ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒުގެ މައްސަލަ އިސްލާމިކް މިނިސްޓްރީން ބަލަން ފަށައިފި އެވެ.
އެ މިނިސްޓްރީން ބަލަން ފެށީ އަންހެނުން ހިތާނު ކުރުމާއި ގުޅޭގޮތުން ޑރ. އިޔާޒު ސޯޝަލް މީޑިއާ މެދުވެރިކޮށް ދައްކަވަމުންދާ ވާހަކަ ތަކާއި ގުޅިގެންނެވެ. ޑރ. އިޔާޒު ވަނީ އަންހެނުން ހިތާނު ކުރަން ޖެހޭނެ ކަމަށާއި އެކަން އިސްލާމް ދީނުގައި ނޯންނަ ކަމުގެ ދަލީލެއް ދެއްކުމަށް ގޮވާލާ އެކަމަށް ދެކޮޅު ހަދާ ފަރާތްތަކަށް ގޮން ޖައްސަވާފައި އެވެ.
މި މައްސަލައިގަ މިއަދު އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު މީޑިއާގައި ވިދާޅުވީ ބައެއް ފަރާތްތަކުން ޑރ. އިޔާޒުގެ އެ ވާހަކަތަކާއި ގުޅިގެން މިނިސްޓްރީއަށް މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ. މައްސަލަ ބަލަން ނިންމީ އެހެންވެ ކަމަށް ވިދާޅުވެފައިވެ އެވެ.
މިނިސްޓަރު ވިދާޅުވީ އަޅާނެ ފިޔަވަޅަކާއި، އެ މައްސަލަ ކުރިޔަށް ގެންދާނެ ގޮތެއް ނިންމާނީ މައްސަލަ ބަލަން ފަށާފައި ކަމަށެވެ.
ޑރ. އިޔާޒު ދެއްކެވި ވާހަކަތަކާ ގުޅިގެން އޭނާއަށް ވަރަށް ބޮޑެތި ފާޑުކިއުންތައް ވަނީ އަމާޒުވެފަ އެވެ. ބައެއް މީހުން ވަނީ ސޯޝަލް މީޑިއާގައި ގައުމީ ޔުނިވާސިޓީގެ ވަޒީފާއިން އޭނާ ވަކިކުރުމަށް ވެސް ގޮވާލާފައި ވެ އެވެ.
އަންހެން ކުދިން ހިތާނުކުރުމުގެ ވާހަކަ އަނެއްކާ ވެސް ފެންމަތިވެފައިވަނިކޮށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމު މިދިޔަ ހުކުރު ދުވަހު ވިދާޅުވީ އިސްލާމްދީނުގައި ހިތާނުކުރުން ޝަރުއުކުރައްވާފައި ވަނީ ހަމައެކަނި ފިރިހެން ކުދިންނަށް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް