މިއަހަރުގެ އަޟްހާ ޢީދު ފާހަގަކުރުމުގެ ގޮތުން މިއަދު ދިރާގުން ކުރިއަށް ގެންދިޔަ ދިރާގު ޢީދު ބޮނޑިބަތަށް ރާއްޖޭގެ އެކި ކަންކޮޅުތަކުން އާންމުންގެ ބޮޑު ތަރުހީބެއް ލިބިގެންދިޔަކަމުގައި ދިރާގުން ބުނެފިއެވެ.
ޢީދު ނަމާދަށް ފަހު ކުރިއަށް ގެންދިޔަ 'ދިރާގު ޢީދު ބޮނޑިބަތް' ހަރަކާތް ވަނީ މުޅި ރާއްޖޭގެ އެކި އަތޮޅުތަކުގައި ކުރިއަށް ގެންގޮސްފައެވެ. އެގޮތުން އެކުންފުނިން ވަނީ މާލެ ސަރަހައްދު، ފުވައްމުލައް ސިޓީ، އައްޑޫ ސިޓީ، ކުޅުދުއްފުށި ސިޓީ، ގދ. ތިނަދޫ، ބ. އޭދަފުށި އަދި އދ. ދަނގެތީގައި 'ދިރާގު ޢީދު ބޮނޑިބަތް' ބަހާފައެވެ. މާލެ ސަރަހައްދުގައި މި ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ ސަލްޓަން ޕާކު ކުރިމަތީގައި މާލެ ސިޓީ ކައުންސިލާ ގުޅިގެން އަދި ހުޅުމާލެ ސިންތެޓިކް ޓްރެކްގައި އަރބަންކޯއާ ގުޅިގެންނެވެ.
މީގެ އިތުރުން ދިރާގުން ވަނީ އެކި ރަށު އަދި ސިޓީ ކައުންސިލްތަކާއި ޒުވާނުންގެ ޖަމިއްޔާތަކާ ގުޅިގެން އެކި ރަށްރަށުގައި ތަފާތު ޢީދު ކުޅިވަރުތަކަށް އެއްބާރުލުންދީފައެވެ.
"ދިރާގު ޢީދު ބޯކިބާ" އަކީ ވޭތުވެދިޔަ ޢީދުތަކުގައިވެސް އާންމުންގެ ބޮޑު ތަރުޙީބެއް ލިބިގެންދިޔަ ހަރަކާތެއްކަން ފާހަގަކުރައްވަމުން ދިރާގުގެ އެސިސްޓެންޓް މެނޭޖަރ ޕަބްލިކް ރިލޭޝަންސް، ޖައިޝާން ހަމީދު ވިދާޅުވީ މިފަހަރުގެ ޢީދު ބޮނޑިބަތް ހަރަކާތަށްވެސް މި ލިބުނު ހޫނު ތަރުހީބަށް ދިރާގުން ވަރަށް އުފާ ކުރާކަމަށެވެ.
"ދިރާގުން އަބަދުވެސް ބަލަނީ މިކަހަލަ މުނާސަބު ދުވަސްތަކުގައި ދިވެހިންގެ ތެރޭގައި ޒަމާނުއްސުރެ އޮންނަ އެއްބައިވަންތަކަމުގެ ސަގާފަތް ދިރުވާ އާލާކުރާ މިފަދަ ހަރަކާތްތައް ކުރިއަށް ގެންދިޔުމަށް،" ޖައިޝާން ވިދާޅުވިއެވެ.
ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުންގެންދަނީ އާންމުންނަށް ތަފާތު ގިނަ އިޖްތިމާޢީ ހަރަކާތްތައް ގެނެސްދީ އެ ފަރާތްތަކުގެ ދިރިއުޅުން އިތުރަށް ފުރިހަމަކޮށްދީ މުއްސަނދިކޮށްދިނުމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް