ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި އައު ފަޔަރ ސްޓޭޝަން ހުޅުވައިފި

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި އައު ފަޔަރ ސްޓޭޝަނެއް ހުޅުވައިފިއެވެ. އައު ފަޔަރ ސްޓޭޝަން ހުޅުވައިދެއްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް އެވެ. މި ކަ...

28 Jun 2024 | 18:13

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި އައު ފަޔަރ ސްޓޭޝަނެއް ހުޅުވައިފިއެވެ.

އައު ފަޔަރ ސްޓޭޝަން ހުޅުވައިދެއްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް އެވެ.

މި ކަމަށްޓަކައި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި، ޗީފް އޮފް ޑިފެންސް ފޯސް މެޖާރ ޖެނެރަލް އިބްރާހީމް ހިލްމީ، އެމް.އޭ.ސީ.އެލްގެ ސީ.އީ.އޯ އަދި މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝަރީފް މުޙައްމަދުގެ އިތުރުން އެ ކުންފުނީގެ އިސްބޭފުޅުންނާއި، ސަރުކާރުގެ ވުޒާރާތަކާއި ކުންފުނިތަކުން އަދި ދައުލަތުގެ އިދާރާތަކުގެ އިސްބޭފުޅުން ބައިވެރިވެ ވަޑައިގެންފައިވެއެވެ.

މި ރަސްމިއްޔާތު ފެށުނީ، އެމް.އޭ.ސީ.އެލްގެ ކުރީގެ ފަޔަރ ޗީފް އަލް މަރުހޫމް އަހުމަދު ފަޔާޒުގެ ހަނދާނުގައި ގެނެވުނު ޙާއްސަ ސުކޫތަކަށް ފަހުގައެވެ.

މިރަސްމިއްޔާތުގައި ނައިބު ރައީސް ވަނީ، ވެލަނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ފަޔަރ ފައިޓަރުން ކުރައްވާ ޤައުމީ ޚިދުމަތް ފާހަގަކުރައްވައި އެ ބޭފުޅުންނަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ފަޔަރ ފައިޓަރުންނަށް ބޭނުންވާ ތަރައްޤީއާއި ވަޞީލަތްތައް ފުރިހަމަކޮށްދިނުމަށް ސަރުކާރުން އަބަދުވެސް މަސައްކަތް ކުރާނެކަމަށް ނައިބު ރައީސް ވިދާޅުވެފައި ވެއެވެ.

އެމް.އޭ.ސީ.އެލްގެ ސީ.އީ.އޯ އަދި މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޝަރީފް މުޙައްމަދުގެ ވާހަކަފުޅުގައި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ ތަރައްޤީއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ ސަރުކާރުން ދެއްވާ ޚާއްސަ ސަމާލުކަމާއި ދުރު ވިސްނުންފުޅު ފާހަގަކުރައްވައި އެކަމަށްޓަކައި ވަނީ ޝުކުރު އަދާ ކުރައްވާފައެވެ.

މީގެ އިތުރުން އެމް.ޑީގެ ވާހަކަފުޅުގައި ފަޔަރ ފައިޓަރުންގެ ޓީމްގެ ޤާބިލްކަމާއި އަލަށް ހުޅުވުނު ފަޔަރ ސްޓޭޝަނާއިއެކު ހާދިސާތަކަށް ރެސްޕޮންޑް ކުރެވޭ ވަގުތާއި ފެންވަރު ރަނގަޅުވެގެންދާނެކަން ވަނީ ފާހަގަ ކުރައްވާފައެވެ. އަދި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަކީ މިސަރަޙައްދުގައިވެސް އަންހެން ފަޔަރ ފައިޓަރުން ޚިދުމަތާއި ގުޅުނު ފުރަތަމަ އެއަރޕޯޓްކަން ފާގަކުރައްވައި އެބޭފުޅުންނަށް މަރުހަބާއާއި ޝުކުރު ދެންނަވާފައިވެއެވެ.

އެމް.ޑީ އިތުރަށް ފާހަގަކުރެއްވި ގޮތުގައި އެމް.އޭ.ސީ.އެލުން މަސައްކަތް ކުރަމުންދަނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަކީ ރާއްޖޭގެ އިޤްތިޞާދުގެ އެންމެ މުހިންމު އިންޑަސްޓްރީ - ޓުއަރިޒަމް އިންޑަސްޓްރީއާއި ފައިހަމަ ކުރެވޭ ފެންވަރުގެ ޚިދުމަތެއްދޭ ތަނަކަށް ހެދުމަށެވެ. އަދި އައު ފެސިލިޓީ ތަކާއެކު މިކަން ޙާސިލު ކުރުމަށް މަގުފަހިވެގެންދާނެ ކަމަށް ވިދާޅުވެފައި ވެއެވެ. އަދި އެއަރޕޯޓް ތަރައްޤީ ކުރުމުގެ ޕްރޮޖެކްޓްތައް ހިންގަވާ ކޮންޓްރެކްޓަރުންނާއި އެއަރޕޯޓްގައި ޚިދުމަތްދޭ ވިޔަފާރީގެ ބައިވެރިންނަށް ޝުކުރު އަދާކުރައްވާފައިވެއެވެ.

މިއަދު ހުޅުވި އައު ފަޔަރ ސްޓޭޝަނުގައި ބޭނުންކުރާނީ ޒަމާނީ ވަސީލަތްތަކެވެ. މި ސްޓޭޝަނަކީ އިންޓަރނޭޝަނަލް ސިވިލް އޭވިއޭޝަން އޮގަނައިޒޭޝަން (އައިކާއޯ)ގެ އެއަރޕޯޓް ފަޔަރ ރެސްކިއުގެ ކެޓަގަރީ ނުވައެއް ގެ އެއަރޕޯޓު ޝަރުތުތައް ފުރިހަމަވެފައިވާ އަދި އޭރޯޑްރޯމް ކެޓަގަރީ ދިހައެއް ގެ އަލިފާން ނިއްވުމުގެ މިންގަނޑުތަކާ އެއްގޮތަށް ހުޅުވިގެންދިޔަ ސްޓޭޝަނެއެކެވެ. 2230 އަކަމީޓަރުގެ ސަރަހައްދެއްގައި އިމާރާތްކޮށްފައިވާ މި ފެސިލިޓީއަކީ ރަންވޭ، އިރުމަތީ އޭޕްރަން، ވޯޓަރ އޭރޯޑްރޯމްގެ މައި ރެސްޕޮންޑަރެއްގެ ގޮތުގައި މަސައްކަތްކުރާނެ ފެސިލިޓީއެވެ.

އައު ފަޔަރ ސްޓޭޝަންގައި މުވައްޒަފުންނާއި، ތަމްރީންތަކަށް އަދި ކޮންޓްރޯލް ސެންޓަރު ހިމެނޭހެން 2 ފަންގިފިލާގެ އިމާރާތެއް ވަނީ ގާއިމު ކޮށްފައެވެ.

އައު ފަޔަރ ސްޓޭޝަން ހުޅުވައި ޚިދުމަތްދޭން ފެށިނަމަވެސް، ކުރީގައި ބޭނުންކުރާ ފަޔަރ ސްޓޭޝަންގެ ޙިދުމަތްވެސް ދެމުން ދާނެ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ. އެގޮތުން ޓެކްސީވޭ އަދި ހުޅަނގުފަރާތު އޭޕްރަން، އަދި އޮފީސް އިމާރާތްތަކުގެ އިމަރޖެންސީގައި ހަރަކާތްތެރިވާނީ ކުރީގެ ފަޔަރ ސަޓޭޝަނުންނެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ބޮޑުކޮށް ޚިދުމަތް ރަނގަޅު ކުރުމަށް މިހާރު ކުރިޔަށްދާ މަޝްރުޢޫގެ ދަށުން މިހާތަނަށް އައު ކޯޑް-އެފް ރަންވޭ އަކާއި، އައު ސީޕްލޭން ޓަރމިނަލަކާއި، އައު ކަރގޯ ޓަރމިނަލަކާއި، އައު ވީ.އައި.ޕީ / ސީ.އައި.ޕީ ޓަރމިނަލަކާއި، އައު ފިޔުލް ފާމެއްގެ ޚިދުމަތްތައް ވަނީ ތަޢާރަފް ކޮށްފައެވެ. މިއަދު ހުޅުވުނު އައު ފަޔަރ ސްޓޭޝަނަކީ މި މަޝްރޫއުގެ ދަށުން އެންމެ ފަހުން ޚިދުމަތްދޭން ފެށުނު ތަނެވެ. އަދި އެމް.އޭ.ސީ.އެލް އިން މިހާރު މަސައްކަތް ކުރަމުންދަނީ މިއަހަރުގެ ނިޔަލަށް އައު ޓަރމިނަލްގެ ބައެއް ޚިދުމަތްތައް ފަށައިގަތުމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް