ގއ. ވިލިނގިލީގައި އަންހެން ދަރިވަރަކަށް ބެލެނިވެރިންތަކެއް ހިމެނޭހެން ބުލީ ކުރާ ކަމުގެ މައްސަލައެއް ފެން މަތި ވެއްޖެއެވެ.
މިކަމާއި ގުޅިގެން އެކްސްގައި މީހަކު ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ގއ. ވިލިގިލީގައި ގްރޭޑް އަށެއްގައި ކިޔަވަމުން އަންނަ ދަރިވަރަކަށް ރަށުގެ ސްކޫލް ދަރިވަރުންތަކަކާއި މަދު ބެލެނިވެރިންތަކެއް ފުށުން ކެނޑިނޭޅި ބުލީކުރާތާ މިއަދަށް ހަތަރު ދުވަސް ހިނގާފައި ވާއިރު ކަމާ ބެހޭ ފަރާތްތަކުން އެކަމަށް އެދެވިގެންވާ ފިޔަވަޅެއް އަޅާފައި ނުވާކަމަށެވެ.
މިގޮތުން ބެލެނިވެރިންގެ އިތުރުން ދަރިވަރުން ދަނީ އެ އަންހެން ކުއްޖާ ބަނޑުބޮޑުކަމަށް ބުނެ ރަށުތެރޭގައި އަޑުތަކެއް ފަތުރަމުން ކަމަށް އެ ޕޯސްޓުގައި ބުނެފައިވެއެވެ.
އަދި ބެލެނިވެރިންތަކެއް މައްސަލަ ޖައްސައިގެން ޖެންޑާ މިނިސްޓްރީގެ ހާޒިރުގައި ގއ. އަތޮޅު ހޮސްޕިޓަލުން ވަނީ އެ ކުއްޖާ ޓެސްޓްކޮށް (ނެގެޓިވް) ނަތީޖާ ދައްކާފައި ކަމަށް އޭނާ ބުނެފައި ވެއެވެ.
"ކަންދިމާވިގޮތަކީ އަންހެން ކުއްޖާ އެއްދުވަހަކު ސްކޫލު ކެންޓީނުން ހެދިކާ ކައިގެން ހޮޑުލި މަންޒަރު ކުދިންތަކަކަށް ފެނުނީ" އެކްސްގައި މީހަކު ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވެއެވެ.
މިކަމުގެ ސަބަބުން އެ ކުއްޖާއަށް ނަފްސާނީ ގޮތުން ވަރަށް ބޮޑަށް އަސަރުކޮށްފައިވާ އިރު އެއްވެސް ކަމާ ބެހޭ އިދާރާއަކުން އެކަން ހުއްޓުވުމަށް މަސައްކަތް ކޮށްފައި ނުވާ ކަމަށް އެ ޕޯސްޓުގައި ކަމާ ބެހޭ އިދާރާތަށް ޓެގްކޮށް ވަނީ ބުނެފައެވެ.
މިކަމާ ގުޅިގެން ފުލުހުންގެ ތަރުޖަމާނު އަޙްމަދު ޝިފާން ވިދާޅުވީ ކަމާ ގުޅުން ހުރި އިދާރާތަކުން ދަނީ މި މައްސަލަ ބަލަމުން ކަމަށެވެ. އަދި މިކަމުގައި މަސްލަޙަތު ހިމެނޭ ފަރާތްތަކަށް ރައްކާތެރި މާހައުލެއް ޔަޤީންކޮށް ދިނުމަށް ކުރަންޖެހޭ ކަންކަންވެސް ފުލުހުން ކުރަމުންދާ ކަމަށް ޝިފާން ވަނީ ވިދާޅުވެފައެވެ.
އަދި މީގެ އިތުރުން ޝިފާން ވިދާޅުވެފައިވަނީ ކުޑަކުދިންނާމެދު އެކުދިންގެ ރައްކާތެރިކަމާ ދިރިއުޅޭ މާޙައުލުގެ އުފާވެރިކަން ގެއްލޭ ޒާތުގެ ވާހަކަ ދެއްކުމާއި އެފަދަ ކަންކަން އެއްވެސް ފަރާތަކުން ނުކުރެއްވުމަށް އެދޭކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް