އީޔޫގެ ގައުމުތަކަށް އެތެރެވުމަށް ހުއްދަ ލިބޭ ވެކްސިންގެ ތެރޭގައި ކޮވިޝީލްޑް އަދި ނުހިމެނޭ!

ޔޫރަޕިއަން ޔޫނިއަންގެ ގައުމުތަކަށް އެތެރެވުމަށް ހުއްދަ ދޭ ނުވަތަ "ގްރީ ޕާސް" ލިބޭ ކޯވިޑް-19 ވެކްސިންތަކުގެ ތެރޭގައި ކޮވިޝީލްޑް ނުހިމެނޭ ކަމަށް އެޖަމާ އަތުން ބުނެފި އެވެ. ޖުލައި އެއް ވަނަ ދުވަހުން ފެށި...

28 Jun 2021 | 15:32

ޔޫރަޕިއަން ޔޫނިއަންގެ ގައުމުތަކަށް އެތެރެވުމަށް ހުއްދަ ދޭ ނުވަތަ "ގްރީ ޕާސް" ލިބޭ ކޯވިޑް-19 ވެކްސިންތަކުގެ ތެރޭގައި ކޮވިޝީލްޑް ނުހިމެނޭ ކަމަށް އެޖަމާ އަތުން ބުނެފި އެވެ.

ޖުލައި އެއް ވަނަ ދުވަހުން ފެށިގެން އީޔޫގެ ގައުމުތަކަށް އެތެރެވާއިރު ހުއްދަ ލިބިފައިވާ ކޯވިޑް ވެކްސިންގެ ދެ ޑޯޒު ފުރިހަމަ ކޮށްފައިވާ ފަރާތްތަކަށް ކޯވިޑައި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ލުއިތައް ލިބެ އެވެ. އޭގެ ތެރޭގައި ގައުމުތަކަށް އެތެރެވުމާއި ކަރަންޓީން ވާން ނުޖެހުން ހިމެނެ އެވެ.

ގްރީސް ޕާސް ލިބޭ ކޯވިޑް ވެކްސިންތައް ކަނޑައަޅަނީ ޔޫރަޕިއަން މެޑަކަލް އެޖެންސީންނެވެ. އެ އެޖެންސީން ހުއްދަ ދެނީ އެކަމަށް އެދި ވެކްސިން އުފައްދާ ކުންފުނިތަކުން ހުށަހެޅުމުންނެވެ.

އެ އެޖެންސީ ބުނީ މިހާތަނަށް އިންޑިއާގައި އުފައްދާފައިވާ އެސްޓްރާޒެނިކާގެ ކޮވިޝީލްޑް ވެކްސިންއަށް ހުއްދަ ދީފައި ނުވާ ކަމަށެވެ. އެ ހުއްދަ ނުދެވިފައިވަނީ ސީރަމް އިންސްޓިޓިއުޓުން އެކަމަށް އެދި ހުށަހަޅާފައި ނުވާތީ ކަމަށް ބުނެފައިވެ އެވެ.

ކޮވިޝީލްޑުގެ އިތުރުން އިންޑިއާގެ ކޯވިޑް ވެކްސިނެއް ކަމަށްވާ ކޮވެކްސިން އުފައްދާ ކުންފުނިންވެސް ހުއްދައަށް އެދިފައި ނުވާތީ އަދި ހުއްދައެއް ނުލިބެ އެވެ. މި މައްސަލައިގަ އެ ދެ ކުންފުނިން ވަނީ ވީހާވެސް އަވަހަކަށް ގްރީޕް ޕާސް ލިބޭ ވެކްސިންގެ ތެރޭގައި ކޮވިޝީލްޑާއި ކޮވެކްސިން ހިމެނުމަށް ޔޫރަޕިއަން މެޑިކަލް އެޖެންސީއަށް ފޮނުވަންޖެހޭ ލިޔެކިޔުންތައް ފޮނުވުމުގެ މަސައްކަތް ނިންމާނެ ކަމަށެވެ.

ކޮވިޝީލްޑް ވެކްސިންއަށް ހުއްދަ ލިބުމުން ލަސްވާ ނަމަ ޔޫރަޕްގެ ގައުމުތަކަށް ދަތުރު ކުރާ އިންޑިއާ ރައްޔިތުންގެ ތެރެއިން 99.9 ޕަސެންޓު މީހުންނަށް އެ ގައުމުތަކަކަށް އެތެެރެއެއް ނުވެވޭނެ އެވެ. އެއީ އިންޑިއާގައި ކޮވިޝީލްޑާއި ކޮވެކްސިންގެ 321 މިލިއަން ޑޯޒު ދީފައިވާތީ ވެކްސިން ފުރިހަމަކޮށްފައިވާ އިންޑިއާ ރައްޔިތުންނަކީ އެ ދެވެކްސިން ޖަހާފައި ތިބި މީހުންނަށް ވަތީ އެވެ.

އީޔޫއިން ގްރީން ޕާސް ތައާރަފު ކުރަން ފަށާތީ ބައެއް ގައުމުތަކުން ވަނީ ނުރުހުން ފާޅުކޮށްފައި އެވެ. އޭގެ ތެރޭގައި އިންޑިއާ ސަރުކާރާއި އިނގިރޭސިވިލާތުގެ ހިއުމަން ރައިޓްސް ކޮމިޝަން ހިމެނެ އެވެ.

ޑަބްލިއުއެޗްއޯއިން ބުނީ ވެކްސިން ފުރިހަމަ ކުރުމުން ކަރަންޓީން ނުވެވޭގޮތަށް ދަތުރު ކުރެވޭ ގޮތް ގައުމުތަކުން ހެދުމަކީ ތާއީދު ކުރާ ކަމެއް ނޫން ކަމަށެވެ. އެއީ ވެކްސިން ނުލިބިގެން ނުޖެހިފަތިބި އެތައް ބަޔަކު ދުނިޔޭގެ ފަގީރު ގައުމުތަކާއި ތަރައްގީވަމުން އަންނަ ގައުމުތަކުގައި ތިބި އިރު އެއީ އެމީހުންނަށް ކުރެވޭ ތަފާތު ކުރުމެއް ކަމަށް ބުނެފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް