އެމެރިކާ އިން ރާއްޖެއަށް ފުރަތަމަ ފަހަރަށް ސަފީރަކު އައްޔަންކުރަން ހުށަހަޅައިފި

އެމެރިކާ އިން ރާއްޖެއަށް ފުރަތަމަ ފަހަރަށް ސަފީރަކު އައްޔަންކުރަން ހުށަހަޅައިފިއެވެ. އެގައުމުން ރާއްޖެ ސަފީރެއްގެ ގޮތުގައި އައްޔަން ކުރުމަށް، އެމެރިކާގެ ރައީސް ޖޯ ބައިޑެން ހުށަހަޅުއްވާފައިވަނީ ހޫގޯ ޔޫ...

28 Jul 2022 | 08:08

އެމެރިކާ އިން ރާއްޖެއަށް ފުރަތަމަ ފަހަރަށް ސަފީރަކު އައްޔަންކުރަން ހުށަހަޅައިފިއެވެ.

އެގައުމުން ރާއްޖެ ސަފީރެއްގެ ގޮތުގައި އައްޔަން ކުރުމަށް، އެމެރިކާގެ ރައީސް ޖޯ ބައިޑެން ހުށަހަޅުއްވާފައިވަނީ ހޫގޯ ޔޫ-ހޯ ޔޮން އެވެ.

ވައިޓް ހައުސް އިން ބުނެފައިވަނީ ހޫގޯ ގެ ނަން އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ރުހުން ހޯދުމަށް ބައިޑެން ނިންމަވާ، އެކަން ހުށަހަޅުއްވާފައިވާ ކަމަށެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ އޮފީސް އޮފް ދަ އަންޑަސެކްރެޓަރީ އޮފް އިކޮނޮމިކް ގްރޯތު، އެނަރޖީ އެންޑް އެނަވަޔަރަމަންޓުގެ އިސް މުޝީރުގެ މަގާމުގައި މިވަގުތު ހުންނެވި އުމުރުން 54 އަހަރުގެ ހޫގޯ މީގެކުރިން ވަނީ ސްޓޭޓް ޑިޕާޓްމަންޓުގެ ބިއުރޯ އޮފް އިންޓަރނޭޝަނަލް އޮގަނައިޒޭޝަން އެފެއާޒްގެ ޕްރިންސިޕަލް ޑެޕިއުޓީ އެސިސްޓެންޓް ސެކްރެޓަރީގެ މަގާމު ވަގުތީގޮތުން ފުރުއްވާފައެވެ.

މީގެ އިތުރުން އެމެރިކާގެ ނެޝެނަލް ސެކިއުރިޓީ ކައުންސިލްގައި އިންޑިއާ ކަނޑުގެ ސަރަހައްދުގެ ކަންކަން ބެލެހެއްޓުމުގައި އިސް ދައުރެެއް ވެސް އޭނާ އަދާކުރައްވާފައިވެއެވެ. އަދި އޭނާއަކީ އެމެރިކާގެ ފޮރިން ސަރވިސްގެ އިސް މެންބަރެއް ވެސް މެއެވެ.

ކެލިފޯނިއާ ޔުނިވަރސިޓީން ޕޮލިޓިކަލް އިކޮނޮމީން ބީއޭ ހާސިލުކޮށްފައިވާ ހޫގޯ ވަނީ އިންޑިއާ، ޗައިނާ އަދި އިންޑޮނީޝިއާގައި ހުންނަ އެމެރިކާގެ އެމްބަސީގެ އިސް މަގާމުތަކެއް ވެސް ފުރުއްވާފައެވެ.

އެމެރިކާގެ އެމްބަސީއެއް ރާއްޖޭގައި ހުޅުވަން ނިންމިކަން އެ ގައުމުން އިއުލާންކުރީ 2020 ގެ ސެޕްޓެމްބަރު މަހުއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް