މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރެޖިސްޓްރޭޝަން އޮފީހެއް ހުޅުވައިފި އެވެ.
މި އޮފީސް ހުންނާނީ ހ. ނޫމުރަކަ (ގްރައުންޑް ފްލޯރ) ހަދީބީ މަގުގައި ކަމަށެވެ. މިއީ ސްރީލަންކާ އެމްބަސީ ހުންނަ ޢިމާރާތް ކަމަށް އެ ޕާޓީން ބުންޏެވެ.
"ދުވަސް" އަށް މައުލޫމާތު ދެއްވަމުން އެމްއެންޕީގެ އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދީފައިވާ ވިލިމާލޭ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ވިދާޅުވީ ރެޖިސްޓްރޭޝަން އޮފީހެއް ހުޅުވަން ނިންމީ ޕާޓީގައި ރެޖިސްޓްރީވާން ބޭނުންވާ ގިނަ ބަޔަކު ތިބުމުން ކަމަށެވެ. އޭނާ ވިދާޅުވީ އޮފީސް ހުޅުވުމުން އާންމު މެމްބަރުން ޕާޓީއަށް ސޮއި ކުރުމުގެ ކަންކަން ކުރިޔަށް ގެންދަން ފަސޭހަ ވާނެ ކަމަށެވެ.
އެ ޕާޓީން ބުނީ އޮފީސް ހުޅުވުމުން އެ ޕާޓީއަށް އެންމެ ފުރަތަމަ ސޮއި ކުރި އާންމު މެމްބަރަކީ ޑރ. އިބްރާޙިމް ލަތީފު ކަމަށެވެ. އޭނާ އަކީ އެޑިއުކޭޝަން ރިސާޗް ދާއިރާގައި 25 އަހަރުގެ ތަޖުރިބާ ހުރި ބޭފުޅެއް ކަމަށް އެމްއެންޕީން ބުނެ އެވެ.
އެމްއެންޕީ އަކީ ދަނގެތި ދާއިރާގެ މެންބަރު މުޙައްމަދު ނާޒިމް އިސްކޮށް ހުންނަވައިގެން އުފައްދަވާފައިވާ ޕާޓީއެކެވެ. ނާޒިމް ވިދާޅުވެފައިވަނީ އެޕާޓީން ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަ ކުރާނެ ކަމަށެވެ.
ކެންޑިޑޭޓަކު ކަނޑައަޅާނީ ޕްރައިމަރީއެއް ބާއްވައިގެން ކަމަށް ވިދާޅުވެފައި ވެ އެވެ. އަދި އެ ޕްރައިމަރީގައި އޭނާ ވާދަ ކުރައްވާނެކަން ނާޒިމް ވަނީ އިއުލާނު ކުރައްވާފައި އެވެ.
މޯލްޑިވްސް ނެޝަނަލް ޕާޓީ އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދިނީ މިމަހުގެ 15 ވަނަ ދުވަހު އެވެ. އެމްއެންޕީ އުފެއްދުމުގައި ތިމަރަފުށި ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒާއި، ނިލަންދޫ ދާއިރާގެ މެންބަރު އަބްދުލްމުހުސިން އަބްދުލްހަމީދު (ޖޭފޯ) އަދި ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު (މޮސްޓާ) ވެސް ބައިވެރިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް