ދިވެހީންގެ ތެރޭގައި ފެތުރެމުންދާ ދީނާ ދުރު ދެ ފިކުރަކީ ކަލަކު ވޮޑިގެންވާކަން ޤަބޫލު ނުކުރުމުގެ ފިކުރާ ދީނީ ހަރުކަށިވުމުގެ ފިކުރު ކަމުގައި މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ.
މިއަދުގެ ހުކުރު ޚުޠުބާގެ މަޢުލޫއަކީ "އިސްލާމްދީނަކީ މެދުމިނުގެ ދީނެވެ." މި މަޢުލޫއެވެ.
މި މަޢުލޫގައި ޚުޠުބާގައި ބުނެފައިވަނީ އިސްލާމް ދީނަކީ، މެދުމިނުގެ ދީން ކަމަށާއި އެބަހީ އެންމެ ފުރިހަމަ، އެންމެ ހެޔޮ، އެންމެ ޢަދުލުވެރި، އަދި އެންމެ ލުއިފަސޭހަ ދީން ކަމަށެވެ. ހޭދަކުރުމުގައްޔާއި، އަޅުކަން ކުރުމުގައި ވެސް އެ ދީނުގައި އޮތީ މެދުމިން ކަމަށެވެ.
"އިސްލާމް ދީނުގައި، ދަތި، އުނދަގޫ އެއްވެސް ކަމެއް ލައްވައިފައެއް ނުވެއެވެ." ޚުޠުބާގައި ބުނެފައިވެއެވެ.
އިސްލާމްދީނަކީ މެދުމިނުގެ ދީންކަމަށްވާ އިރު، އެ ދީނާ ދުރު ބައެއް ފިކުރު، ދިވެހީންގެ ތެރޭގައި ވެސް ފެތުރެން ފަށައިފިކަން ފާހަގަކޮށް ޚުޠުބާގައި ބުނެފައިވަނީ އޭގެ ތެރޭގައި ދީނީ ގޮތުން ހައްދު ފަހަނަޅައިދިއުން ފަދަ ކަންކަން ހިމެނޭކަމަށެވެ.
އެގޮތުން ޚުޠުބާގައި ބުނެފައިވަނީ މުސްލިމުންގެ ތެރޭގައި ފެތުރެމުންދާ ނުރައްކާތެރި އެއް ފިކުރަކީ، ކަލަކު ވޮޑިގެންވާކަން ޤަބޫލުނުކުރުމުގެ ފިކުރު ކަމަށާއި އޭގެ ނަތީޖާއެއްގެ ގޮތުން އެ ފިކުރުގެ އަހުލުވެރިންނާ މުސްލިމުންނާ ދެމެދު އޮންނަ ޝަރުޢީ ގުޅުންތައް ކެނޑޭނެކަމަށެވެ. އަދި ކައިވެނީގެ ގުޅުމާއި، ވާރުތަވުން ފަދަ ހުރިހައި ގުޅުންތަކެއް ކެނޑޭނެ ކަމަށާއި އޭގެ އިތުރަށް އެ މީހުން އެ ގޮތުގައި މަރުވެއްޖެ ނަމަ، ތިބޭނީ ނަރަކައިގައި ކަމަށެވެ.
"މިއަދު ފެތުރޭ އަނެއް ފިކުރަކީ، ދީނުގައި ހަރުކަށިވުމުގެ ފިކުރު، ދީނުގައި އޮތް މެދުމިން ދޫކޮށް، ހަރުކަށިވެ، ޙައްދުފަހަޅައިދިއުމަކީ، ކީރިތި ރަސޫލާ ﷺ މި އުންމަތަށް މަނާކުރައްވައި، އޭގެ ސަބަބުން އަހަރެމެން ހަލާކުވެދާނެކަމަށް އިންޒާރު ކުރައްވައިފައިވާ ކަމެއް" ޚުޠުބާގައި ފާހަގަކޮށްފައިވެއެވެ.
ދީނުގައި ހަރުކަށިވުމަކީ، ދީނުގެ އިންތައް ފަހަނަޅައި ދިއުންކަން ފާހަގަކޮށް ޚުޠުބާގައި ބުނެފައިވަނީ އެއާ ޚިލާފަށް، އިސްލާމް ދީނުގައި އޮންނަ ގޮތަށް، ޙުކުމްތައް ބަޔާންކޮށްދިނުމާއި، ބަރާބަރަށް ނަމާދުކުރުމަށާއި، ސުންނަތާ އެއް ގޮތަށް އާދަކާދަތައް ބެހެއްޓުމަށް ނަސޭހަތްތެރިވުމާއި، ރިބާ ނުކެއުމާއި، މަސްތުވާތަކެތި ބޭނުންނުކުރުމަށް ގޮވައިލުން ފަދަ ކަންކަމަކީ، ހައްދުފަހަނަޅައިދިއުމެއް ނޫން ކަމަށާއި އަދި ފޭރާން އެޅުމުގައި ޝަރުޢީ މިންގަނޑުގައި ހިފެހެއްޓުން ފަދަ ކަންކަމަކީ ވެސް ހަރުކަށިކަމާ ގުޅުން ހުރި ކަންކަމެއް ނޫންކަމަށެވެ.
މިއަދު މަދުން ނަމަވެސް ފެތުރެމުންދާ ބިރުވެރި އަނެއް ކަމަކީ، އިސްލާމް ދީނަށާއި، ދީނީ ޢިލްމުވެރީންނަށް ފުރައްސާރަކުރުމާއި، ދީނީ ކަންކަމަށް ހަޖޫ ޖެހުން ކަމާއި ދީނުގައި ޝަރުޢުކުރައްވައިފައިވާ ކަމަކަށް ހަޖޫޖަހައި، ފުރައްސާރަކުރުމީ ދީނުން ބޭރުވާ ކަމެއްކަން ޚުޠުބާގައި ފާހަގަކޮށްފައިވެއެވެ. އަދި އިސްލާމް ދީނަށް ބަދުބަސް ބުނެ، އެ ދީނަށް ފުރައްސާރަކުރުމަކީ، ސަމާސާ ކަމެއް ނޫންކަމާއި އެ ފަދަ ޢަމަލުތައް ކުރާ މީހުން، އެ ކަންކަން ދޫކޮށް، އަވަހަށް ތައުބާވުމަށް ޚުޠުބާގައި ގޮވާލާފައިވެއެވެ.
ޚުޠުބާގައި ފާހަގަކޮށްފައިވާގޮތުގައި ބައެއް މުސްލިމުން ދީނާ ދުރަށް ދަނީ، ދީނީ ކަންކަމުގައި ޞައްޙަ މަޢުލޫމާތު ނުލިބުމުގެ ސަބަބުންނެވެ. މިއަދަކީ، އިންޓަނެޓުގެ ޒަމާނެވެ. އިންޓަނެޓުގައި ޢާންމުކުރާ ހުރިހައި ތަކެއްޗަކީ، ޞައްޙަ ތަކެއްޗެއް ނޫނެވެ. އެހެންކަމުން ޚާއްޞަކޮށް އިސްލާމްދީނާ މެދު ލިޔެފައި ހުންނަ ވާހަކަތަކަކީ، އިތުބާރު ހިފޭ މަޞްދަރުތަކަކުން ކަށަވަރުކުރެވޭ މަޢުލޫމާތުތޯ ބެލުމަކީ ވަރަށް މުހިންމު ކަމެކެވެ.
އިންޓަނެޓުގައި ބައެއް މަޢުލޫމާތު ގެނެސްދީފައި ހުންނަނީ، ދީނުގެ ޞައްޙަ މަފްހޫމުތައް މުޅީން އޮޅޭ ގޮތަށްކަން ފާހަގަކޮށް ޚުޠުބާގައި ބުނެފައިވަނީ އެ ފަދަ މަޢުލޫމާތު ގެނެސްދޭ ބައެއްގެ އަވައިގައި ޖެހުމުން، މީހުންގެ ޖާނާއި މާލަށް ގެއްލުންދޭން ޖެހިލުން ނުވާ ހިސާބަށް، ބައެއް މީހުންގެ ވިސްނުން ބަދަލުވާކަމަށާއި ކީރިތި ޤުރްއާނުގެ އާޔަތެއްގެ ބޭރުފުށުގެ މާނައާއި، އޭގެ ޙަޤީޤަތާ މުޅީން ތަފާތުވެދާނެކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް