ޝަމްނާޒްގެ ސިހުރުގެ ވާހަކަ ބައިނަލްއަގްވާމީ ފަލަ ސުރުހީތަކަށް

މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު ފާތިމަތު ޝަމްނާޒް އަލީ ހެދިކަމަށްބުނާ ސިހުރުގެ ވާހަކަ ބައިނަލްއަގްވާމީ ފަލަ ސުރުހީތަކުން ޖާގަ ހޯދައިފިއެވެ. އެގޮތުން އާރްޓީ ޑޮ...

28 Jun 2024 | 16:50

މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު ފާތިމަތު ޝަމްނާޒް އަލީ ހެދިކަމަށްބުނާ ސިހުރުގެ ވާހަކަ ބައިނަލްއަގްވާމީ ފަލަ ސުރުހީތަކުން ޖާގަ ހޯދައިފިއެވެ.

އެގޮތުން އާރްޓީ ޑޮޓް ކޮމްއިން ބުނެފައިވަނީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއަށް، މަތީ ފަންތީގެ ސިޔާސީ ވެރިޔަކު ސިހުރުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާކަމަށެވެ. ފަހަތުން ދިވެހި ދިދައާއި ސިހުރު ހާހޫރުގެ ސިހުރު ފަންޑިތަވެރިކަން ސިފަކުރަން ބޭނުންކުރާ ބައެއް ނިޝާންތަކާއި ޖަލުގެ ތޭރިތަކުގެ ތެރޭގައި ޝަމްނާޒް އިންނަހެން ފެންނަ ފޮޓޯއެއް އާއްމުކޮށްފައިވެއެވެ.

މީގެ އިތުރުން އިންޑިއާގެ ވަޔޮން ނޫސް ކަހަލަ ބޮޑެތި ބައެއް އިތުރު ނޫސްތަކުންވެސް މިއަދު ވަނީ މި ޚަބަރު ފަލަ ސުރުހީގެ ގޮތުގައި ގެނެސްދީފައެވެ. އެހެންނަމަވެސް ރަސްމީ އެއްވެސް ބަހެއް އެ މީޑިއާތަކުން ގެނެސްދީފައެއް ނުވެއެވެ.

މި މައްސަލައިގާ ޝަމްނާޒްގެ އިތުރުން ދެމީހަކު ހައްޔަރުކޮށް ބަންދަށް ހަތް ދުވަހުގެ މުއްދަތެއް ޖަހާފައިވާއިރު ޝަމްނާޒް ސިހުރު ހެދީ ރައީސަށްތޯ ނޫނީ އެހެން މީހަކަށްތޯ، އޮތީ ސުވާލު މާކެއްގެ ތެރޭގައެވެ. އެހެންނަމަވެސް ރޭގައި ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ޝަމްނާޒްގެ ސިހުރު އަމާޒުކުރީ ރައީސް މުޢިއްޒަށްކަމުގައި ސިފަވާފަދަ ގޮތަކަށް ފުލުހުން ނުސީދާގޮތެއްގައި މައުލޫމާތު ދިނެވެ.

ޝަމްނާޒް އާއި އިތުރު ދެމީހަކު ހައްޔަރުކޮށްފައިވާއިރު ޝަމްނާޒްގެ ކުރީގެ ފިރިމީހާ އަދި ރައީސް އޮފީހުގެ މިނިސްޓަރު އާދަމް ރަމީޒު ވަނީ މަގާމުން ސަސްޕެންޑު ކޮށްފައެވެ. އެހެންނަމަވެސް ރަމީޒް ސަސްޕެންޑް ކުރުމާއި ޝަމްނާޒްގެ ސިހުރުގެ ކަންތަކާއި ގުޅުމެއް ވާކަމެއްވެސް ހާމަކޮށްފައެއް ނުވެއެވެ.

https://www.youtube.com/watch?v=4zhnYMMSATU

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް