ހަތިޔާރާއި މަނާ ބޭހާއި މަސްތުވާތަކެތި އިންޑިއާއަށް ފުޅާ ދާއިރާއެއްގައި އެތެރެކުރުމުގައި ޕާކިސްތާނުން ޒަމާނީ ޑްރޯންތަކުގެ އެހީތެރިކަން ބޭނުންކުރަމުން އަންނަކަމުގައި ތުހުމަތުކޮށްފިއެވެ.
މި ތުހުމަތު ބޮޑަށް ކުރަނީ ޒަމާނީ ޑްރޯންފަދަ ވަސީލަތްތައް ބޭނުންކޮށް ޕަންޖާބާއި ޖައްމު އަދި ކަޝްމީރަށް ޕާކިސްތާނުން މިތަކެތި އެތެރެކުރާ ކަމަށެވެ.
ޕާކިސްތާނުން ޑްރޯން ފަދަ ޒަމާނީ ވަސީލަތްތައް މިފަދަ ކަންކަމުގައި ބޭނުންކުރަން ފަށާފައިވާއިރު މިކަމުގައި ކުރިމަތިލުމުގައި އިންޑިއާއަށް އަދި ގޮންޖެހުންތަކެއް ހުރިކަމުގައި ރިޕޯޓްތައް ބުނެއެވެ.
އިންޑިއާއިން ތުހުމަތު ކުރަނީ މިފަދަ އަމަލުތައް ކުރާ ޕާކިސްތާނުގެ ގްރޫޕްތަކަށް ޕާކިސްތާނުގެ އިންޓަ-ސާވިސް އިންޓެލިޖެންސް (އައިއެސްއައި) އިން އެހީތެރިކަން ފޯރުކޮށްދެމުން ގެންދާކަމަށެވެ. އަދި ޕާކިސްތާނުން މަސްތުވާތަކެތި އިންޑިއާއަށް އެތެރެކުރަނީ ޕާކިސްތާނަށްވުރެ ބޮޑު އަގުގައި އިންޑިއާ މާކެޓުގައި އެތަކެތި ވިއްކޭތީ ކަމުގައިވެސް ތުހުމަތު ކުރެއެވެ.
އެގޮތުން ޕާކިސްތާނުގައި ކިލޯއެއްގެ ހިރޮއިން ހަ ހާސް ޑޮލަރަށް ވިއްކާއިރު އިންޑިއާގެ މާކެޓުގައި ލައްކައަކަށްވުރެ ގިނަ ޑޮލަރު އެއް ކިލޯ ހިރޮއިން ވިއްކައިގެން ލިބޭ ކަމަށްވެއެވެ.
އިންޑިއާއިން ތުހުމަތު ކުރާގޮތުގައި ޕާކިސްތާނުން މިކަން ކުރުމުގެ އަނެއް ބޭނުމަކީ އިންޑިއާގެ އާންމު އިޖްތިމާއީ ހާލަތު ހަލާކުކޮށްލުމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް