ޕީއެސްޖީއަށް ކުޅެމުން އަންނަ ބްރެޒިލް ފޯވާޑް ނޭމާ އޭނާގެ މިހާރުގެ ކުލަބު ދޫކޮށް ދާނަމަ އޭނާއަށް މުސާރައިގެ ގޮތުގައި ދޭންޖެހޭ 200 މިލިއަން ޔޫރޯ ދޭން ޖެހޭނެ ކަމަށް ނޭމާގެ ބައްޕަ ނޭމާ ސަންޓޯސް ބުނެފިއެވެ.
ޕީއެސްޖީ ދޫކޮށް އެހެން ކުލަބަކަށް ނޭމާ ދާން އުޅޭކަމުގެ އަޑުތައް މީޑިއާގައި ގަދަވެފައިވާ މި ދަނޑިވަޅުގައި ނޭމާގެ ބައްޕަ ބުނީ އޭނާގެ ދަރިފުޅު ޕީއެސްޖީ ދޫކޮށް އެހެން ކުލަބަކަށް ބަދަލު ވިޔަސް ނުވަތަ ޕީއެސްޖީން ވަކިވި ނަމަވެސް ކުލަބުން ނޭމާއަށް ދޭން ޖެހޭ މުސާރަ ހަމައަށް ލިބެން ޖެހޭނެ ކަމަށެވެ.
" ޕީއެސްޖީގައި އަހަރެންގެ ދަރިފުޅުގެ މުސާރައަކީ 200 މިލިއަން ޔޫރޯ. ކުލަބުން ވަކިވާނަމަ އެ ފައިސާ ހަމައަށް ނޭމާއަށް ދޭން ޖެހޭނެ. އެއީ އަހަރެންގެ ވަރަށް ބޮޑު އެދުމެއް." ސްޕެއިންގެ ނޫހެއް ކަމުގައިވާ އެލް ޕެއިސް އާއި ވާހަކަ ދައްކަމުން ނޭމާގެ ވައްޕަ ބުނެފައިވެއެވެ.
މީގެ އިތުރުން ނޭމާގެ ބައްޕަ ސަންޓޯސް ބުނީ އަޑުތައް އިވޭ ގޮތުން މި ހޫނު މޫސުމުގައި ނޭމާ ކުލަބު ދޫކޮށްލަފާނެ ކަމަށް ބެލެވޭ ކަމަށާއި އެހެން ކަމުން ވަގުތު އޮއްވާ ޕީއެސްޖީގެ މެނޭޖްމަންޓަށް މިކަން ހަނދާންކޮށްދިނުމަކީ މުހިންމުކަމެއް ކަމަށެވެ.
ނޭމާ ޕީއެސްޖީ ދޫކޮށްލަފާނެ ތޯ ނުވަތަ ނޫންތޯ އެލް ޕެއިންގެ ފަރާތުން ކުރި ސުވާލަކަށް ޖަވާބު ދެމުން ނޭމާގެ ބައްޕަ ބުނީ ނޭމާ ކުލަބު ދޫކޮށްލަފާނެތޯ ނުވަތަ ނޫންތޯ އެނގޭނީ ޚުދު ނޭމާއަށް ކަމަށާއި ރަސްމީ ސިފައެއްގައި ނޭމާ ކުލަބު ދޫކޮށްލަން އުޅޭކަން އަދި މިހާތަނަށް އެނގިފައި ނުވާކަމަށެވެ.
މި ފަހަކަށް އައިސް ނޭމާގެ ޓްރާންސްފާ ވާހަކަތައް މީޑިއާގައި ދެކެވޭއިރު، ބައެއް ރިޕޯޓުތައް ބުނާގޮތުން ޕީއެސްޖީން ނޭމާ ބޫކޮށްލަން އޮތީ ތައްޔާރަށެވެ. އަދި އެންމެ ބޮޑު ހުށައެޅުމެއް ހުށައަޅާ ކުލަބަކަށް ނޭމާ ދޫކުރަން އެ ކުލަބުން އޮތީ ތައްޔާރަށް ކަމަށް ފްރާންސްގެ މީޑިއާތަކުން ބުނެއެވެ. ހަމަ އެގޮތަށް ނޭމާވެސް ބޭނުން ވަނީ ޕީއެސްޖީ ދޫކޮށް އެހެން ކުލަބަކަށް ބަދަލުވާން ކަމަށް ވެސް ރިޕޯޓުތަކުގައި ބުނެފައިވެއެވެ.
މީޑިއާތަކުން ބުނާގޮތުން އިޓަލީގެ ޔުވެންޓަސްއާއި ޗެލްސީން ނޭމާއަށް ޝައުގުވެރިވެއެވެ. އަދި ޗެލްސީން ދަނީ ނޭމާ ހޯދުމަށް މަޝަވަރާތައް ކުރަމުންކަމަށް ވެސް ބައެއް ރިޕޯޓުތަކުގައި ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް