ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ޝަރީއަތުގައި އޮންލައިންކޮށް ބައިވެރިވުމަށް އިނގިރޭސިވިލާތުގައި ހުންނަ ދިވެހި ހައި ކޮމިޝަނަށް ހާޒިރުވިކަން ކަށަވަރު ކޮށްދީފި އެވެ.
ޖިންސީ ގޯނާގެ ތުހުމަތުގެ މައްސަލަތަކުގެ ދައުވާ އުފުލާފައިވަނިކޮށް ކޯޓު މެދުވެރިކޮށް ޕާސްޕޯޓު ހޯދައިގެން އަލީ މިވަގުތު ހުންނެވީ ބޭސް ފަރުވާއަށް އިނގިރޭސިވިލާތުގައި އެވެ. ބޭސް ފަރުވާއަށް ދިން މުއްދަތު މިމަހުގެ ނުވަ ވަނަ ދުުވަހު ހަމަވި އިރުވެސް އޭނާ ރާއްޖެ ވަޑައި ނުގެންނަވާއިރު ޝަރީއަތުގައި ބައިވެރިވެވަޑައިގެންނެވީ އޮންލައިންކޮށެވެ.
މި މައްސަލައިގަ ޕީޖީ އޮފީހުން ވަނީ ހިތްހަމަ ނުޖެހުން ފާޅުކޮށް އަލީ ޝަރީއަތުގައި ބައިވެރެވަޑައިގެންނެވީ ރާއްޖޭގެ އިހްތިސާސް ހިނގާ ތަނެއްގައިތޯ ޔަގީން ކޮށްދިނުމަށް ކޯޓަށް ހުށަހަޅާފައިވެ އެވެ. އެކަމަކު އެކަން ސާފުކޮށް ނުދޭކަމަށް ބުނެ އެ އޮފީހުން މީގެ ކުރިން ޝަކުވާ ކޮށްފައިވެ އެވެ.
މިއަދު ޕީޖީ އޮފީހުން ބުނީ މީޑިއާގައި ބުނެފައިވަނީ ޕީޖީން ފޮނުވި ސިޓީގެ ޖަވާބު ކްރިމިނަލް ކޯޓުން ދީފައިވާ ކަމަށާއި އެ ސިޓީގައި އަލީ ވަހީދު ހައި ކޮމިޝަނަށް ހާޒިރުވި ކަން ފޮރިން މިނިސްޓްރީ މެދުވެރިކޮށް ޔަގީން ކޮށްދީފައިވާ ކަމަށެވެ.
މި މައްސަލައިގަ ފުލުހުން މެދުވެރިކޮށް ޕީޖީ އޮފީހުން ވަނީ އަލީގެ ޕާސްޕޯޓު ހިފަހައްޓަށްވެސް ކޯޓުގައި އެދިފައި އެވެ. ކޯޓުން އެކަމާއި މެދު ނިންމި ގޮތެއް އަދި ނޭނގެ އެވެ.
އޮންލައިންކޮށް ޝަރީއަތް ހިންގަން ނިންމި ނިންމުން އިސްތިއުނާފު ކުރަން ހައި ކޯޓަށް ހުށަހަޅާފައިވީ ނަމަވެސް އަދި ހައި ކޯޓުން އެ މައްސަލަ ބަލައިގަތުމާ މެދު ގޮތެއް ނިންމައިފައެއް ނުވެ އެވެ.
އަލީގެ މައްޗަށް ދައުލަތުން ހަތް ދައުވާއެއް އުފުލާފައިވެ އެވެ. އެއީ އޭނާ ޓޫރިޒަމް މިނިސްޓަރު ކަމުގައި ހުންނެވި އިރު މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރި މައްސަލަތަކުގައި އެވެ.
އެ ދައުވާތައް ސާބިތުވެއްޖެ ނަމަ އޭނާގެ މައްޗަށް 21 އަހަރުގެ ޖަލު ހުކުމް އަންނާނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް