ވ. އާރަށް ކުއްޔަށް ދިން މައްސަލައިގާ މިއަދު ބާއްވަން އޮތް ޝަރީއަތުގެ އަޑުއެހުން ވެސް ކެންސަލް ވެއްޖެއެވެ.
މިއީ އެމްއެމްޕީއާރުސީ މެދުވެރިކޮށް ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް އުފުލާފައިވާ ރިޝްވަތު ގަބޫލުކުރުމާއި މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ އާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު ޔޫސުފް ނައީމުގެ މައްޗަށްކުރާ ރިޝްވަތު ދިންކަމުގެ ކުށުގެ ދައުވާގެ އަޑުއެހުމެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މިއަދުގެ އަޑުއެހުން ކެންސަލް ކުރީ ދައުވާ ލިބޭ ރައީސް ޔާމީންގެ ދިފާއީ ވަކީލުންގެ އެހެން އަޑުއެހުމެއް ހައިކޯޓުގައި އޮތުމުންނެވެ.
މި މައްސަލައިގާ މިދިޔަ އާދިއްތަ ދުވަހު ބޭއްވުމަށް ތާވަލުކުރި އަޑުއެހުން ވެސް ވަނީ ކެންސަލް ކޮށްފައެވެ. އެއީ ޔޫސުފް ނައީމްގެ ވަކީލުން ބަލިވެ އުޅޭތީއެވެ.
އެ މައްސަލައިގާ މިއަދުވެސް އޮތީ ހެކިބަސް ނެގުމުގެ އަޑުއެހުމެކެވެ.
އެ މައްސަލައިގައި އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ވަނީ އެ މައްސަލައިގައި ހެއްކެއްގެ ގޮތުގައި ހުށަހަޅާފައިވާ އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ ލެޕްޓޮޕްގެ ފޮރެންސިކް ރިޕޯޓު ތައްޔާރުކުރި ފުލުހުންގެ ޑިޖިޓަލް އެވިޑެންސް ލެބޯޓަރީގައި ޑިޖިޓަލް ފޮރެންސިކް އެގްޒެމިނަރއެއްގެ ގޮތުގައި މަސައްކަތްކުރާ އިބްރާހިމް ޒުހައިރުގެ ހެކިބަސް ނަގައިފައެވެ.
އާރަށުގެ މައްސަލައިގައި ޝަރީއަތުން ގަސްތުކުރަނީ މިމަހުގެ ތެރޭގައި ހެކިބަސް ނަގައި ނިންމައި، ހެއްކާ ގުޅޭ ގޮތުން ވާހަކަދެއްކުމަށް އޮގަސްޓު މަހު އަޑުއެހުމެއް ބާއްވާ ހަމަ އެ މަހު ޚުލާސާ ބަޔާން އިއްވުމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް