ޔުނީފޯމު ވިއްކާލި މައްސަލައިގާ ކަރެކްޝަންސްގެ 13 މުވައްޒަފަކު ހައްޔަރު

ގައިދީންނާއި ކުށްވެރިންނަށް ކަންކަން ކޮށްދީގެން ގިނަ އަދަދެއްގެ ފައިސާ ހޯދިކަމަށް ތުހުމަތުކުރާ ކަރެކްޝަންސްގެ 18 މުވައްޒަފުންގެ ތެރެއިން މިހާތަނަށް 13 މުވައްޒަފަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބު...

28 Jun 2024 | 06:07

ގައިދީންނާއި ކުށްވެރިންނަށް ކަންކަން ކޮށްދީގެން ގިނަ އަދަދެއްގެ ފައިސާ ހޯދިކަމަށް ތުހުމަތުކުރާ ކަރެކްޝަންސްގެ 18 މުވައްޒަފުންގެ ތެރެއިން މިހާތަނަށް 13 މުވައްޒަފަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުނެފިއެވެ.

އެގޮތުން ފުލުހުން މިއަދު ބުނީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އާއި ގުޅޭގޮތުން ކުރިއަށްގެންދާ އޮޕަރޭޝަނގައި އެތާނގެ 13 މުވައްޒަފަކު ވަނީ ހައްޔަރުކޮށްފައި ކަމަށެވެ.

"އޭގެ ތެރެއިން 09 މީހަކު މާފުށިން ހައްޔަރުކޮށްފައިވާއިރު ކާށިދޫއިން ދެމީހަކު އުތީމުން އެކަކު އަދި މާލެއިންވެސް މީހަކު ހައްޔަރުކޮށްފައިވޭ" ފުލުހުން ބުނެފައިވެއެވެ.

ދުވަހަށް އެނގިފައިވާގޮތުގައި މާލެއިން ހައްޔަރުކުރީ އޭގެ ތެރެއިން އެންމެ ގިނަ އަދަދަކަށް ފައިސާ ހޯދިކަމަށް ތުހުމަތު ކުރެވޭ މީހާއެވެ. އަދި އޭނާ ހައްޔަރުކުރިއިރު ޗުއްޓީއެއްގައި އޮސްޓްރޭލިއާއަށް ގޮސްލުމަށް ޓިކެޓު ނަގާފައިވަނިކޮށްކަންވެސް އެނގިފައިވެއެވެ. މީގެ އިތުރުން ހއ. އުތީމުން ހައްޔަރުކޮށްފައިވަނީ އެ ރަށަށް ޗުއްޓީއަކަށް ގޮސްހުރި އެ އަތޮޅު މާރަންދުއަށް ނިސްބަތްވާ މީހެއްކަންވެސް އެނގިފައިވެއެވެ. އުތީމުން ހައްޔަރުކުރި މީހާ ހައްޔަރުކޮށްފައިވަނީ ރޭގެ 10:00 އާއި 11:00 އާއި ދެމެދުގެ ވަގުތެއްގައި ކަމާއި އަދި އޭނާ މިހާރު އެ އަތޮޅު ދިއްދުއަށް ގެންގޮސްފައިވާކަންވެސް އެނގިފައިވެއެވެ.

ރޭގައި ފުލުހުން ބުނެފައިވަނީ 2023 ވަނަ އަހަރުގެ ޖަނަވަރީ މަހުން ފެށިގެން މިހާތަނަށް ގައިދީންނަށް ނުކިއްސަރު ކަންކަން ކޮށްދީގެންނާއި ކުށްވެރިންނަށް މަންފާވާނެހެން ކަންކަން ކޮށްދީގެން ކަރެކްޝަންސްގެ 18 މުވައްޒަފަކު ގިނަ އަދަދެއްގެ ފައިސާ ހޯދާފައިވާކަމަށާއި އޭގެ ތެރެއިން ބައެއް މުވައްޒަފުންގެ އެކައުންޓަށް 24 މިލިޔަނާއި ހަމައަށް ފައިސާ ވަދެފައިވާއިރު ޖުމުލަ އަދަދު 73.6 މިލިޔަނަށް އަރާކަމުގައިވެސް ރޭގައި ފުލުހުން ބުންޏެވެ.

ރޭގައި އެކަން އިއުލާނުކުރިއިރުވެސް ފުލުހުން ގެންދިޔައީ މީހުން ހައްޔަރުކުރުމުގެ އޮޕަރޭޝަން ކުރިއަށް ގެންދަމުންނެވެ.

ރޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ވަޒީރު ޢަލީ އިޙްސާން ސިފަކުރެއްވީ އެ 18 މުވައްޒަފުންނަކީ ޔުނީފޯމު ވިއްކާލި މުވައްޒަފުންތަކެއްގެ ގޮތުގައެވެ.


އެޑިޓަރުގެ ނޯޓް: އުތީމުން ހައްޔަރުކުރީ އައްޑޫ ސިޓީއަށް ނިސްބަތްވާ މީހެއްކަމަށް ކުރިން ލިޔެވިފައިވަނީ މަޢުލޫމާތުގެ ކުށަކުން، ރަނގަޅު ގޮތަކީ ހއ. މާރަންދޫ، އެ ކުށަށް ކިޔުންތެރިންގެ ކިބައިން މަޢާފަށް އެދެމު.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް