ކޯވިޑް-19 ފެތުރޭތީ މިވަގުތު މޮނިޓަރިންގެ ހާލަތުގައި އޮތީ 12 ރަށެއް ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.
އެޗްޕީއޭއިން އާންމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު މިވަގުތު މޮނިޓަރިންގެ ހާލަތުގައި އޮތީ، ހއ. ދިއްދޫ، ހދ. ކުޅުދުއްފުށި ސިޓީ، ށ. ފޯކައިދޫ، ރ. މީދޫ، ދުވާފަރު އަދި ކ. ކާށިދޫއެވެ. ދެން މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވަނީ އއ. ރަސްދޫ، ތޮއްޑޫ، ފ ފީއަލީ އާއި ގއ. ކޫއްޑޫ، ގދ. ނަދެއްލާގެ އިތުރުން ފުވައްމުލަކު ސިޓީ އެވެ.
މީގެ ތެރެއިން މޮނިޓަރިންގެ ހާލަތުގައި އޮންނަތާ އެންމެ ގިނަ ދުވަސްވެފައިވަނީ ފީއަލީ އެވެ. އެ ރަށް މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވަނީ މިދިޔަ މެއި މަހުގެ ދެ ވަނަ ދުވަހު އެވެ.
ރަށެއް މޮނިޓަރިންގެ ހާލަތަށް ލަނީ އާންމުންގެ މެދުގައި ބަލި ފެތުރޭނަމަ އެވެ. އެގޮތުން ފްލޫ ކްލިނިކަށް ދައްކާ މީހަކު ކޯވިޑަށް ޕޮސިޓިވް ވެއްޖެ ނަމަ އޭގެން އެނގިގެން ދަނީ އާބާދީގެ ތެރޭގައި ނޭނގި ބަލިފެތުރެމުންދާ ކަން ކަމަށްވާތީ އެ ރަށެއް މޮނިޓަރިންގެ ހާލަތަށް ގެންނާނެ ކަމަށް އެޗްޕީއޭއިން ބުނެ އެވެ.
އެކަމަކު ހޯމް ކަރަންޓީންގައި ހުންނަ މީހަކު ޕޮސިޓިވް ވިޔަސް އެ ރަށެއް މޮނިޓަރިންގެ ހާލަތަށް ނުގެންނާނެ އެވެ. އެޗްޕީއޭއިން ބުނީ ހޯމް ކަރަންޓީންގައި ހުންނަ މީހާ ގައިޑްލައިނާ ހިލާފު ނުވާނަމަ ރަށުތެރެއަށް އެމީހެއްގެ ފަރާތުން ބަލި ފެތުރުމުގެ ފުރުސަތު ނޯންނާނެތީ ކަރަންޓީންގައި ހުންނަ މީހާ ގައިޑްލައިނާ ހިލާފު ވުމުގެ ސަބަބުން އިތުރު ބަޔަކަށް ބަލި ނުޖެހޭނަމަ މޮނިޓަރިންނަށް ނުލާނެ ކަމަށެވެ.
އެޗްޕީއޭއިން ގައިޑްލައިންތަކަށް ގެނެސްފައިވާ ބަދަލާއި އެކު ބަލި ޖެހުނުތާ 60 ދުވަސް ނުވާ މީހުންނާއި ކޯވިޑް-19 ވެކްސިން ދެ ޑޯޒު ފުރިހަމަ ކޮށްގެން ދާ މީހުންވެސް މޮނިޓަރިންގެ ހާލަތުގައި ހުރި ރަށްރަށުގައި 14 ދުވަހު ކަރަންޓީން ވާން ޖެހޭނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް