ޕާކިސްތާނުގެ ބޮޑުވަޒީރު މުހައްމަދު ނަވާޒު ޝަރީފު އެ މަޤާމުގައި ހުރުމަށް ޝަރުތު ފުރިހަމަ ނުވާކަމަށް އެގައުމުގެ ސުޕްރީމް ކޯޓުން ދާދި ދެންމެ އަކު ނިންމައިފިއެވެ.
އެހެންކަމުން ނަވާޒް ޝަރީފަށް ވަނީ އިސްތިއުފާ ދޭން މަޖުބޫރު ވެފައެވެ.
" ޕާލަމެންޓް މެންބަރެއްގެ ހައިސިއްޔަތު ނަވާޒް ޝަރީފަށް ވަނީ ގެއްލިފައި. އެހެންވެ ބޮޑު ވަޒީރުކަމުގެ މަގާމުން ވަކިވާން ޖެހޭ،" ސުޕްރީމް ކޯޓުގެ ހުކުމް އިއްވަވަމުން ފަނޑިޔާރު އިޖާޒް އަފްޒަލް ޚާން ވިދާޅުވި އެވެ.
އުމުރުން 67 އަހަރުގެ ޝަރީފްގެ މައްޗަށް ދައުވާކޮށްފައި ވަނީ، 1990ގެ އަހަރުތަކުގައި އޭނާ ޕާކިސްތާނުގެ ބޮޑުވަޒީރު ކަމުގައި ހުންނެވި އިރު، ކަޅުފައިސާ ދޮވުމުގެ މުއާމަލާތްކޮށް، ލަންޑަނުން އަގުބޮޑު މުދާތަކެއް މިލްކުރިކަމުގެ ތުހުމަތުގައެވެ.
ފަނޑިޔާރު އާސިފް ސައީދު ޚޫސާ ބެންޗު ބަލަހައްޓަވާ ފަސް ފަނޑިޔާރުންގެ ބެންޗުން ވަނީ، ހަ ހަފްތާގެ ތެރޭގައި ނަވާޒް ޝަރީފާއި އޭނާގެ އާއިލާގެ މައްޗަށް ދައުވާކުރުމަށް ނޭޝަނަލް އެކައުންޓަބިލިޓީ ބޯޑުގެ މައްޗަށް އަމުރުކޮށްފައެވެ.
ނަވާޒް ޝަރީފުގެ މަގާމު ގެއްލޭފަދަ ހާލަތަކަށް ހިނގައްޖެ ނަމަ ކޮއްކޯފުޅު ޝަހުބާޒް ޝަރީފަށް ބޮޑު ވަޒީރުކަން ދިނުމާ ގުޅޭ ގޮތުން ޕާޓީގެ ތެރޭގައި ދާދި ފަހުން ވަނީ މަޝްވަރާ ކުރައްވައިފަ އެވެ. އެކަމަކު ޕަންޖާބު ޕްރޮވިންސްގެ ޗީފް މިނިސްޓަރު ޝަހުބާޒަކީ ޕާލަމެންޓުގެ މެންބަރަކަށް ނުވުމުން ބޮޑު ވަޒީރުކަން ވަގުތުން ވަގުތަށް ލިބޭނެ ގޮތެއް ނެތެވެ. އެހެންވެ ވަގުތީ ގޮތުން ބޮޑު ވަޒީރުކަމަށް ގެނައުމަށް ޚިޔާލުކޮށްފައި ވަނީ ޑިފެންސް މިނިސްޓަރު ޚަވާޖާ އާސިފެވެ. ޖިއޯ ނިއުސް އިން ބުނީ 45 ދުވަސްތެރޭ ބައި-އިލެކްޝަނެއް ބޭއްވުމަށް ފަހު ޝަހުބާޒް ޕާލަމެންޓަށް ގެނެސް ބޮޑު ވަޒީރުކަން ދިނުމާ ގުޅޭ ގޮތުން ވެރިކަންކުރާ ޕާކިސްތާން މުސްލިމް ލީގު ޕާޓީން ވަނީ މަޝްވަރާކޮށްފަ އެވެ.
މިއީ ޕާކިސްތާނުގެ 70 އަހަރުވީ ތާރީޚުގައި މަގާމުގައި ހުންނެވި ބޮޑު ވަޒީރަކު ސްޕްރީމް ކޯޓުން ދުރުކުރި ދެ ވަނަ ފަހަރެވެ. މީގެ ކުރިން 2012 ވަނަ އަހަރު ވަނީ އޭރުގެ ބޮޑު ވަޒީރު ޔޫސުފް ރިޒާ ގިލާނީ ސުޕްރީމް ކޯޓުން މަގާމުން ދުރުކޮށްފަ އެވެ. އޭނާ މަގާމުން ދުރުކުރީ ރައީސް އާސިފް އަލީ ޒަރުދާރީގެ ކޮރަޕްޝަން މައްސަލަތައް ބެލުމަށް ދެކޮޅު ހެއްދެވުމުންނެވެ.
ރާއްޖޭގެ މިނިވަން ދުވަހުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވުމަށް ރާއްޖެ އަށް ކުރެއްވި ދަތުރުފުޅަށް ފަހު އެމަނިކުފާން ގައުމަށް ވަޑައިގެންނެވީ އިއްޔެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް