ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ކޮމިއުނިކޭޝަންސްގެ އިސްވެރިޔާ އިބްރާހިމް ހޫދުގެ އަނބިކަނބަލުން ހަދީޖާ ނަސީމް ސްޓޭޓް މިނިސްޓަރު ކަމަށް ޕްރޮމޯޓް ކުރައްވައި އިތުރު ސްޓޭޓް މިނިސްޓަރެއްގެ މިނިސްޓްރީ ބަދަލުކުރައްވައިފިއެވެ.
ރައީސް އޮފީހުން މިއަދު ބުނެފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީގެ މަޤާމާއި، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން މަޤާމަށް، ދެ ބޭފުޅަކު މިއަދު ޢައްޔަންކުރައްވާފައިވާކަމަށެވެ.
އެގޮތުން މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީގެ މަޤާމަށް ޢައްޔަންކުރައްވާފައި ވަނީ ހ.ސުނާރު ޚަދީޖާ ނަސީމް އައްޔަންކުރައްވާފައިވާކަމަށް ވިދާޅުވެފައިވެއެވެ. ހަދީޖާ ނަސީމް ސްޓޭޓް މިނިސްޓަރު ކަމަށް މިއަދު އައްޔަން ކުރައްވާފައިވާއިރު މިއަދާއި ހަމައަށް ހުންނެވީ ހަމަ އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމުގައެވެ.
"ޚަދީޖާ ނަސީމް، ވަނީ އެންވަޔަރަންމަންޓް ދާއިރާއިން އޮސްޓްރޭލިޔާގެ ޔުނިވަރސިޓީ އޮފް މެލްބަން އިން މާސްޓަރސް ޑިގްރީ ޙާޞިލުކުރައްވާފައެވެ. އަދި ޚަދީޖާ ނަސީމް ވަނީ ބައިނަލް އަޤްވާމީ އަދި ރާއްޖޭގެ ބައެއް ޖަމްޢިއްޔާ ޖަމާޢަތްތަކާއި ސަރުކާރުގެ އެކި އިދާރާތަކުގެ އެކިފަންތީގެ މަޤާމުތަކުގައި ދިގު މުއްދަތެއްގައި މަސައްކަތްކުރައްވާ ތަޖްރިބާ ހޯއްދަވާފައެވެ. ޚަދީޖާ ނަޞީމް މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީގެ މަޤާމަށް ޢައްޔަންކުރައްވާފައި ވަނީ ކުރިން އަދާކުރައްވަމުން ގެންދެވި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީގެ އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ސްޕެޝަލިސްޓުގެ މަގާމުން ވަކިކުރައްވާފައެވެ." ރައީސް އޮފީހުން ވިދާޅުވެފައިވެއެވެ.
ރައީސް އޮފީހުން އިތުރަށް ވިދާޅުވެފައިވާގޮތުގައި މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަންގެ މިއަދު އައްޔަންކުރެއްވީ ގ.ކަނޑުވައިގެ އަޙްމަދު އަފްޟަލް އިބްރާހީމެވެ.
"އަޙްމަދު އަފްޟަލް ވަނީ ކޮމްޕިއުޓަރ ސައިންސް ދާއިރާއިން މެލޭޝިޔާގެ ލިމްކޮކްވިންގް ޔުނިވަރސިޓީ އޮފް ކުރިއޭޓިވް ޓެކްނޮލޮޖީއިން، ބެޗްލަރ އޮފް ކޮމްޕިއުޓަރ ސައިންސް ( އޮނާސް) އިން މޮބައިލް ކޮމްޕިއުޓިން ޙާޞިލުކުރައްވާފައެވެ. އަޙްމަދު އަފްޟަލް އިބްރާހީމް މީގެ ކުރިން ވަނީ ސަރުކާރުގެ އިދާރާތަކާ އަމިއްލަ ކުންފުނިތަކުގައި ދިގުމުއްދަތެއްގައި ޚިދުމަތްކުރައްވާފައެވެ." ރައީސް އޮފީހުން ވިދާޅުވެފައިވެއެވެ.
މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން މަޤާމަށް ޢައްޔަންކުރެއްވުމުގެ ކުރިން ހުންނެވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީގެ މަގާމުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް