ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ސްޓާޓަޕް ގްރާންޓް ލިބޭ ފަރާތްތައް ހޮވައިފިއެވެ.
ސްޓާޓަޕް ގްރާންޓް ކާމިޔާބު ކުރި ހަތަރު ފަރާތަކީ މުހައްމަދު ނަޒްލީ އަދި އައިޝަތު ޝައްމަ މުހައްމަދު (ނިރިސް އެސް އެމްބްރޮއިޑެރީ) ހިންގަމުންދާ އެމްބްރޮއިޑެރީ ވިޔަފާރި ފުޅާކުރުމަށް، އާމިނަތު އިރާޝާ (ކިޑްސް ޒޯން) ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް އަމާޒުކޮށް ލަކުޑިން ގިނަބާވަތުގެ ތަކެތި ތައްޔާރު ކުރަން ދަސްކޮށްދިނުމަށް އަލަށް ފަށާ ވިޔަފާރިއެއް އާއި ހައްވާ ސޫޒަން (ހައްވަން ކޭކްސް) ގޭގައި ހިންގަމުންދާ ކޭކު އަޅާ ވިޔަފާރި ފުޅާކޮށް ބޭކަރީ އެއް ހަދައި މި ދާއިރާއިން ތަމްރީން ދިނުން އަދި އައިޝަތު ލިއުޝާ (ކްލައިމެޓް ސްމާޓް ގުޑް އެގްރިކަލްޗަރަލް ޕްރެކްޓިސަސް) ހިންގަމުންދާ ވިޔަފާރި ފުޅާކޮށް ތިމާވެށްޓާ ރަށްޓެހި ގޮތްތައް ބޭނުންކޮށްގެން ދެމެހެއްޓެނެވި ގޮތެއްގައި ދަނޑުވެރިކަންކުރުން އެވެ.
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވީ ސްޓާޓަޕް ގްރާންޓަށް މިއަދު މި ހޮވުނު ފަރާތްތަކަކީ އެފަރާތްތަކުގެ ވިޔަފާރި ފުޅާކުރުމަށާއި ދެމެހެއްޓެނެވި ގޮތެއްގައި ވިޔަފާރި ކުރިއަރުވަން ޕްލޭން ތައްޔާރުކޮށް އެ ޕްލޭން ހުށަހަޅައިދިން ފަރާތްތަކުގެ ތެރެއިން އެންމެ ރަނގަޅު، އަދިހަމައެހެންމެ އުފެދެމުން އަންނަ ވިޔަފާރިވެރިން ކަމަށެވެ. އަދި މި ވިޔަފާރިތައް ހޮވާފައި ވަނީ ރާއްޖޭގެ އެކިކަންކޮޅުތަކުން ހުށަހެޅުނު 100 އަށް ވުރެ ގިނަ ފަރާތްތަކާ ވާދަކޮށްގެން ކަމަށެވެ.
"މި ވިޔަފާރިތައް ކުރިއެރުވުމުގައި އެހީތެރިވެވޭކަމީ އަޅުގަނޑުމެންނަށް ލިބޭ އުފަލެއް. އަޅުގަނޑުމެންގެ އުއްމީދަކީ މި ވިޔަފާރިތަކުން އައު ވަޒީފާގެ ފުރުސަތުތައް ހުޅުވާލައި، މުޖުތަމައަށް ހެޔޮ ބަދަލެއް ގެނުވުން." ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވިއެވެ.
ބީއެމްއެލް އިން ބުނީ ސްޓާޓަޕް ގްރާންޓް ކާމިޔާބު ކުރި ފަރާތްތައް ހޮވާފައިވަނީ ދެ މަރުހަލާއަކަށް ބަހާލައިގެން ގެންދެވުނު ވަރަށްވެސް ވާދަވެރި އިވެލުއޭޝަން ޕްރޮސެސްއަކަށް ފަހުގައި ކަމަށާއި ފުރަތަމަ މަރުހަލާގައި ބިޒްނަސް ޕްލޭންތައް އިވެލުއޭޓް ކުރުމަށްފަހު އެންމެ ފާހަގަކޮށްލެވޭ 10 ފަރާތް ޝޯޓްލިސްޓްކޮށްފައިވާ ކަމަށެވެ. އަދި ދެވަނަ މަރުހަލާގައި ޝޯޓްލިސްޓްވި ފަރާތްތަކުން އެފަރާތުގެ ވިޔަފާރިއާ ގުޅޭ ޕްރެސެންޓޭޝަން އިވެލުއޭޝަން ކޮމިޓީއަށް ހުށަހެޅުނު ކަމަށް ބުންޏެވެ.
ސްޓާޓަޕް ގްރާންޓަކީ ބޭންކް އޮފް މޯލްޑިވްސްގެ 40 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ހިންގުމަށް ހަމަޖެހިފައިވާ މުޖުތަމައަށް ފައިދާހުރި 12 ހަރަކާތުގެ ތެރެއިން ތިންވަނަ ހަރަކާތުގެ ގޮތުގައި ޖަނަވަރީ މަހުގައި ތައާރަފްކުރެވުނު ފަންޑެކެވެ.
ޖަަނަވަރީ 2022 ގައި ބީއެމްއެލް ސްޓާޓަޕް ގްރާންޓް އިފްތިތާހު ކުރެވުނީ އުފެދެމުން އަންނަ ވިޔަފާރިވެރިންނަށް ރާއްޖޭގައި އަލަށް ވިޔަފާރި އެއް ފެށުމަށް ނުވަތަ ހިންގަމުންދާ ވިޔަފާރިއެއް ކުރިއެރުވުމަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަގްސަދުގައެވެ. މި ގޮތުން ހޮވާލެވޭ ހަތަރު ވިޔަފާރިއަކަށް 500،000 ރުފިޔާގެ ހިލޭ އެހީ ލިބިގެންދާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް