މިއަދުވެސް ރާއްޖޭގެ އެކި ހިސާބަށް މޫސުން ގޯސްވުން އެކަށީގެންވާކަމަށް މެޓް އޮފީހުން ބުނެފިއެވެ.
މެޓް އޮފީހުން ބުނީ ރާއްޖެއަށް މިހާރު ކުރަމުން މި ދަނީ ހުޅަނގު މޫސުމުގެ ވިއްސާރަކަމަށާއި، ރާއްޖެ ހިމެނޭ ސަރަޙައްދުގައި ލޯ ޕްރެޝަރ ޓްރަފެއް އުފެދިފައިވާކަމަށެވެ.
އަދި މެދުރާއްޖެތެރެއާއި ދެކުނުގެ އެކިހިސާބަށް ގުގުރުމާއެކު ވިއްސާރަކުރާނެކަމަށާއި، އުތުރުގެ އެކިހިސާބަށް ކެރީގެ އަސަރުފޯރާނެކަމަށާއި، ބައެއް ރަށްތަކަށް ގުގުރުން އެކަށީގެންވާކަމަށްވެސް މެޓް އޮފީހުން ބުނެއެވެ.
މެޓް އޮފީހުން ކުރިއަށްއޮތް 24 ގަޑިއިރުގެ މޫސުން ލަފާކުރާގޮތަށް ބަލާއިރު އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 05 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެއެވެ. އަދި ދެކުނުގެ އަތޮޅުތަކުގައި ވައި އެނބުރި އާއްމުކޮށް މަޑުން، ހުޅަނގުދެކުނާއި ހުޅަނގުން، ގަޑިއަކު 3 މޭލާއި 10 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށާއި، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލުގެ ބާރުމިނަށް ވައި ގަދަވުން އެކަށީގެންވެއެވެ.
މީގެ އިތުރުން ރާއްޖޭގެ ކަނޑުތައް ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެތީ، ވަކިން ޚާއްސަކޮށް މެދުރާއްޖެތެރޭގައި ކަނޑުދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ޚާއްސަ ސަމާލުކަމެއްދެއްވުމަށް އެ އިދާރާއިން އިލްތިމާސްކުރައްވައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް