ހާއްސަ ހާލަތުގައި ޖެންޑާއަށް މީޑިއާއަށް ފިޔަވަޅަން ގާނޫނު ތަންދޭ: ޕީޖީ ޝަމީމް

ކުޑަކުދިންގެ ކަރާމާތަށް އުނިކަން ލިބޭ ފަދަ މައުލޫމާތުތައް ޝާއިއު ކުރުމާ ގުޅޭ މައްސަލަތަކުގައި ޖެންޑާ މިނިސްޓްރީއަށް މީޑިއާތަކަށް ފިޔަވަޅު އެޅުމުގެ ބާރު ގާނޫނު އަސާސީން ލިބިދީފައިވާ ކަމަށް ޕްރޮސެކިއުޓާ...

28 Jun 2021 | 09:04

ކުޑަކުދިންގެ ކަރާމާތަށް އުނިކަން ލިބޭ ފަދަ މައުލޫމާތުތައް ޝާއިއު ކުރުމާ ގުޅޭ މައްސަލަތަކުގައި ޖެންޑާ މިނިސްޓްރީއަށް މީޑިއާތަކަށް ފިޔަވަޅު އެޅުމުގެ ބާރު ގާނޫނު އަސާސީން ލިބިދީފައިވާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެެ އެވެ.

ޕީޖީ މިހެން ވިދާޅުވީ މިދިޔަ ހަފްތާގައި ރަހީނު ކޮށް މަރާލި13 އަހަރުގެ ކުއްޖާގެ ވަނަވަރާއި އާއިލާގެ ބައެއް މައުލޫމާތުތަށް ބައެއް ނޫސްތަކުން ހާމަ ކުރި މައްސަލައިގަ ޖެންޑާއިން ފިޔަވަޅު އެޅުމުން އެ މިނިސްޓްރީ އާއި މެދު ހިތްހަމަ ނުޖެހުން އުފެދިފައިވާ ދަނޑިވަޅެއްގައި އެވެ. މި މައްސަލައިގަ މޯލްޑީވްސް މީޑިއާ ކައުންސިލުން ބުނެފައިވަނީ ފިޔަވަޅު އެޅުމުގެ ބާރު ލިބިގެންވަނީ އެ ކައުންސިލަށް ކަމަށެވެ.

ޕީޖީ ޝަމީމް އޭނާގެ އަމިއްލަ ބްލޮގުގައި މިއަދު އާންމު ކުރެއްވި އޯޑިއޯއެއްގައި ވިދާޅުވީ، ކުރިން ކުއްޖާ އަކީ ކާކުކަން އެނގޭ ގޮތަށް ނޫސްތަކުގައި ކުޑަކުދިންގެ މައުލޫމާތު ޝާއިއު ކުރެވެނީ، އެކަމަށް ހާއްސަ ގާނޫނެއް ނޯންނާތީ ކަމަށެވެ. އެކަމަކު ކުޑަކުދިންގެ އަދުލުގެ ގާނޫނާއި ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގާނޫނަށް މިހާރު އަމަލު ކުރަމުންދާތީ ފިޔަވަޅު އެޅުމުގެ ބާރު ބައެއް އިދާރާތަކަށް ލިބިގެންވާ ކަމަށެވެ.

ޝަމީމް ވިދާޅުވީ ކުޑަކުދިންގެ ކަރާމާތަށް އުނިކަން އަންނަ ގޮތަށް އެ ކުދިންގެ މައުލޫމާތު އާންމު ކުރުމަކީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގާނޫނުގެ 33 ވަނަ މާއްދާގެ ދަށުން މަނާ ކަމެކެވެ. ކުށުގެ ތުހުމަތުގައިވާ ކުދިންނާއި ކުށުގެ ޝިކާރައަކަށް ވެފައިވާ ކުދިންގެ މައުލޫމާތު ހާމަކުރާއިރު އެއްވެސް މީޑިއާއަކުން އެ ކުދިންގެ ވަނަވަރު އެނގޭނެ ގޮތަށް އެއްވެސް މައުލޫމާތެއް ނުވަތަ ތަސްވީރެއް ޝާއިއުކޮށްގެން ނުވާނެ ކަމަށް ބަޔާންކޮށްފައި އޮންނަކަން ވެސް ވިދާޅުވި އެވެ.

ޕީޖީ ވިދާޅުވީ ޖެންޑާ މިނިސްޓްރީން މީޑިއާއަށް ފިޔަވަޅު އެޅީ އެ ގާނޫނަށް ރިއާޔަތް ކޮށް ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. އަދި އެކަމާއި ގުޅިގެން މީޑިއާ ކައުންސިލާއި އެ މިނިސްޓްރީ އާއި ދެމެދު ހިތްހަމަ ނުޖެހުންތަކެއް އެބަހުރި ކަން ފެނިވަޑައިގެންނަވާ ކަމަށާއި އޭނާ ދެކެވަޑައިގެންނަވާ ގޮތުގައި އެ ހާއްސަ ހާލަތުގައި ޖެންޑާ މިނިސްޓްރީ އަށް ފިޔަވަޅު އެޅިދާނެ ކަމަށް ގަބޫލު ކުރެވޭ ސަބަބުތަކެއް އެބަހުރި ކަމަށެވެ.

ނަމަވެސް އޭނާ ވިދާޅުވީ، އަދަބު ދިނުމުގެ ބަދަލުގައި މި ކަންކަން ހައްލު ކުރެވޭނީ ހޭލުންތެރިކަން ފަތުރައިގެން ކަމަށާއި މިހާރަށް ވުރެ ބޮޑަށް ނޫސްވެރިން ސަމާލުކަން ދޭންޖެހޭ ކަމަށެވެ.

ޝަމީމް ފާހަގަ ކުރެއްވިގޮތުގައި، ގާނޫނުތަކުގައި އޮތް ގޮތް ބަޔާންކޮށް، ކުޑަކުދިންގެ ކަރާމާތަށް އުނިކަން ލިބޭ ފަދަ ކަމެއް ނުކުރުމަށް އެދި ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން އެޖެންސީން މި އަހަރު ފަސް ނޫސް ބަޔާނެއް ނެރެފައިވެ އެވެ. މިއީ އުމުރުން 13 އަހަރުގެ ކުއްޖާގެ މަރާ ގުޅިގެން ދިމާވި މައްސަލައެއް ނޫން ކަމަށާއި މިއީ ކުރިން ވެސް އޮތް މައްސަަލައެއް ކަމަށް އޭނާ ވިދާޅުވި އެވެ.

13 އަހަރުގެ ކުއްޖާގެ މަރުގެ މައްސަލަ ރިޕޯޓު ކުރި ގޮތުން ޖެންޑާ މިނިސްޓްރީން ވަނީ އޮންލައިން ނޫސް "އަވަސް" 2،000 ރުފިޔާއިން ޖޫރިމަނާ ކޮށްފައި އެވެ. އަދި "ވަގުތު"، "އަދަދު" އަދި "ވަން އޮންލައިން" އަށް ވަނީ ނަސޭހަތްތެރިވެފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް