އެމެރިކާއިން ޣައްޒާއަށް ފޮނުވާފައިވާ އެހީގެ ފުށް ބަސްތާތަކުގެ ތެރެއިން ކޮންޓްރޯލް ކުރެވިފައިވާ ބޭހެއް ކަމުގައިވާ އޮކްސިކޯޑޯން ފެނިފައިވާ ކަމަށް ޣައްޒާގެ ކަމާބެހޭ ފަރާތްތަކުން ބުނެފިއެވެ. މިއީ ތަދު ކެނޑުވުމަށް، ހަމައެކަނި ބޭސް ސިޓީއަށް ދޫކުރާ ބާރުގަދަ ބޭހެކެވެ. އަދި މި ބޭހަކީ މަސްތުވުމަށްވެސް ބޭނުންކުރާ ބޭހެކެވެ. ޣައްޒާ ސަރުކާރުގެ މީޑިއާ އޮފީހުން މަޢުލޫމާތު ދީފައިވާ ގޮތުގައި މި ބޭސް ފުށުގެ ތެރެއަށް އަޅާފައި ނުވަތަ ފުށާއި އެއްކޮށްލާފައި ހުރެދާނެ ކަމަށާއި، މިއީ ޢާންމު ޞިއްޙަތަށް ނުރައްކާތެރި ބިރެއްކަމަށް އިންޒާރުދީފައިވެއެވެ.
ޣައްޒާގެ ކަމާބެހޭ ފަރާތްތަކުން ތުހުމަތުކުރަނީ މިއީ މަސްތުވާތަކެއްޗަށް ދެވިހިފުން އިތުރުކޮށް، ފަލަސްޠީނު މުޖުތަމަޢު ބަލިކަށިކުރުމަށް އަމާޒުކޮށްގެން ހިންގާފައިވާ ޢަމަލެއް ކަމަށެވެ. އަދި މިއީ "ހަނގުރާމައިގެ ވަގުތު ބޭނުންކުރެވޭ ނުސީދާ ހަތިޔާރެއް" ކަމަށް ބަޔާންކޮށްފައިވެއެވެ.
އިސްރާއީލުން ފަހަކަށްއައިސް ދެކުނު އަދި މެދު ޣައްޒާގައި ހަތަރު އެހީ ބެހުމުގެ މަރުކަޒުތަކެއް ޤާއިމުކޮށްފައިވަނީ އދ. ގެ ނިޒާމު ބޭނުން ނުކޮށެވެ. މި ފިޔަވަޅާ ގުޅިގެން ބައިނަލްއަޤްވާމީ ފާޑުކިޔުންތައް އަމާޒުވެފައިވެއެވެ. އަދި މިއީ އުތުރު ޣައްޒާއިން ފަލަސްޠީނު ރައްޔިތުން ބޭރުކުރުމަށް އަމާޒުކޮށްގެން ރޭވިފައިވާ ޕްލޭނެއްގެ ބައެއް ކަމަށް ބައެއް ފަރާތްތަކުން ތުހުމަތު ކުރެއެވެ.
ޣައްޒާގެ ޞިއްޙީ ވުޒާރާއިން ހާމަކުރި ގޮތުގައި މެއި 27 އިން ފެށިގެން، އެހީ ބެހުމުގެ މަރުކަޒުތަކާ ކައިރީގައި ދިން ހަމަލާތަކާ ގުޅިގެން 549 އަށްވުރެ ގިނަ ފަލަސްޠީނު ރައްޔިތުން ޝަހީދުވެފައިވާއިރު، 4،000 އަށްވުރެ ގިނަ މީހުންނަށް ޒަޚަމްވެފައިވެއެވެ. 2023 ވަނަ އަހަރުގެ އޮކްޓޯބަރުމަހު ހަނގުރާމަ ފެށުނީއްސުރެ 56،300 އަށްވުރެ ގިނަ ފަލަސްޠީނު ރައްޔިތުން، ގިނައީ އަންހެނުންނާއި ކުޑަކުދިން، ޝަހީދުވެފައިވާ ކަމަށް ރިޕޯޓުކުރެވިފައިވެއެވެ.
މި ހާލަތާ ގުޅިގެން އިސްރާއީލަށް މިހާރުވެސް ވަނީ ބައިނަލްއަޤްވާމީ ޤާނޫނީ ގޮންޖެހުންތަކާ ކުރިމަތިލާންޖެހިފައެވެ. މީގެ ތެރޭގައި އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުގައި ނަސްލު ނައްތާލުމުގެ ދަޢުވާތަކާއި، އިސްރާއީލުގެ އިސް ލީޑަރުންނާ ދެކޮޅަށް ބައިނަލްއަޤްވާމީ ޖިނާއީ ކޯޓުން ނެރެފައިވާ ހައްޔަރުކުރުމުގެ އަމުރުތައް ހިމެނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް