ޒަމާނީ ސެކިއުރިޓީ ފީޗާތަކާއެކު ސްމާޓް އައިޑީ ކާޑެއް ތައާރަފުކުރަން ނިންމާ, އެ ކާޑު ޑިޒައިން ކޮށްދޭނެ ބަޔަކު ހޯދަން ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު) އިން އިއްޔެ އިއުލާނުކޮށްފިއެވެ.
އެ އިއުލާނުގައި ބުނީ، މިހާރު ބޭނުންކުރާ އައިޑީ ކާޑުގެ ޑިޒައިން ބަދަލުކޮށް، ސަލާމަތީ ގޮތުން ފުރިހަމަ، އިތުބާރާއި ޔަގީންކަން އޮންނަ ޒަމާނީ ސެކިއުރިޓީ ފީޗާތަކާއެކު ސްމާޓް އައިޑީ ކާޑެއް ތައާރަފުކުރަން ނިންމާފައިވާ ކަމަށެވެ.
އެހެން ކަމުން، އެ ކާޑު ޑިޒައިން ކުރަން ޝައުގުވެރިވާ ފަރާތްތަކުން ޑީއެންއާރަށް ޕްރޮޕޯސަލް ހުށަހެޅުމަށް ވަނީ ހުޅުވާލައި އައިޑީ ކާޑު ޑިޒައިން ކުރާނެ ފަރާތެއް ހޮވާނީ އެ ފަރާތުގެ ފަންނީ ގާބިލުކަމާއި ހުށަހަޅާ ކޮންސެޕްޓްގެ ފުރިހަމަ ކަމަށް ބެލުމަށް ފަހު ކަމަށް ޑީއެންއާރުގެ އިއުލާނުގައި ބުނެފައި ވެއެވެ.
މީގެ އިތުރުން ޑީއެންއާރުން ބުނީ އައިޑީ ކާޑު އެންމެ ފުރިހަމަ އަށް ޑިޒައިންކުރާ ފަރާތަކަށް 200،000ރ. ގެ އިނާމެއް ވެސް ލިބޭނެ ކަމަށެވެ.
އަދި އައިޑީ ކާޑު ޑިޒައިންކުރުމަށް ޝޯޓްލިސްޓްވާ ތިން ފަރާތަށް އެކަމުގެ އަގުވަޒަން ކުރުމުގެ ގޮތުން ރަސްމީ ލިޔުމެއް ވެސް ލިބޭނެ ކަމަށް
ޑީއެންއާރުން ބުނެފައި ވެއެވެ.
ޑީއެންއާރުން ބުނީ އެ މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހު 21 ގެ ކުރިން ޕްރޮޕޯސަލް ހުށަހަޅަން ޖެހޭކަމަށެވެ.
އެންމެ ރަނގަޅު ޕްރޮޕޯސަލް ޝޯޓްލިސްޓްކޮށް އެ ފަރާތްތަކަށް އައިޑީ ކާޑުގެ ދެފުށާއި ހޮލޮގްރާމް ކުރަހަން ހަވާލުކުރުމާއި ހޮވުނު ފަރާތުން ފައިނަލް ކުރެހުންތައް ހުށަހެޅުމާއި އަދި އެންމެ ފުރިހަމަ އަށް ފަރުމާކުރި ފަރާތް ހޮވުން އޮންނާނީ އަންނަ އޮގަސްޓް މަހުއެވެ.
ރާއްޖޭގައި މިހާރު ބޭނުންކުރަމުން އަންނަ އައިޑީ ކާޑަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި 1984 ގައި ޑިޒައިން ކޮށްފައިވާ ކާޑެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް