އެމްއެމްޕީއާރުސީގެ މައްސަލައިގަ ދައުވާ ކުރުމަށް ފޮނުވި މައްސަލައިގަ މަދުވި މައުލޫމާތުތައް އެންޓީ ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.
ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް އަހުމަދު ޝަފީއު ވިދާޅުވީ މަހުލޫފުގެ މައްސަލައިގައި ޕީޖީ އޮފީހުން ބޭނުންވާ މައުލޫމާތާއި އެކު އޭސީސީގެ ސިޓީ ލިބިފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ މަހުލޫފާއި ދެކޮޅަށް ދައުވާ ކުރުމާއި މެދު ގޮތެއް ނިންމާނީ މައްސަލަ ދިރާސާ ކުރުމަށް ފަހު ކަމަށެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބުނު ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި މަހުލޫފުގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި އޭސީސީން ޕީޖީ އޮފީހަށް ފޮނުވީ މި މަހުގެ 9 ވަނަ ދުވަހު އެވެ. އެ މައްސަލައިގައި ޕީޖީ އޮފީހުން ވަނީ އިތުރު ބައެއް މައުލޫމާތުތައް ހޯދަން އޭސީސީގައި ދެ ފަަހަރެއްގެ މަތިން އެދިފަ އެވެ. އޭސީސީން ޖަވާބު ދީފައިވަނީ އެ ސިޓީއަށެވެ.
މަހުލޫފުގެ މައްސަލައިގަ އޭސީސީން ބުނީ އެމްއެމްޕީއާރުސީގެ ފައިސާއިން 33،000 ޑޮލަރު އެސްއޯއެފްގެ އެކައުންޓުން މަހުލޫފަށް ފޮނުވާފައިވާ ކަމަށެވެ. އެކަމަކު އެ މުއާމަލާތަކީ ޑޮލަރު ގަތުމުގެ މުއާމަލާތެއް ކަމަށް ފދައްކަން ފައިސާގެ ރަސީދު ހޯދުން ފަދަ ކަންކަން ކޮށްފައިވާ ކަމަށެވެ.
އޭސީސީގެ ތަހުގީގަށް އެނގިފައިވާ ގޮތުގައި މަހުލޫފު ވަނީ މަޖިލީހުގައި ނެގި ވޯޓަކަށް ޕީޕީއެމް ބޭނުންވާ ގޮތަށް ވޯޓު ދިނުމަށް ރާއްޖެއިން ބޭރުގައި ހުންނަވައި އެ ދުވަހުގެ ވޯޓު ގަޑިއަށް މަޖިލިހަށް ވަޑައިގެންފަ އެވެ.
އޭސީސީން ނެރުނު ބަޔާނާއި ގުޅިގެން މަހުލޫފު އެންމެ ފުރަތަމަ ޓުވިޓާގައި މީގެ ކުރިން ވިދާޅުވީ އެމްއެމްޕީއާރުސީގެ މައްސަލައިގަ އޭނާ އާއި މެދު އަމަލު ކުރަމުން އަންނަނީ ޒާތީކޮށް، ސިޔާސީގޮތުން ކަތިލާ ކަންބަޅިއެއް ގޮތަށް ކަމަށެވެ. އަދި އެކަން ކުރަނީ ސިޔާސީ ބަޔަކު އަޑީގަތިބެގެންކަން އެންމެ އިސްވެރިންނަށް އެނގިވަޑައިގަންނަވާ ކަމަށާއި ބޭނުމަކީ ހަމައެކަނި މަގާމުން ވަކިކުރުން ކަމަށް މަހުލުފު ވިދާޅުވެފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް