ބޯހިޔާވަހިކަމުގެ ދަތިކަން ހައްލުކުރުމަށްޓަކައި، ސަރުކާރުން ކުރިއަށްގެންދާ "ހިޔާވެހި ފައިނޭންސް ސްކީމް" ގެ ދަށުން ބޭންކް އޮފް މޯލްޑިވްސް (ބީ.އެމް.އެލް) އާ އެކު އެއްބަސްވެފައިވާ ލޯނު ސްކީމްތަކުގެ ތަފުސީލުތައް ހާމަކޮށްފިއެވެ.
ހައުސިން މިނިސްޓްރީން ބުނީ މި ސްކީމަކީ މާލީ ދަތިކަމުގެ ސަބަބުން ގެދޮރު އިމާރާތްކުރުމަށް ދަތިވާ ފަރާތްތަކަށް މާލީގޮތުން ޙައްލު ހޯދައިދިނުމުގެ ގޮތުން، ސަރުކާރުން އެކަށައަޅައިފައިވާ ސިޔާސަތުގެ ދަށުން، އިސްލާމީ މިންގަނޑުތަކާ އެއްގޮތަށް ދޫކުރާ ލޯނުތަކެއް ކަމަށެވެ.
މި ސްކީމަށް އެޕްލިކޭޝަން ހުށަހެޅުމުގެ މުއްދަތު ހަމަވެފައި ވަނީ މިދިޔަ މެއި މަހުގެ 30 ވަނަ ދުވަހާއި ހަމައަށެވެ.
އަދި އެ މުއްދަތު ހަމަވެފައިވާއިރު، ޖުމްލަ 2256 ފޯމު ވަނީ ހުށަހަޅާފައެވެ.
ހައުސިން މިނިސްޓްރީން ބުނީ މި ފޯމުތަކުގެ ތެރެއިން "ރަށްވެހި" ސްކީމަށް 1329 ފޯމު، "ސަހަރް" ސްކީމަށް 586 ފޯމު، އަދި "ފަހިމާލެ" ސްކީމަށް 341 ފޯމު ހުށަހަޅާފައިވާ ކަމަށެވެ.
މިވަގުތު މި ފޯމުތައް އިވެލުވޭޓް ކުރުމަށްޓަކައި އިދާރީގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރެވެމުންދާ ކަމަށް ހައުސިން މިނިސްޓްރީން ހާމަކުރެއެވެ.
އިވެލުވޭޝަންގެ މަސައްކަތް ނިމުމާއެކު، ފޯމުތައް ފައިނޭންޝަލް އިންސްޓިޓިއުޝަންތަކުން ނިންމަންޖެހޭ ކަންކަން ނިންމުމަށްޓަކައި އެ ފަރާތްތަކަށް ފޮނުވުމަށްފަހު ލޯނުތައް ދޫކުރާނެ ކަމަށް ބެލެވެނީ މި ފެށޭ ޖުލައި މަހު ކަަމަށް ހައުސިން މިނިސްޓްރީން މިއަދު ބުނެފައި ވެއެވެ.
މި ޕްރޮގްރާމްގެ ސަބަބުން ހިޔާވަހިކަން ހޯދުމުގައި ދަތިތަކާ ކުރިމަތިވާ ފަރާތްތަކަށް، ލުއި ގޮތްތަކެއް މަގުފަހިވެ، ގެދޮރުގެ ތަނަވަސްކަން ލިބިގެންދާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް