ހދ. ކުޅުދުއްފުށީ ސިޓީ މޮނިޓަރިންގެ ހާލަތު އުވާލައިފި އެވެ.
އެ ސިޓީ މޮނިޓަރިންގެ ހާލަތަށް ގެނައީ މިމަހުގެ ނުވަ ވަނަ ދުވަހު އެވެ. މޮނިޓަރިންގެ ހާލަތަށް ގެނައީ އެ ސިޓީ އައި މާލެ އާ ދެމެދު ދަތުރު ކުރާ ލޯންޗެއްގެ ފަޅުވެރިއަކު ކޯވިޑަށް ޕޮސިޓިވް ވުމުންނެވެ.
ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއި ކުރައްވާ ކުޅުދުއްފުށީ ސިޓީ ކައުންސިލަށް ފޮނުވާފައިވާ އެންގުމުގައި ބުނެފައިވަނީ ކޯވިޑް-19 އާއި ގުޅިގެން ރައްކާތެރިކަމުގެ ގޮތުން ބަލަން ޖެހޭ ކަންކަން ބަލައި މޮނިޓަރިންގެ ހާލަތު އިތުރަށް ދަމަހައްޓަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ. އަދި މޮނިޓަރިންއަށް ލައި އެޅި ފިޔަވަޅުތައް އުވާލާފައިވާ ކަމަށެވެ.
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ބުނީ އެ ސިޓީން ކޯވިޑް ކޭސްތަކެއް މޮނިޓަރިންއަށް ލީ ފަހުން ފެނުނު ނަމަވެސް މިހާރު ރަށް އާންމު ހާލަތަކަށް އައިސްފައިވާ ކަމަށެވެ.
އެ ހޮސްޕިޓަލުގެ އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުގައި ސިޓީގައި މިވަގުތު ކޯވިޑް-19 ގެ 22 އެކްޓިވް ކޭސް އެބަހުއްޓެވެ. އެ ހުރިހާ އެންމެންވެސް ތިބީ ކަރަންޓީންގައި ކަމުން ބަލި ފެތުރުމުގެ ފުރުސަތެއް ނެތެވެ.
މިއަހަރު ތެރޭ ކޯވިޑް ކޭސްތަކާއި ގުޅިގެން ހަތަރަު ފަހަރު ކުޅުދުއްފުށި ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސްފައި އެވެ.
މިހާރު މޮނިޓަރިންގެ ހާލަތުގައި އޮތީ އަތޮޅު ތެރޭގެ 42 ރަށެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް