރަންވީރުގެ އެ ފޮޓޯތަކަކީ އަންހެނުންނަށް ކޮށްފައިވާ ފުރައްސާރައެއް ކަމަށެވެ. އަދި އެ ފޮޓޯތަކުގެ ސަބަބުން އަންހެނުންނާ މެދު މީހުން ދެކޭ ގޮތަށް ވެސް ނުރަނގަޅު އަސަރުތަކެއް ކުރާނެ ކަމަށެވެ.
މި މައްސަލަ ފުލުހަށް ހުށަހަޅައި، އަދި ސޯޝަލް މީޑިއާ ގައި ރަންވީރަށް ފާޑުކިޔުން އަމާޒުވުމުން ބޮލީވުޑްގެ ބައެއް ތަރިން މިޙާރުވަނީ ރަންވީރުގެ ދިފާއުގައި ވާހަކަދައްކަން ފަށާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް