އަންހެނުން ހިތާނު ކުރުމަށް އެއް އިރެއްގައިވެސް ހިތްވަރު ދީފައި ނުވާނެ ކަމަށް ވިދާޅުވެ ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒު މައާފަށް އެދިވަޑައިގެންފި އެވެ.
މިދިޔަ ހަފްތާއިން ފެށިގެން އެންމެ ބޮޑަށް ހޫނުވެފައިވާ މައްސަލަ އަކީ އަންހެނުން ހިތާނު ކުރަން ޖެހޭ ކަމަށް ޑރ. އިޔާޒު ޓުވިޓާގައި ވިދާޅުވި މައްސަލަ އެވެ. އެ މައްސަލަ އިތުރަށް ހޫނުވެ ބަޔަކު ވަނީ އޭނާ އާއި ދެކޮޅަށް އިސްލާމިކް މިނިސްޓްރީގައި މައްސަލަވެސް ޖައްސާފައި އެވެ.
މިއަދު މިނިސްޓްރީން އެ މައްސަލަ ބަލަމުން ދާ ކަމަށް ބުނެފައި ވަނިކޮށް ޑރ. އިޔާޒު ވަނީ މައާފަށް އެދިވަޑައިގެން ބަޔާނެއް ނެރެފައި އެވެ. ބަޔާނުގައި ވިދާޅުވެފައިވަނީ އަންހެނުން ހިތާނު ކުރުމާ ގުޅުވައި ކުރެއްވެވި ޓްވިޓަކާ ގުޅިގެން ގިނަ ބަޔަކު ނަފުރަތު އުފައްދަމުން ގެންދާ ކަމަށެވެ.
ޑރ. އިޔާޒު ވިދާޅުވީ އަންހެނުން ހިތާނު ކުރުމަކީ އޭނާ ވަކާލާތުކުރެއްވި އަދި ވަކާލާތުކުރައްވާ ކަމެއް ނޫން ކަމަށެވެ. އެއީ ރާއްޖެއިން ނެތިގޮސްފައިވާ އާދައެއް ކަމުގައި ބެލެވޭއިރު، އެ އާދަ އަނބުރާ އިއާދަ ކުރަން ވެސް ވަކާލާތު ނުކުރައްވާ ކަމަށް ވިދާޅުވެފައި ވެއެވެ.
އޭނާ ވިދާޅުވީ އަންހެނުން ހިތާނު ކުރުމުގެ މައްސަލައިގައި ޓްވީޓްކުރި ހަމައެކަނި ސަބަބަކީ، މިކަމަކީ އިސްލާމީ ޝަރީޢަތުގައި އެއްވެސް މިންވަރަކަށް ނެތް މައްސަލައެއްގެ ގޮތުގައި އާއްމުންނަށް ވިސްނޭގޮތަށް ބައެއް ފަރާތްތަކުން ދޮގު މައުލޫމާތު ފަތުރަމުން ދާތީ ކަމަށެވެ. އަދި ވިދާޅުވީ އިސްލާމީ ހައިސިއްޔަތުން، އިލްމީ އަމާނާތަށް އަމާނާތަށް ރައްކާތެރިވުމުގެ ގޮތުން އިސްލާމްދީނުގައި މިކަމުގެ އަސްލެއް އޮތް ކަމަކީ ދެކޮޅު ނުހެދޭނެ މިންވަރަށް ހުއްޖަތް ހުރި މައްސަލައަކަށް ވާތީ އެކަން ސާފުކޮށްދިނީން ކަމަށެވެ.
https://twitter.com/dr_iyaz/status/1409446564481835016
އިޔާޒުގެ އެ ބަޔާނުގައި އޭނާ ވިދާޅުވެފައި ވަނީ ބައެއް ގައުމުތަކުގައި އަންހެނުން ހިތާނު ކުރުމުގެ ނަމުގައި އަންހެނުންނަށް ލާއިންސާނީ އަނިޔާތައްދޭ ކަމަށާއި އަނެހެނުނަށް ދޭ އަނިޔާއަކީ ކަނޑައެޅިގެން ހަރާމް އަދި އިސްލާމީ އެއްވެސް އަސްލެއް އޮތް ކަމެއް ނޫން ކަމަށެވެ.
އެ ބަޔާނުގައި މި މައްސަލައިގައި ގިނަ ފަރާތްތަކަކުން އިޔާޒަށް ފުރައްސާރަކުރާ އިރު ދީނީ އިލްމުވެރިން ތިއްބެވީ ހަނު ކަމަށެވެ. ގިނަ ބަޔަކު އިލްމުވެރިންގެ އަގު ވައްޓާލަމުން ދާތީ އެކަން ކުށްވެރިވެސް ކުރައްވާ އޭނާ ވިދާޅުވެފައި ވަނީ އޭނާ ދެއްކެވި ވާހަކައެއްގެ ސަބަބުން، އިސްލާމްދީނަކީ އަންހެނުންގެ ހައްގުތަކަށް އަރައިގަންނަ، ނުވަތަ އަނިޔާވެރިވުމަށް ގޮވާލާ ދީނެއްކަމުގެ ރަނގަޅު ނޫން ތަސައްވުރެއް ބަޔަކަށް ލިބިފައިވާނަމަ އެކަމަށް މާފަށް އެދި ވަޑައިގަންނަވާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް