އަވައްޓެރި އިންޑިއާއިން ކޯވިޑް-19 ކޮންޓްރޯލް ކުރަން ދުވާލަކު ވެކްސިން ދޭންޖެހޭ މީހުންގެ އަދަދު އެ ގައުމުގެ ސިއްހީ ތަޖުރިބާކާރުންނާއި ސައިންސްޓިސްޓުން ހާމަކޮށްފި އެވެ.
އެމީހުން ބުނީ އިންޑިއާގައި މިހާރު ބަލި ފެތުރެމުންދާ ހަލުވި މިނަށް ބަލާއިރު ދުވާލަކު 10 މިލިއަން މީހުންނަށް ކޯވިޑް ވެކްސިން ދޭން ޖެހޭ ކަމަށެވެ. އެކަމަކު އެއަދަދަށް ދިނުމަކީ އުނދަގޫ ކަމެއް ކަމަށާއި އަދި އާބާދީ ބޮޑުވުމާއި ވެކްސިން ދިނުމުގައި ކުރިމަތިވާ ހުރަސްތަކަތަކީ އެ އަދަދަކަށް ކޮންމެ ދުވަހަކު ވެކްސިން ނުދޭނެ ކަމެއް ކަމަށް ބުނެފައިވެ އެވެ.
ކޯވިޑް ކޮންޓްރޯލް ކުރުމަށް މިހާރު އެ ގައުމުގައި ކުރިޔަށް ގެންދާ ހިލޭ ވެކްސިން ދިނުމުގެ ޕްރޮގްރާމްގެ ދަށުން އެއް ދުވަހާއި އެންމެ ގިނަ މީހުންނަށް ވެކްސިން ދެވިފައިވަނީ ޕްރޮގްރާމް ފެށި ދުވަސް ކަމަށްވާ މިދިޔަ މަހުގެ21 ވަނަ ދުވަހު އެވެ. އެ ދުވަހު އަށް މިލިއަނަށްވުރެ ގިނަ މީހުންނަށް ވެކްސިން ދީފައިވެ އެވެ.
އިންޑިއާގައި ކޯވިޑް ކޮންޓްރޯލް ކުރުމަށް ކުރަންޖެހޭ އިތުރު މަސައްކަތަކީ ވެކްސިން ދޭ އުމުރު ފުރާ އިތުރު ކުރުމެވެ. މިހާޜު ވެކްސިން ދެމުންދަނީ18 އަހަރުން މަތީގެ މީހުންނަށެވެ.
އެހެންވެ އިންޑިއާ ސަރުކާރުން ވަނީ ފައިޒާ ވެކްސިން ހޯދައި އުމުރުން12 އަހަރުން މަތީގެ ކުދިންނަށް ވެކްސިން ދޭން ފަށަން ނިންމާފައި އެވެ. އިންޑިއާ ސަރުކާރުން ބުނީ އަންނަ މަހުން ފެށިގެން އެ އުމުރުފުރާގެ ކުދިންނަށް ވެކްސިން ދޭން ފަށާނެ ކަމަށެވެ.
އިންޑިއާގައި މިހާތަނަށް ކޮވިޑް ވެކްސިންގެ 441 މިލިއަން ޑޯޒު މީހުންނަށް ޖަހާފައިވެ އެވެ. އިންޑިއާ ސަރުކާރުގެ އަމާޒަކީ މިއަހަރު ނިމެންވާއިރަށް އެ ގައުމުގައި ވެކްސިން ޖަހާ އާބާދީއަށް ކޮވިޑް ވެކްސިން ދީ ނިންމުމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް