ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)ގެ ވެށިފާރަވެރިންނާއި ޑްރައިވަރުންނަކީ ކޯވިޑް-19ގެ ނުރައްކަލުގެ ހާލަތުގައިވެސް ރެއެއް ދުވާލެއް ނުބަލައި އެންމެ ބުރަކޮށް މަސައްކަތްކުރި އެއް ބައެވެ. މި އާލަމީވަބާގެ ތެރޭގައި ވެމްކޯގެ މަސައްކަތްތައް ވެސް އިތުރަށް ބުރަވެގެންދިޔައެވެ. އެކަމަކު އެ ހާލަތުގައި އެ ކުންފުނިން ވަނީ މިދިޔަ އަހަރުގެ މާރިޗު މަސް ތެރޭ ސީދާ ކޯވިޑް-19ށް ހާއްސަ ސެޕްޝަލް ޓާސްކްފޯސްއެއް އުފައްދައި ބަލިމަޑުކަމުގެ ހާލަތުގައިވެސް އެ ކުންފުނިން ދޭ ހިދުމަތަށް ބުރުއެއް އެރިޔަ ނުދީ ކުރިއަށްގެންގޮސްފައެވެ.
އެންމެ ފުރަތަމަ މި ޓާސްކްފޯހުގައި ހަރަކާތްތެރިވީ މަދު މުވައްޒަފުންތަކެކެވެ. އެ ގޮތުން އެންމެ ދެ ޑްރައިވަރުންނާއި 6 ވެށިފާރަވެރިންނާއެކު ފެށި އެ ޓާސްކްފޯސް މިހާރު ވަނީ އިތުރަށް ފުޅާވެ، މާލެ، ހުޅުމާލެ، ފުވައްމުލައް އަދި އައްޑޫ ސިޓީގައިވެސް ހަރަކާތްތެރިވަމުންނެވެ. ފުރާނަ ނުރައްކަލުގެ ތެރެއަށް ހުށަހަޅައިގެން ބަލިމަޑުކަމެއްގެ ތެރޭގައި މަސައްކަތްކުރާ މި ޓާސްކްފޯސްގެ މައިގަނޑު މަސައްކަތަކީ ކޯވިޑް-19ށް ފައްސިވާ ފަރާތްތައް ދިރިއުޅޭ ތަންތަނަނުން ނުވަތަ އެކަހެރިކޮށްފައިވާ ގެތަކުން ކުނި ނެގުމެވެ. މިއީ ހަގީގަތުގައި ވެސް ނުރައްކާ ބޮޑު އަދި ހިތާއި ފުރާނައިން ކޮށްދޭ ގައުމީ ޚިދުމަތެކެވެ،
ވެމްކޯގެ މި ޓާސްކްފޯސްގެ މެމްބަރުން މަސައްކަތް ކުރާނީ އެހެން މުވައްޒަފުންނާ ވަކިންނެވެ. ސަބަބަކީ އެ މުއައްޒަފުންނަކީ ވައިރަސް ހުރެދާނޭ ފަދަ ކުނި ނެގުމުގެ ނުރައްކާތެރި މަސައްކަތް ކުރާ ބަޔަކަށް ވާތީއެވެ. އެހެންވެ އެކަހެރި މަސައްކަތުގެ މާހައުލެއްގައި ޓާސްކްފޯސް މަސައްކަތްކުރަނީ އެންމެ ފުރިހަމަ ރައްކާތެރިކަމުގެ އާލާތްތައް ބޭނުންކޮށްގެންނެވެ. އޭގެ ތެރޭގައި ހެޒްމެޓް ސޫޓު، ހެޑް ގިއާ، ފޭސް މާސްކް އަދި ފޭސް ޝީލްޑްގެ އިތުރުން ގަން ބޫޓާއި މަސައްކަތަށް ހާއްސަ އަންގިވެސް ހިމެނެއެވެ.
ޓާސްކްފޯސްގެ މެންބަރުން މަސައްކަތްކުރަނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ދޭ އިރުޝާދު ލިސްޓެއްގެ ދަށުންނެވެ. ކޮންމެ ދުވަހަކުވެސް ވެށިފާރަވެރިން ޑިއުޓީއަށް ނިކުންނަނީ އާ ހެދުމެއްގައެވެ. އަދި ޑިއުޓީ ނިމިގެން ޑިސްއިންފެކްޓްކޮށްގެން ގެއަށް ދިއުމަށްފަހު އެ ހެދުން އެހެން ހެދުންތަކާ ވަކިން ވީހާވެސް އަވަހަށް ދޮވުމަށް ވެމްކޯއިން ވަނީ ވެށިފާރަވެރިންނާއި ޑްރައިވަރުންނަށް އިރުޝާދު ދީފައެވެ.
ކޮންމެ ފަހަރަކުވެސް މަސައްކަތަށް ނުކުތުމުގެ ކުރިންނާއި ފަހުން އެކަމަށްޓަކައި ހާއްސަ ޑީކޮންޓެމިނޭޝަން ފެކަލްޓީއެއްގައި އެ ޓާސްކްފޯސްގެ މެންބަރުން ޑިސްއިންފެކްޓް ކުރާކަމަށް ވެމްކޯއިން މައުލޫމާތު ދެއެވެ. އަދި އެ މަސައްކަތަށް ބޭނުންކުރާ ވެހިކަލްތައްވެސް ބަރާބަރަށް ޑިސްއިންފެކްޓް ކުރެއެވެ. ރައްކާތެރި ހިދުމަތެއް ދިނުމުގެ ބޭނުމުގައެވެ.
މީގެ ކުރިން ވެމްކޯ އިން ކުނި ނަގަނީ ކޮންމެ ގެއެއްގެ ވެސް ދޮރާ ހަމައިންނެވެ. ވަކި ވަކިން ފްލޯތަކަށް އަރައި ހިދުމަތް ދެމުން އައި އިރު ރަޖިސްޓްރީކޮށްފައިނުވާ ގެތަކަށް ހިދުމަތެއް ނުދެއެވެ. ނަމަވެސް ކޯވިޑް-19ގެ ސަބަބުން އެޅި ފިޔަވަޅެއްގެ ގޮތުން ވެމްކޯއިން ވަނީ ކުނި އުކާ ވަކި ގަޑިއެއް ކަނޑައަޅާ އެގަޑި އަކަށް ކޮންމެ ގެއެއްގެ ވެސް ހުރިހާ ފްލޯއެއްގެ ކުނި އެބަޔަކު އަމިއްލައަށް ތިރީގައި ބަހައްޓާ ގޮތަށް އުސޫލު ބަދަލުކޮށްފައެވެ. މިއީ ވެސް މުވައްޒަފުންނާއި ކަސްޓަމަރުންގެ ރައްކާތެރި ކަމަށް އެޅިފައިވާ މުހިންމު ފިޔަވަޅެކެވެ.
ޓާސްކްފޯސް އަދި ވެމްކޯގެ އޮޕަރޭޝަންސްތަކާ ގުޅޭގޮތުން ކަސްޓަމަރެއް ޝަކުވާ ހުށައެޅުމަށް ނުވަތަ މައުލޫމާތު އޮޅުންފިލުވަން ބޭނުންވާނަމަ 1666 މި ނަމްބަރަށް ގުޅުމަށް އެ ކުންފުނިން އެދެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް