އަނިޔާއެއް ލިބިފައިވާ ކުދިންގެ ޙައްޤުތައް ކަށަވަރު ކުރުމަކީ އެންމެ އިސް ކަންތައް: މެޑަމް ފަޒުނާ

އަނިޔާއެއް ލިބިފައިވާ ކުދިންގެ ޙައްޤުތައް ކަށަވަރު ކުރުމަކީ އެންމެ އިސް ކަންތައް ކަމުގައި ދެކިގެން ކުރިޔަށް ދިޔުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ގޮވާލައްވައިފިއެވެ. އެކަމަނާ ...

28 Jun 2022 | 08:53

އަނިޔާއެއް ލިބިފައިވާ ކުދިންގެ ޙައްޤުތައް ކަށަވަރު ކުރުމަކީ އެންމެ އިސް ކަންތައް ކަމުގައި ދެކިގެން ކުރިޔަށް ދިޔުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ގޮވާލައްވައިފިއެވެ.

އެކަމަނާ މިކަމަށް ގޮވާލައްވާފައި ވަނީ މިއަދު ހެނދުނު ކްރޮސްރޯޑްސް މޯލްޑިވްސްގައި "ޕޮލިސް ކޮންފަރެންސް އޮން ވަޔަލެންސް އަގެއިންސްޓް ޗިލްޑްރަން: ޕްރިވެންޝަން، ޕްރޮޓެކްޝަން އެންޑް އިންވެސްޓިގޭޝަން" ފެށުމަށް ބޭއްވެވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

އެކަމަނާ ވިދާޅުވީ ކުޑަކުދިންނަށް ކުރާ އަނިޔާތައް ހުއްޓުވުމުގައާއި، އެކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގައި ކޮންމެ މީހަކުވެސް އަމިއްލަޔަށް އަދާކުރަންވީ ދައުރާއި، މުއައްސަސާގެ ފަރާތުން އަދާކުރަންވީ ދައުރަކީ ކޮބައިކަން ދެނެގަތުމާއި، ކަމާގުޅޭ ހުރިހާ މުއައްސަސާތަކެއް ގުޅިގެން، ރަނގަޅަށް މުއާމަލާތްކޮށްގެން ކަމަށެވެ.

ރައީސުލްޖުމްހުރިއްޔާގެ އަނބިކަނބަލުން ވަނީ ވަކި ވަކި މުއައްސަސާތަކުން ކުޑަކުދިންގެ މައްސަލަތަކުގައި ޢަމަލުކުރާގޮތުން، މުޖުތަމަޢުގެ މެދުގައި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގައި ރާއްޖޭއިން ގެންގުޅޭ ނިޒާމާ ދޭތެރޭ އޮންނަ އިތުބާރު ކުޑަވާކަމަށާއި، ކުޑަކުދިންގެ މައްސަލަތައް ބެލުމުގައި ވަކި ވަކި މުއައްސަސާތަކުން ބޭނުންވާ ކަންކަމުގެ ކުރިޔަށް އެކުދިންގެ ރައްކާތެރިކަން އިސްކޮށް ހުރިހާ މުއައްސަސާތަކުންވެސް އެ އަމާޒަށް ވާސިލުވުމަށް މަސައްކަތްކުރުމަށް ގޮވާލައްވާފައެވެ.

އެކަމަނާ ވަނީ ކުޑަކުދިންގެ ކަންކަން ބެލުމުގައި ރާއްޖެއަކީ އިންސާނީ ވަޞީލަތް މަދު ޤައުމެއްކަމުން މިފަދަ ކަންކަމުގައި ލިބެން ހުރި ވަޞީލަތެއްގެ ބޭނުން ހެޔޮގޮތުގައި ހިފޭނީ ކަމާބެހޭ މުއައްސަސާތަކުން ގުޅިގެން މަސައްކަތްކުރުމުންކަމަށް ފާހަގަކުރައްވާފައެވެ

ތިން ދުވަހުގެ މުއްދަތައް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި ކޮންފަރެންސަކީ މޯލްޑިވްސް ޕޮލިސް ސަރިވިސަސްއާއި ޔުނިސެފް މޯލްޑިވްސް އިން ގުޅިގެން ކުރިޔަށް ގެންދާ ކޮންފަރެންސެކެވެ. މި ކޮންފަރެންސްގެ މައިގަނޑު ބޭނުމަކީ ކުޑަކުދިންނާ ގުޅޭގޮތުން ހުރި ޤާނޫނުތަކަށް ފުލުހުންގެ ހިންގުމުގެ ދާއިރާގެ ބޭފުޅުން އަހުލުވެރިކުރުމާއި، ކަމާގުޅޭ ފަރާތްތަކާއެކު މަޝްވަރާކުރުމަށްފަހު ކުރިޔަށް އޮތް 18 މަސްދުވަހަށް އެކްޝަން ޕްލޭނެއް ތައްޔާރުކުރުމުގައި އިސްކަންދޭންވީ ކަންކަން ދެނެގަނެ އެ އެކްޝަން ޕޭލޭންތައް ތައްޔާރުކުރުމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް