ށ. ފުނަދޫ ޒަމާނީ ވިލާ މުހައްމަދު ޖަމީލް ޖަލުގައި މަރުވި މައްސަލަ ދިވެހި ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.
ކަރެކްޝަންސް އިން މިއަދު ބުނެފައިވަނީ މާފުށީ ޖަލުގައި ޝަރީޢަތް ނިމެންދެން ބަންދުކޮށްފައި ހުރި ށ. ފުނަދޫ ޒަމާނީ ވިލާ މުޙައްމަދު ޖަމީލް (45 އަހަރު) މިއަދު ނިޔާވެފައިވާކަމަށާއި މުޙައްމަދު ޖަމީލް ގޮޅިން ބޭރަށް ނުނިކުމެ، ހަރަކާތް ނުކޮތް ގިނައިރު އޮތްކަން ފާހަގަ ކުރެވިގެން މާފުށީ ޖަލުގެ މެޑިކަލް ސެންޓަރަށް ގެންގޮސް ވަނީ ސީޕީއާރް ދިން ކަމަށާއި އެއްވެސް ބަދަލެއް ނައުމާ ގުޅިގެން، 12:13 ހާއިރު މާފުށީ ސިއްޙީ މަރުކަޒަށް ގެންގޮސް އޭނާއަށް ފަރުވާ ދޭން ފެށި ކަމަށާއި އަދި 12:45 ގައި ޑޮކްޓަރު ވަނީ މުޙައްމަދު ޖަމީލްގެ ހިތް ހުއްޓިގެން ކަމަށް ކަނޑައަޅާފައި ކަމުގައި ކަރެކްޝަންސް އިން ބުނެފައިވެއެވެ.
"މީނާއަކީ ނުރައްކާތެރި އަދި ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ މައްސަލައެއްގައި ޝަރީޢަތް ނިމެންދެން ބަންދުކޮށްފައި ހުރި މީހެއް، މީނާއަކީ ނަފްސާނީ ބައްޔަކަށް ފަރުވާކުރަމުން އައި މީހެއް" ކަރެކްޝަންސް އިން ބުނެފައިވެއެވެ.
ޖަމީލަކީ ހުކުރު ދުވަހެއްގައި ސަލްމާން މިސްކިތުގެ މިންބަރަށް އަރާ އަޑުގަދަކުރުމުގެ މައްސަލައިގާ ހައްޔަރުކުރި މީހެކެވެ. އަދި އެއަށްފަހުގެ ހާދިސާއެއްގައި ކުރީގެ ސްޓޭޓް މިނިސްޓަރު އަލީ ސޯލިހަށް މަގުމަތިން ތޫނު އެއްޗަކުން ހަމަލާއެއް ދިން މައްސަލައެއްގައިވެސް ހައްޔަރުކުރިއެވެ.
ޖަމީލްގެ މަރާއި ގުޅޭގޮތުން ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން ކަރެކްޝަންސް އަށް ތުހުމަތުގެ އިނގިލި ދިއްކުރަމުން އަންނައިރު ފުލުހުން ކުރެން ނޫސްވެރިން އެ ސުވާލު ކުރުމުން ފުލުހުން ބުނީ ޖަލުގައި ގައިދީއަކު މަރުވެފައިވާ މައްސަލައެއް ފުލުހުންނަށް ރިޕޯޓުކޮށްފައިވާއިރު އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް