ބޭންކް އޮފް މޯލްޑިވްސް އިން ސްޓާޓަޕް ގްރާންޓް ލިބޭ ފަރާތްތައް ހޮވައި އެކަން އިއުލާނުކޮށްފިއެވެ.
ޖަނަވަރީ 2022 ގައި ބީއެމްއެލް ސްޓާޓަޕް ގްރާންޓް އިފްތިތާހު ކުރެވުނީ އުފެދެމުން އަންނަ ވިޔަފާރިވެރިންނަށް ރާއްޖޭގައި އަލަށް ވިޔަފާރި އެއް ފެށުމަށް ނުވަތަ ހިންގަމުންދާ ވިޔަފާރިއެއް ކުރިއެރުވުމަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަގްސަދުގައެވެ.
މި ގޮތުން ހޮވާލެވޭ ހަތަރު ވިޔަފާރިއަކަށް 500،000 ރުފިޔާގެ ހިލޭ އެހީ ލިބިގެންދެއެވެ.
ސްޓާޓަޕް ގްރާންޓް ކާމިޔާބު ކުރި ހަތަރު ފަރާތަކީ:
- މުހައްމަދު ނަޒްލީ އަދި އައިޝަތު ޝައްމަ މުހައްމަދު (ނިރިސް އެސް އެމްބްރޮއިޑެރީ)
ހިންގަމުންދާ އެމްބްރޮއިޑެރީ ވިޔަފާރި ފުޅާކުރުމަށް
- އާމިނަތު އިރާޝާ (ކިޑްސް ޒޯން)
ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް އަމާޒުކޮށް ލަކުޑިން ގިނަބާވަތުގެ ތަކެތި ތައްޔާރު ކުރަން ދަސްކޮށްދިނުމަށް އަލަށް ފަށާ ވިޔަފާރިއެއް
- ހައްވާ ސޫޒަން (ހައްވަން ކޭކްސް)
ގޭގައި ހިންގަމުންދާ ކޭކު އަޅާ ވިޔަފާރި ފުޅާކޮށް ބޭކަރީ އެއް ހަދައި މި ދާއިރާއިން ތަމްރީން ދިނުން
- އައިޝަތު ލިއުޝާ (ކްލައިމެޓް ސްމާޓް ގުޑް އެގްރިކަލްޗަރަލް ޕްރެކްޓިސަސް)
ހިންގަމުންދާ ވިޔަފާރި ފުޅާކޮށް ތިމާވެށްޓާ ރަށްޓެހި ގޮތްތައް ބޭނުންކޮށްގެން ދެމެހެއްޓެނެވި ގޮތެއްގައި ދަނޑުވެރިކަންކުރުން.
" ސްޓާޓަޕް ގްރާންޓަށް މިއަދު މި ހޮވުނު ފަރާތްތަކަކީ އެފަރާތްތަކުގެ ވިޔަފާރި ފުޅާކުރުމަށާއި ދެމެހެއްޓެނެވި ގޮތެއްގައި ވިޔަފާރި ކުރިއަރުވަން ޕްލޭން ތައްޔާރުކޮށް އެ ޕްލޭން ހުށަހަޅައިދިން ފަރާތްތަކުގެ ތެރެއިން އެންމެ ރަނގަޅު އަދިހަމައެހެންމެ އުފެދެމުން އަންނަ ވިޔަފާރިވެރިން. މި ވިޔަފާރިތައް ހޮވާފައި ވަނީ ރާއްޖޭގެ އެކިކަންކޮޅުތަކުން ހުށަހެޅުނު 100 އަށް ވުރެ ގިނަ ފަރާތްތަކާ ވާދަކޮށްގެން. މި ވިޔަފާރިތައް ކުރިއެރުވުމުގައި އެހީތެރިވެވޭކަމީ އަޅުގަނޑުމެންނަށް ލިބޭ އުފަލެއް. އަޅުގަނޑުމެންގެ އުއްމީދަކީ މި ވިޔަފާރިތަކުން އައު ވަޒީފާގެ ފުރުސަތުތައް ހުޅުވާލައި، މުޖުތަމައަށް ހެޔޮ ބަދަލެއް ގެނުވުން. " ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވިއެވެ.
ސްޓާޓަޕް ގްރާންޓް ކާމިޔާބު ކުރި ފަރާތްތައް ހޮވާފައިވަނީ ދެ މަރުހަލާއަކަށް ބަހާލައިގެން ގެންދެވުނު ވަރަށްވެސް ވާދަވެރި އިވެލުއޭޝަން ޕްރޮސެސްއަކަށް ފަހުގައެވެ. ފުރުތަމަ މަރުހަލާގައި ބިޒްނަސް ޕްލޭންތައް އިވެލުއޭޓް ކުރުމަށްފަހު އެންމެ ފާހަގަކޮށްލެވޭ 10 ފަރާތްވަނީ ޝޯޓްލިސްޓްކޮށްފައެވެ. އަދި ދެވަނަ މަރުހަލާގައި ޝޯޓްލިސްޓްވި ފަރާތްތަކުން އެފަރާތުގެ ވިޔަފާރިއާ ގުޅޭ ޕްރެސެންޓޭޝަން އިވެލުއޭޝަން ކޮމިޓީއަށް ހުށަހެޅުނެވެ.
ސްޓާޓަޕް ގްރާންޓަކީ ބޭންކް އޮފް މޯލްޑިވްސްގެ 40 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ހިންގުމަށް ހަމަޖެހިފައިވާ މުޖުތަމައަށް ފައިދާހުރި 12 ހަރަކާތުގެ ތެރެއިން ތިންވަނަ ހަރަކާތުގެ ގޮތުގައި ޖަނަވަރީ މަހުގައި ތައާރަފްކުރެވުނު ފަންޑެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް