މާލޭ މަގުތައް ހެދުން މުއިއްޒު ހުއްޓުވައިފި، މުއިއްޒު ބޭނުންވަނީ ރިންގު ރޯޑާއެކު މާލެ ވަށާ ދުވާ ޓްރެކެއް އަޅަން !

މާލެ ވަށާ ހަތަރު ފޫޓުގެ ފުޅާ ދުވާ ޓްރެކެއް ހެދުމަށް ތައްޔާރުވަމުން އަންނަކަމުގެ އިޝާރާތެއް، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) ގެ މެނޭޖިން ޑިރެކްޓަރ މޫސާ އަލީ މަނިކު (މޫކޭ) ދެއްވައިފިއެވެ. މި އ...

28 Jun 2021 | 16:58

މާލެ ވަށާ ހަތަރު ފޫޓުގެ ފުޅާ ދުވާ ޓްރެކެއް ހެދުމަށް ތައްޔާރުވަމުން އަންނަކަމުގެ އިޝާރާތެއް، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) ގެ މެނޭޖިން ޑިރެކްޓަރ މޫސާ އަލީ މަނިކު (މޫކޭ) ދެއްވައިފިއެވެ.

މި އިޝާރާތް މޫކޭ ދެއްވީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.

މި ޓްވީޓްގައި މޫކޭ ވިދާޅުވެފައިވަނީ މާލޭ ސްޓްރީޓް ސްކޭޕިންގ މަޝްރޫއުގެ މަސައްކަތް މިވަގުތަށް ހުއްޓިފައިވަނީ މާލޭގެ މޭޔަރގެ އެދިލެއްވުމާއި އެއްގޮތަށް ޕްރޮޖެކްޓް ސްކޯޕަށް ބޮޑެތި ބަދަލުތައް ގެނައުމަށް ކަމަށެވެ.

"އެގޮތުން މިހާރު ކުރިއަށްދަނީ މާލޭ ވަށާ ހަތަރު ފޫޓު ފުޅާ ދުވާ ޓްރެކެއް ހެދުމަށް އަންދާސީ ހިސާބު ހުށަހެޅުމުގެ މަސައްކަތް" މޫކޭ ވިދާޅުވެފައިވެއެވެ.

https://twitter.com/vmookey/status/1409513790358450179?s=21

މިކަމާއި ގުޅޭގޮތުން މައުލޫމާތު ސާފުކޮށްލުމަށް މޫކޭއަށް ގުޅާލުމުން މޫކޭ ވިދާޅުވީ އައު މޭޔަރު ބައްދަލުކުރައްވައި، މާލޭ ސްޓީޓް ސްކޭޕިންގ ޕްރޮޖެކްޓް މިވަގުތަށް މަޑުޖައްސާލައި ރިންގު ރޯޑާއެކު މާލޭގެ ވަށާ ހަތަރު ފޫޓުގެ ފުޅާ ދުވާ ޓްރެކެއް އެޅުމަށް އިރުޝާދުދެއްވާފައިވާކަމަށެވެ.

"މާލޭ ސިޓީ ކައުންސިލަކީ ކޮންޓްރެކްޓަރ އަޅުގަނޑުމެންނަކީ މަސައްކަތް ކުރާ ފަރާތް، އެހެންވީމަ އެބޭފުޅުން ވިދާޅުވާ ގޮތަކަށް އަޅުގަނޑުމެންގެ މަސައްކަތް މި ޕްރޮޖެކްޓްގައި ދާނީ" މޫކޭ ވިދާޅުވިއެވެ.

ނަމަވެސް މިކަމުގައި މޫކޭ ވަނީ މިއީ ވަރަށް ބޮޑަށް ކަންބޮޑުވާ ކަމެއްކަން ފާޅުކުރައްވާފައެވެ. އެގޮތުން މާލޭ ސްޓްރީޓް ސްކޭޕިންގ ޕްރޮޖެކްޓުގެ ދަށުން ދެން ހަދަން އޮތް ދެ ސެގްމަންޓް ހެދުމަށް ތަކެއްޗާއި މޭން ޕަވާ އެއްކޮށް އިތުރު މުވައްޒަފުންވެސް ނަގާފައިވަނިކޮށް ދެ ސެގްމެންޓް މަސައްކަތް ކުރިއަށް ނުގެންގޮސް އޮންނާތީ އެ ކުންފުންޏަށް ބޮޑެތި ގެއްލުންތަކެއް ލިބެމުން އަންނަ ކަމަށެވެ.

"މިއަދު އަޅުގަނޑާ ބައްދަލުކުރެއްވީ ތިން ކައުންސިލަރަކު، އެބޭފުޅުން ބޭނުންވީ ސްޓްރީޓް ސްކޭޕިންގ ޕްރޮޖެކްޓްގެ މައުލޫމާތު، އަޅުގަނޑު ދެންނެވިން އެނގިނުލައްވާތޯއޭ އައު މޭޔަރު، ދުވާ ޓްރެކެއް ހަދަން މަގު ހެދުން ވަގުތީ ގޮތުން ހުއްޓާލާފައި އޮތްކަން" މޫކޭ ވިދާޅުވިއެވެ.

މޫކޭ ވިދާޅުވީ އެ ކައުންސިލަރުންނަށްވެސް އޭގެ އެއްވެސް ކަމެއް އެނގިފައިނުވާކަމަށެވެ.

މޫކޭ އިތުރަށް ވިދާޅުވީ މާލޭ ސްޓްރީޓް ސްކޭޕިންގ ޕްރޮޖެކްޓަކީ އެމްޑީޕީ އަދި މި ސަރުކާރުގެ ވަރަށް އުންމީދީ ޕްރޮޖެކްޓެއް ކަމުގައިވާއިރު މިގޮަތަށް މި ޕްރޮޖެކްޓް މަޑުޖެހުން މިއީ ކަންބޮޑުވެލައްވާ ކަމެއް ކަމަށެވެ. އަދި މިކަމުގެ ސަބަބުން ކުންފުންޏަށްވެސް ބޮޑެތި ގެއްލުންތަކެއް ވަމުން އަންނަ ކަމަށެވެ.

މާލެ ވަށާ ދުވާ ޓްރެކެއް އެޅުމުގެ ވިސްނުން މުއިއްޒު ގެންގުޅުއްވާއިރު، ކުރީގެ ސަރުކާރުގައި ހައުންސިން މިނިސްޓަރު ކަމުގައި މުއިއްޒު ހުންނެވި އިރު ރަސްފަންނު ސަރަހައްދުގައި ދުވާ ޓްރެކެއް އެޅުމުގެ މަސައްކަތް ފެއްޓެވިއެވެ. ނަމަވެސް އެ މަސައްކަތް ރަނގަޅު ފެންވަރެއްގައި އެއްކޮށް ނިންމާލެވިފައެއް ނުވެއެވެ. އަދި ނުނިމުނުތާނގައި ކުރީގެ ސަރުކާރުން އެ ޓްރެކެއް މެއިންޓެއިންކޮށް ބަލަހައްޓާފައެއްވެސް ނުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް